ads
ރައީސް ސޯލިހު 'ހިޔާ ރައްޔިތުންގެ ގުޅުން' ޖަމިއްޔާ އާ ބައްދަލުކުރައްވަނީ - ފޮޓޯ:ރައީސް އޮފީސް
ރައީސް ހިޔާ ޖަމިއްޔާ އާ ބައްދަލުކުރެއްވުން، ކުލި ކުޑަކުރަން މަޝްވަރާ ކުރަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުން ދާ ފަރާތްތައް ތަމްސީލު ކުރާ 'ހިޔާ ރައްޔިތުންގެ ގުޅުން' ޖަމިއްޔާ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.
Advertisement

'ހިޔާ ރައްޔިތުންގެ ގުޅުން' ޖަމިއްޔާގެ ސުޕަ އެޑްމިން އަލީ ރިފާއު 'މިހާރު' އަށް ވިދާޅުވެފައިވަނީ މިއަދު ބޭއްވި ބައްދަލުވުމަކީ ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސް އާ ހިއްސާކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށާއި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ހިއްސާ ކުރީ ކުލި އަގުބޮޑުވުމުގެ މައްސަލަ ކަމަށެވެ.

ރިފާއު ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމާ މެދު ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. ކުލި ކުޑަކުރެވިދާނެ ގޮތުގެ ތިން އިހުތިޔާރެއް ރައީސް ދެއްވި ކަމަށް ރިފާއު ވިދާޅުވިއެވެ. އެގޮތުން،

  • ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ފްލެޓުތަކުގެ ވެރިން ނަގާފައިވާ ލޯނުތައް ދައްކަން ޖެހޭ މުއްދަތަށް ކުލި ކުޑަކޮށްދިނުން
  • ސާވޭއެއް ކުރުމަށްފަހު ކޮންމެހެން ކުލި ކުޑަކޮށްދޭން ޖެހޭ ފަރާތްތަކަށް ސަރުކާރުން ކޮށްދިނުން
  • އެންމެންނަށް ސަރުކާރުން ކުލި ކުޑަކޮށްދިނުން

ރިފާއު ވިދާޅުވި ގޮތުގައި ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުންދާ މީހުންގެ ހާލަތު ދެނެގަތުމަށް ކުރަމުން އަންނަ ސާވޭއަށް ބަލައި، ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ހާއްސަ ކޮމިޓީއަކުން މަޝްވަރާ ކުރުމަށްފަހު އެ ޖަމިއްޔާ އާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމުގައެވެ. ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ރަސްމީކޮށް ގޮތެއް ނިންމަވާނީ އޭގެ ފަހުން ކަމަށް ވިދާޅުވި ކަމަށް ރިފާއު ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި މިހާރު ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާއެވެ. އެ އަދަދު 5،000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ގޮވާލައި އެކި ފަހަރު މަތިން ހިޔާގައި ދިރިއުޅޭ މީހުން މުޒާހަރާ ވެސް ކުރިއެވެ. އެހެންނަމަވެސް ސަރުކާރުން އޭރު ބުނެފައިވަނީ ކުލި ކުޑަކުރެވެން ނެތް ކަމަށެވެ.

ރިފާއު ވިދާޅުވި ގޮތުގައި ރައީސާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި، ހިޔާގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެފައިވާ އިޖުތިމާއީ ދަތިތަކާއި ޕަބްލިކް ޓްރާންސްޕޯޓް ދަތިކަމުގެ އިތުރުން ވިނަރެސް ފްލެޓްތަކުގެ ޑިޕޮސިޓް ފައިސާ އެއްކޮށް ދެއްކުމުގެ ބަދަލުގައި، އެކަމަށް ލުޔެއް ގެނެސްދިނުމާ މެދު މަޝްވަރާ ކުރެވުނު ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް