ބީއެމްއެލްއަށް ފޯރުކޮށްދޭ މި ފައިނޭންސް ޕެކޭޖުގައި އޭޑީބީން ދޭ 13 މިލިއަން ޑޮލަރު (200 މިލިއަން ރުފިޔާ) ގެ ލޯނަކާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖޭއައިސީއޭ) އިން ދޭ 13 މިލިއަން ޑޮލަރު (200 މިލިއަން ރުފިޔާ) ގެ ލޯނެއްގެ އިތުރުން އޮސްޓްރިއަން ޑިވެލޮޕްމަންޓު ބޭންކު (އޯއީއީބީ) އިން ދޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ ލޯނެއް ހިމެނެއެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން އޭޑީބީގެ ޕްރައިވެޓު ސެކްޓާ އޮޕަރޭޝަންސްގެ ޖެނެރަލް ޑިރެކްޓަރު ސުޒެން ގަބޫރީ ވިދާޅުވެފައިވަނީ ބީއެމްއެލް އާއެކު މި ވެވުނު އެއްބަސްވުމުގެ ދަށުން ކޮންމެހެން އެހީ ބޭނުންވެފައިވާ ފަތުރުވެރިކަމުގެ ދާއިރާއަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ވަކިން ހާއްސަކޮށް އަންހެނުން ހިންގާ ވިޔަފާރިތަކަށް އެހީ ލިބިގެންދާނެ ކަމަށެވެ.
މި ޕެކޭޖުގެ 60 އިންސައްތަ އެހީ ދިނުމަށް ހަމަޖެހިފައިވަނީ އެސްއެމްއީތަކަށްވާއިރު، އޭގެ ތެރެއިން ފަސް އިންސައްތަ ހާއްސަކޮށްފައިވަނީ އަންހެނުން ހިންގާ ނުވަަތަ އަމިއްލަ ކުރާ ވިޔަފާރިތަކަށެވެ.
މި ފައިނޭންސް ޕެކޭޖާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމަކް ވިދާޅުވީ، ބީއެމްއެލުން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުން ގެންދާނީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާއި އިގުތިސާދީ ކުރިއެރުމަށް އެހީވުމަށް ކަމަށާއި މި ޕެކޭޖުގެ ސަބަބުން އެ މަސައްކަތަށް އިތުރު އެހީއެއް ލިބިގެންދާނެ ކަމަށެވެ.