ads
ރައީސް ޔާމީން
53 މިލިއަން ރުފިޔާ ދައްކަން ޔާމީނަށް އެންގި މައްސަލަ މިއަދު ހައިކޯޓުގައި
ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކޮށްދިނުމަށް އެދި ޔާމިންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ފަށަން އެ ކޯޓުގައި ތާވަލުކޮށްފިއެވެ.
Advertisement

ރައީސް ޔާމީން 53 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު ފުރަތަމަ އަޑު އެހުން ބޭއްވުމަށް ހައިކޯޓުގައި ތާވަލުކޮށްފައިވަނީ ބުދަ ދުވަހު ހެނދުނު 10:30 އަށެވެ. އަންގާރަ ދުވަހު ހެނދުނުވެސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް ޔާމީންވަނީ ހައިކޯޓަށް ހާޒިރުވެފައެވެ. މިއީ ޑިސެމްބަރު މަހު މާފުށީ ޖަލަށް ޔާމީން ގެންދެވި ފަހުން ޖަލުން ބޭރަށް އެ މަނިކުފާނު ނުކުންނެވި ފުރަތަމަ ފަހަރު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ މައްސަލައިގައި 53 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމާއެކު ޔާމީންގެ ވަކީލުން އެ ކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވަކީލުންގެ ނުކުތާއަކީ، މައްސަލައެއްގައި ހުކުމެއް އިއްވުމަށް ފަހު އޭގެ ފަހުން އެއާ ގުޅުވައިގެން އެކި އަމުރު ނުނެރެވޭނެ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ދައުލަތުން، މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ޔާމީންގެ ފަރާތުން އަނބުރާ ހޯދުމަށް އެދިފައިވަނީ ލޯންޑާކުރި ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރާއި އެ ފައިސާ އިންވެސްޓްކޮށްގެން ޔާމީނަށް ލިބުނު ފައިދާ އެވެ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ކުރީ 11 އަހަރުގެ ޖަލު ހުކުމެކެވެ. މި ހުކުމްވެސް ޔާމީންވަނީ އިސްތިއުނާފުކޮށްފައެވެ.

ޔާމީނަކީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް