އާބަންކޯއިން ބުނީ މާލޭ ސަރަހައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ އުއްމީދާ އެކު 2001 ވަނަ އަހަރު ރައީސް އޮފީހުގައި ހެދުނު ވަކި ޔުނިޓަކުން ފެށި މަސައްކަތަށް މިއަދަށް ވަނީ 22 އަހަރުވެފައި ކަމަށެވެ.
ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓުގެ ނަމުގައި މަދު މުވައްޒަފުންކޮޅަކާ އެކު ފެށުނު މަސައްކަތް ފުޅާވެ އޭރު ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މިއަދުގެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަސައްކަތްތައް ބައްޓަން ކުރެވި ރޭވުންތެރިކަމާ އެކު ކުރަމުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު އެއް އެސްއޯއީގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.
އާބަންކޯއިން ބުނެފައިވަނީ 2019 ވަނަ އަހަރު ވެގެން ދިއައީ އެ ކުންފުނިން އާ މިސްރާބަކަށް ހުންގާނު އަނބުރާލުމަށް ކެނޑުނު ފުރަތަމަ ގިޔަރަށް ކަމަށާއި ހުޅުމާލެ އަކީ ޒަމާނީ ވަސީލަތްތަކާ އެކު އާންމުންނަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ލިބޭ ތަނަކަށް ހެދުމަށް ކުރެވެމުން އައި މަސައްކަތްތަކަށް އިތުރު ބޮޅުތަކެއް އިތުރުވެގެން ދިއަ އަހަރަކަށް ކަމަށެވެ.
އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ކުންފުނީގެ މެންޑޭޓުން އިޖުތިމާއީ ބޯހިޔާވަހިކަން ނަގާ، ކުންފުނީގެ ހުރި ތަޖުރިބާ އާއި ހުނަރުވެރި މުވައްޒަފުންގެ ފުރިހަމަ ބޭނުން ރާއްޖޭގެ ތަރައްގީއަށް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތަށް ކުންފުނީގެ މެންޑޭޓް ބަދަލު ކުރެވިގެން ދިޔަކަމަށް އަބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނި ގޮތުގައި ތިލަފުށި އަދި ގުޅީފަޅުގެ ޒިންމާތަކާއި މި ދެ ރަށް ތަރައްގީކުރުމުގެ މަސްއޫލިއްޔަތާއި އެ ކުންފުނިން ހަވާލުވީ އާ އުންމީދަކާއި އަޒުމެއްގައި ކަމަށާއި 22 އަހަރުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ އިގުތިސާދީ މައި ސަރަހައްދު، ގްރޭޓާ މާލޭ ރީޖަން ޕްލޭންތަކާ އެއްގޮތަށް ރޭވުންތެރި، ޒަމާނީ ފެންވަރެއްގައި ތަރައްގީ ކުރުމަށް ކަމުގައެވެ.
އާބަންކޯއިން އިން ބުނީ މިއަދު އެ ކުންފުންޏަށް 22 އަހަރުވެގެން ދާއިރު، ބަދަލުތަކެއް ގެނެސް، ކުންފުނީގެ މެނޭޖްމަންޓުން އަދި ހުރިހާ މުވައްޒަފުންގެ އަމާޒު މުޅިން އާ ހަރުފަތަކަށް ގެންދިއުމަށް ބޭނުންޖެހިފައިވާ ކަމަށެވެ. ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ވިލަރެސްކޮށް، ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަގަބު ހޯދައި މަސައްކަތްތައް ބައްޓަން ކުރުމަށް ކުންފުނީގެ ބްރޭންޑް 'އާބަންކޯ' މިރޭ ވަނީ ރަސްމީކޮށް ލޯންޗްކޮށްފައި ކަމަށް އެ ކުންފުނިން ބުނެއެވެ. އާބަންކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުގެ ވިސްނުމާ އެއްގޮތަށް، ކައުންސިލްތަކާއި ގުޅިގެން ގެނެވެން ހުރި ތަރައްގީގެ މަސައްކަތްތައް ބަލާ، ލިބިފައިވާ ތަޖުރިބާ އާއި ހޯދިފައިވާ ކާމިޔާބީތަކުގެ ބޭނުންކޮށް ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް ކުންފުނި ފުޅާ ކުރުން ކަމަށެވެ.
އާބަންކޯގެ ކުޑައިގެ ހިޔަލުގައި ހުޅުމާލެ އެކަނި އޮތުން ބަދަލުކޮށް، ބިޔޯންޑް ހުޅުމާލޭގެ ވިސްނުމާ އެކު ތައާރަފު ކުރެވުނު އަބަންކޯ ބްރޭންޑިންގް ވެގެން ދާނީ މިހާރު ކުންފުނިން ދޭ ހިދުމަތްތައް ފުޅާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނީގެ ބްރޭންޑް ލޯގޯ އިފްތިތާހު ކުރެވިފައިވާއިރު، ބްރޭންޑުގެ އަސްލެއް ކަމުގައި ބަލާފައި ވަނީ ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދާ ދޭނެ ބައިވެރިއަކީ އާބަންކޯ ކަމުގައި ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، ކުންފުނީގެ އާ މޮބައިލް އެޕްލިކޭޝަން، އާބަންކޯ އެޕް ވަނީ މިރޭ ލޯންޗްކޮށްފައި ކަމަށާއި މިހާރު އެ ކުންފުނިން ދޭ ހުރިހާ ހިދުމަތެއް ފަސޭހަކަމާ އެކު އެއްތަނަކުން ހޯދޭނެ މަގު އެ އެޕްލިކޭޝަން މެދުވެރިކޮށް ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހުޅުމާލެއިން ފެށި މި ބިޔަބޮޑު ދަތުރު، ގިނަ ގޮންޖެހުންތަކާ ކުރިމަތިލާ މިއަދު ވަނީ މުޅި ރާއްޖެވެސް މި ދަތުރުގެ ބައިވެރިއަކަށް ހެދުމަށް ފެށިފައި ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނި ގޮތުގައި ޒަމާނީ ތަރައްގީ އާއި ރައްޔިތުންގެ ހިތްހަމަޖެހުމަށް މަސައްކަތް ކުރުމަކީ އެ ކުންފުނީގެ އަމާޒު ކަމުގައެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭނެ ގޮތްތައް އިސްކޮށްގެން ކަމަށް ވެސް އަބަންކޯއިން ބުނެފައިވެއެވެ.