ކުރީގެ ނައިބު ރައީސް ފައިސަލް ވަނީ މި ދަތުރުފުޅުގައި ސްރީ ލަންކާގެ ރައީސް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ. އަދި އެ ގައުމުގެ ބޮޑު ވަޒީރު ހަރީނީ އަމަރަސޫރިޔާ ވެސް ބައްދަލުކުރައްވާ މަޝްވަރާކުރައްވާފަ އެވެ. މީގެ އިތުރުން ލަންކާގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ އާއި ވެސް ފައިސަލް ބައްދަލުކުރެއްވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަނޫރާ އިސްވެ ހުންނަވާ އެންޕީޕީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ހޯއްދަވައިފަ އެވެ. ލަންކާގެ ތަމަޅަ މައިނޯރިޓީގެ މައި މަރުކަޒު ކަމަށްވާ ޖަފްނާގެ އިންތިހާބީ ދާއިރާތަކުގައި ވެސް އެ ޕާޓީން ވަނީ ބާރު ގަދަކޮށްފަ އެވެ.
ލަންކާގެ 225 މެމްބަރުން ހިމެނޭ މަޖިލީހުގެ 159 ގޮނޑި ނޫނީ ތިންބައިކުޅަ ދެ ބައިގެ އަގުލަބިއްޔަތު އެންޕީޕީއަށް ލިބުނީ ގާތްގަނޑަކަށް %62 ވޯޓާ އެކު އެވެ. ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަގެ އެންޕީޕީ ސަރުކާރަށް 21 މެމްބަރުންގެ ކެބިނެޓެއް މިހާރު ވަނީ އައްޔަން ކުރައްވައިފަ އެވެ.
އޭކޭޑީގެ ގޮތުގައި މަޝްހޫރު އަނޫރާގެ ކެބިނެޓަކީ ވެރިކަމުގެ ނިޒާމު ހަރުދަނާކޮށް، ޓެކްސް ދައްކާ ފަރާތްތަކަށް އުފުލަން ޖެހޭ ބުރަ ލުއިކޮށްދިނުމަށް ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެކުލަވާލި ކެބިނެޓެކެވެ. ޑިސަނަޔަކަ ވިދާޅުވީ މި ބޮޑު ބާރުގެ ސަބަބުން ކޮރަޕްޝަނާ ދިމާލަށް ގޮސްގެން ނުވާނެ ކަމަށެވެ.
އިންތިހާބުގެ ކެމްޕޭނުގައި އޭނާ ވަނީ ކާމިޔާބު ލިބިވަޑައިގެންފި ނަމަ މަޖިލިސް އުވާލައި އަވަސް އިންތިހާބެއް ބާއްވަން ވައުދުވެ ވަޑައިގެންފަ އެވެ.
އުވާލި މަޖިލީހުގައި އަގުލަބިއްޔަތު އޮތީ ކުރިން ވެރިކަން ކުރެއްވި ސިޔާސީ ނުފޫޒު ގަދަ ދެބެއިން ކަމަށްވާ މަހިންދަ އާއި ގޯޓާބަޔަ ރާޖަޕަކްސަގެ ޕާޓީއަށެވެ. ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަގުލަބިއްޔަތަކީ 1978 ވަނަ އަހަރުގެ ގާނޫނު އަސާސީގެ ދަށުން ލަންކާގައި މިހާތަނަށް ޕާޓީއަކަށް ލިބުނު އެންމެ ބޮޑު އަގުލަބިއްޔަތެވެ.
އަނޫރާ ވިދާޅުވީ އޭނާގެ ޓީމްގެ ގިނަ ބައިވެރިންނަކީ ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހަށް އަލަށް ވަޑައިގެންނެވި ބޭފުޅުން ކަމަށް ވިޔަސް، ގިނަ މެމްބަރުންނަކީ ސިޔާސީ ދާއިރާއަށް އާ ބޭފުޅުން ނޫން ކަމަށެވެ.
ޑިސެނަޔަކަ ވެރިކަމަށް ވަޑައިގަތީ ލަންކާއަށް އިގްތިސާދީ ކާރިސާއެއް ކުރިމަތިވުމުން އުފެދުނު ހަމަނުޖެހުންތަކުގައި އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވިތާ ދެ އަހަރު ފަހުން ބޭއްވި އިންތިޚާބުގައެވެ. އޭނާ ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ވަގަށް ނަގާފައިވާ މުދާ އަނބުރާ ހޯދާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.