ads
މެންބަރު އަލީ ނިޔާޒް
ކުޅިވަރު ގާނޫނަށް އަނެއްކާވެސް އިސްލާހުތަކެއް
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލެވޭ ގޮތަށް ކުޅިވަރު ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައި މަޖިލީހުގައި ބަހުސް ފަށައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒުއެވެ.
Advertisement

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލެވޭ ގޮތަށް ކުޅިވަރު ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައި ރައްޔިތުންގެ މަޖިލީހުގައި އެ އިސްލާހުގެ ބަހުސް ފެށިފައިވާއިރު، މީގެ ކުރިން މަޖިލީހުގެ ޖަލްސާތަކާއި އަދި ކޮމިޓީގައިވެސް ސަރުކާރުންވަނީ ސްޕޯޓްސް ކޯޕަރޭޝަނަކީ ވަގުތުން ވަގުތަށް އުވާލަން ޖެހޭ ތަނެއް ކަމަށް ބުނެފައެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެކަން އޮތީ ނުވެއެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ 2015 ވަނަ އަހަރު ތަސްދީގު ކުރެވި އަމަލު ކުރެވެމުންދާ ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ދައުލަތުގެ ކުންފުންޏެކެވެ. ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލެއް އުފެއްދުމާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކަށް މުދަލުގެ ބޭނުން ހިފުމުގެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން ވިޔަފާރި އުސޫލުން މަންފާ ހޯދައިދިނުން ހިމެނެ އެވެ.

މެމްބަރު އަލީ ނިޔާޒް ހުށަހެޅުއްވި ކުޅިވަރު ގާނޫނުގެ އިސްލާހުގައިވާ ގޮތުން، ސްޕޯޓްސް ކޯޕަރޭޝަން އުވިގެންދާއިރު، ކުޅިވަރު ޗެނަލް "ޔެސް ޓީވީ" ވެސް އުވިގެންދާނެއެވެ. 

ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ބައިގެ އިތުރުން ކުޅިވަރު ގާނޫނަށް ދެން ހުށަހެޅި މި އިސްލާހުގައި ވަނީ ކުޅިވަރު ގާނޫނުގައި ހުރި ފުށުއެރުންތައް ނައްތާލައި، ޔޫތު މިނިސްޓަރީ އާއި ޔޫތު މިނިސްޓަރު އަދި ސްޕޯޓްސް ކޮމިޝަނަރު އަދާކުރަން ޖެހޭ ޒިންމާތައް ކުރިއަށް ވުރެ ރަނގަޅު އުސޫލެއްގެ ތެރެއިން ފެއްތުމަށް ބައިތަކެއް ހިމަނައިފަ އެވެ.

މި އިސްލާހުގެ ސަބަބުން ކުޅިވަރުގައި މިހާރު ހުރި މުހިންމު ކަންތައްތަކަށް ހައްލެއް ލިބި، މިހާރު ހުރި މައްސަލަތަކާއި ގޮންޖެހުންތަކަށް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަންކަން ގެންދަން ފަސޭހަވެގެންދާނެ ކަމަށް ބިލް ހުށަހެޅުއްވި މެންބަރު ވިދާޅުވިއެވެ

ކުޅިވަރު ގާނޫނުގެ މި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ބަހުސްގައި ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުން ވަނީ މި އިސްލާހާ އެއްކޮޅަށް ވާހަކަ ދައްކައިފަ އެވެ. މަޖިލީހުގައި މި އިސްލާހުގައި ހުރި ކަންކަމާ ދެކޮޅަށް ވާހަކަދެއްކެވި މެމްބަރުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދު އަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ކުޅިވަރު ގާނޫނަށް އެމްޑީޕީން ކުރިންވެސް އިސްލާހުތަކެއް ހުށަހެޅިއެވެ. ކުރީގެ ކުޅިވަރު ވަޒީރު ހަސަން ލަތީފު އޭރު ހުށަހެޅުއްވި އިސްލާހުތައް މަޖިލީހުން ބޭރުކޮށްލާފައިވާއިރު، އަލުން ހުށަހެޅި އިސްލާހުތަކުގައި ހުރި ކަންބޮޑުވުން ހަސަން މަޖިލީހުގައި ފާހަގަ ކުރެއްވިއެވެ.

ހަސަން ވިދާޅުވީ ދުނިޔޭގެ ހުރިހާ ކުޅިވަރު ޖަމިއްޔާތަކުން ވެސް ފާހަގަކުރާ އެއް ކަމެއް އަދި ލާޒިމްކުރާ އެއް ކަމަކީ ކުޅިވަރުގެ މައިދާނުގައި ޖެހޭ މައްސަލަތައް ހައްލުކުރެވޭނެ ކުޅިވަރުގެ "ޑިސްޕިއުޓް ރިޒޮލިއުޝަން މެކޭނިޒަމް" އޮންނަން ޖެހޭނެ ކަން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް