ads
ރާއްޖޭގެ ރިސޯޓެއް
ވޯލްޑްބޭންކްގެ އިންޒާރު: ފަތުރުވެރިކަމަށް ބަރޯސާވުން ހުއްޓާލާ
ދިވެހިރާއްޖޭގެ އިގްތިސާދު ދިރާސާކުރާ ހުރިހާފަރާތްތަކަކުން އަބަދުވެސް ދައްކަމުން އަންނަ ވާހަކައަކީ، ރާއްޖޭގެ އިގްތިސާދުގެ ނާޒުކުކަމެވެ. ކިތަންމެ ބާރަށް ކުރިއަރައިގެން ދާތަން ފެނުނުނަމަވެސް، ކުޑަކުޑަ ކަމަކުން، މިސާލަކަށް ސިޔާސީ ހަލަބޮލިކަމެއް އައިސްގެން ނެރޭ ޓްރެވަލް އަޑްވައިސަރީ ފަދަ ކަންތައްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހީވެސްނުކުރާވަރުގެ ގެއްލުން ލިބޭކަމެވެ. ސަބަބަކީ، ރާއްޖޭގެ އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ އޮތުމެވެ.

މުޅިދުނިޔެ ހުއްޓުމަކަށް ގެނައި ކޮވިޑް 19ގެ ބަލިމަޑުކަމާއިއެކު، އެއްގައުމުން އަނެއްގައުމަށް މީހުން ދަތުރުކުރުން ހުއްޓުމަކަށް އައެވެ. މީގެ ސަބަބުން އެއްމެ ބޮޑަކަށް މިބަންދުގެ ނުރަނގަޅު އަސަރު ކުރި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. މި ސިނާއަތުގައި ވަޒީފާއަދާކުރަމުންދިޔަ އެތަކެއްހާސް ދިވެހި ރައްޔިތުންގެ ވަޒީފާ ގެއްލި، މަގުމަތިވިއެވެ. 

ފަތުރުވެރިކަމަށް ހާއްސަކޮށްގެން ބޮޑު އިންޓަރެސްޓްގައި ބޭންކްތަކުން ލޯނުތައް ނަގައިގެން ގެސްޓްހައުސް ހަދައިގެން ތިބި ރައްޔިތުން ހާސްވެ ގޮތް ހުސްވިއެވެ. ރިސޯޓްތަކަށް ސަޕްލައި ކުރަމުންދިޔަ އެތައް ސަތޭކަ ބަޔަކު، ސަޕްލައި ކުރެވިފައިވާ ތަކެއްޗަށް ލިބޭނެކަމަށް ބެލި ފައިސާކޮޅުވެސް ލިބޭނެކަމުގެ އުއްމީދު ކަޑާލައި، އެހެންގޮތަކުން އާމްދަނީ ހޯދުމަށް ވިސްނުމަށް މަޖުބޫރުކުރުވިއެވެ. މިހެންގޮސް އެތަކެއް ކަމެކެވެ. ފަތުރުވެިކަމުގެ ސިނާއަތުން ސީދާގޮތެއްގައި އަދި ނުސީދާގޮތެއްގަައިވެސް އާމްދަނީ ނުލިބޭ ދިވެއްސެއް މަދުވާނެވެ. އެހެންވީމާ މުޅި ސިނާއަތް އެއްކޮށް ހުއްޓުމަކަށް އައިސްފިނަމަ، ގާތްގަނޑަކަށް ހުރިހާ ދިވެހިރައްޔިތުންހެން ބިކަވީއެވެ.

ހަމައެކަނި ކޮވިޑް 19 އެއް ނޫނެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އެކި ވަގުތުތަކުގައި ހިގާ އެކި ހާދިސާތަކާއި އެކު، އަޅުގަނޑުމެންގެ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތައް ވަމުންދެއެވެ. މިސާލަކަށް 2022 ވަނައަހަރު ފެށިގެންދިޔަ ރަޝިޔާ ޔުކްރޭން ހަގުރާމައިގެ ސަބަބުންވެސް ބޮޑެތި ގެއްލުންތަކެއް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެވެ.

ވޯލްޑްބޭންކް އިންވެސް މިވާހަކަ ބުނެފިއެވެ. ވޯލްޑް ބޭންކް އިން 04 އެޕްރީލް 2023 ގައި ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓްގައި ވާގޮތުން، ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެގެން ދާދިއުމަކީ ރާއްޖޭގެ އިގްތިސާދަށް އޮތް ކުރިއެރުމަކަށްވިޔަސް ޓޫރިޒަމަށް ބަރޯސާވުން ކުޑަކޮށް، އިގްތިސާދު ސިންދަފާތު ކުރުމަކީ ރާއްޖޭގެ ކުރިއެރުމުގެ ސިޔާސަތުގެ ވަރަށް ބޮޑު މަގްސަދަކަށް ހެދުމުގެ މުހިންމުކަން ބޮޑުކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އިގްތިސާދީ ހަރަކާތްތަކުގައި ސަރުކާރުގެ ދައުރު ބޮޑުވުން، ހާއްސަކޮށް ފަތުރުވެރިކަން ނޫން އިގްތިސާދީ ދާއިރާތަކުގެ ބޮޑު ބައެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޮޑު ދައުރެއް އަދާކުރުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސްއެޅޭ ކަމަށްވެސް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފަތުރުވެރިކަމަކީ، އެސިނާއަތް ކުރިއަރުވަން ސަރުކާރުން ބޮޑެތި ހޭދަތަކެއް ކުރާ ސިނާއަތެކެވެ. ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އަގުބޮޑުކޮށް، ދިވެހިރާއްޖެ އިޝްތިހާރުކުރެވިގެން ދެއެވެ. އެތަކެއް ފެއާ ތަކުގައި ބައިވެރިވުމުގެ ފުރުސަތު، މި ސިނާއަތުގައި ވިޔަފާރި ކުރާ ފަރާތްތަކަށް ހޯދައި ދެއެވެ. މި ސިނާއަތުގައި އިންވެސްޓްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުއްސަދިންނަށް ދައުވަތު ފޮނުވައެވެ.

މިކަންކަމުގެ ކުޑަވެސް މިންވަރެއް އެހެން ސިނާއަތްތަކަށްވެސް ފޯރުކޮށްދޭންވީ ނޫންތޯއެވެ. މަސްވެރިން އަތުން މަސްގަންނަން ދައުލަތުގެ ކުންފުންޔެއް ހަދާފައި، ކިރިޔާ މަސްކޮޅެއް ބޭނިލާއިރަށް، ތަންފުރިއްޖެ ކަމަށް ބުނެ، ބާނާ މަސްކޮޅު ކިރުވާނުލާ ދޫކޮށްލަންޖެހޭ ހާލަތު ބަދަލުކޮށްލަން، މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ކީއްތޯއެވެ. މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރުމަށް، ދުނިޔޭގެ މުއްސަދިންގެ ސަމާލުކަމަށް އެކަން ނުގެންނަނީ ކީއްވެގެންތޯއެވެ. ދަނޑުވެރިން ހައްދާ ތަކެތި މާކެޓް ކޮށް ވިއްކޭނެ ރަގަޅު އިންތިޒާމްތަކެއް ހަމަޖައްސައި، ދަނޑުވެރިކަމަށް އިތުރު ދިވެހި ޒުވާނުން ވައްދަން ސަރުކާރުން މަސައްކަތްކުރަންވީ ނޫންތޯއެވެ. 

ވިޔަފާރިވެރިން އުފެއްދުމަށް ކޮށްދެވޭނެ ހަމައެކަނި ކަމަކީ، ބޮޑެތި އިންޓްރެސްޓްތަކެއް ބޮލުގައި އަޅުވާފައި ލޯނު ދިނުންކަމަށް ދެކޭ ސަގާފަތް ބަދަލުކޮށް، ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިންވެސްޓްމަންޓް ތައް ލިބޭނެފަދަ ޕްލެޓްފޯމްތަކެއް ހެދުން ކިހިނެތްވާނެތޯއެވެ. މިފަދަ ކިތަންމެ ކަމެއްގެ ވާހަކައެއް ދެއްކިދާނެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް