ads
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ގައިގައި އަތްލައިގެން ނަމަވެސް އިންޑިއާ ސިފައިން ބާލާނަން: އުމަރު
ރިޔާސީ އިންތިހާބުގައި 2023 ވަނަ އަހަރު ވާދަކުރެއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި 2023 ވަނަ އަހަރު ވާދަކުރެއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން ކަމަށާއި ގައިގައި އަތްލައިގެން ނަމަވެސް އެކަން ކުރައްވާނެ ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސީއެންއެމް ޓީވީގެ އިތުރުކާފް ޕްރޮގްރާމުގައި މިރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އިންޑިއާ ސިފައިންނަށް ރާއްޖެއިން ނުފައިބާ ގަދަކޮށްލައިގެން ނުތިބެވޭނެ ކަމަށެވެ. އެހެންކަމުން އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް އިންޑިއާ ސިފައިން ރާއްޖެއިން ބޭލުން ކަމަށްވެސް ވިދާޅުވި އެެވެ.

އުމަރު ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މުއްދަތު ހަމަވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އެއްބަސްވުން އިތުރަށް އާނުކުރަން ނިންމެވި ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރަން އުޅުނު އެހެން ހެލިކޮޕްޓަރެއް ބޭނުން ނުވާ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާ އަށް އެންގެވި ކަމަށްވެސް ވިދާޅުވި އެވެ. އަދި އެއީ ވަރަށް ޒިންމާދާރު ނިންމެވުމެއް ކަމަށްވެސް ވިދާޅުވި އެެވެ.

"ދެން އަޅުގަނޑަކީ ޔާމީނެއް ނޫން. އަޅުގަނޑު މިއީ ޔާމީން ނަމަ އެމީހުން [އިންޑިއާ ސިފައިން] ބާލާނަން. ޔާމީނަށް ކެރިވަޑައިނުގަތީތާ އެމީހުންގެ ގައިގައި އަތްލައިގެން ބާލަން. އަޅުގަނޑު ނަމަ ގައިގައި އަތްލައިގެން ނަމަވެސް ބާލާނަން އިނގޭތޯ ދިވެހިރާއްޖެ އިން.،" އުމަރު ވިދާޅުވި އެވެ

އޭނާ ވިދާޅުވީ ރާއްޖޭގައި އުފެދުނު ގައުމީ ބަތަލުން ރާއްޖޭގައި ތިބި ބޭރުގެ ބާރުތައް ބޭލީ ވެސް ގައިގައި އަތްލައިގެން ކަމަށެވެ. މިއީ މިނިވަން ދައުލަތެއް ކަމަށާއި މިގައުމުގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ބިދޭސީ ސިފައިންނަށް ރާއްޖޭގައި ކުރެވިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެެވެ.

އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލި ނަމަވެސް އިންޑިއާއާ އެކު ރަނގަޅު ގުޅުމެއް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އިންޑިއާ އަކީ މިސަރަހައްދުގައި އޮތް އެންމެ ބޮޑު ގައުމު ކަމަށްވާތީ ރާއްޖޭގެ ކޮންމެ ސަރުކާރަކުން ވެސް އިންޑިއާ އާ އެކު ރަނގަޅު ގުޅުމެއް ބާއްވާ، އިންޑިއާ އަށް އިހްތިރާމު ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އިންޑިއާ އާއި ބޭރުގެ އަސްކަރީ ބާރަކުން ރާއްޖޭގައި ބޭސްއެއް ހަދައިގެން ތިބުމަށް އަބަދުވެސް އިއުތިރާޒު ކުރައްވާ ކަމަށްވެސް ވިދާޅުވި އެެވެ.

"އެކަަމަކު އޭގޭ މާނައަކީ އަޅުގަނޑުމެންގެ އެނދަކު ނުއެއް ނިދޭނެ އެނގޭތޯ؟ އަޅުގަނޑުމެންގެ އެނދަކަށް ނޭރޭނެ އެއްގޮތަކަށްވެސް. އަޅުގަނޑުމެންނަކީ މިނިވަން ގައުމެއް. އެހެންކަމުން އެ މިނިވަންކަން ދިފާއުކުރުމަށްޓަކައި ދައްކާ ވާހަކަ މިދައްކަނީ. އަޅުގަނޑުގެ ވެރިކަމެއްގައި އިންޑިއާ ސިފައިން ބާލާނަން،" ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އޭނާ މަސައްކަތް ކުރައްވާތީ އިންޑިއާ އިން އޭނާއާ ދެކޮޅަށް މަސައްކަތް ކުރާނެ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އިންޑިއާ އިން މިހާރުވެސް އޭނާއާ ދެކޮޅަށް ކެމްޕޭންތަކެއް ހިންގާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑު ޖެހިލުމެއް ނުވޭ އެއްގޮތަކަށް ވެސް. އެކަމަކު މިގައުމުގެ މިނިވަންކަމަށްޓަކައި އަޅުގަނޑު ދައްކާ ވާހަކައެއް މިދައްކަނީ. މިއީ ސައްތައިން ސައްތަ މުސްލިމު ގައުމެއް. މިނިވަން ގައުމެއް. މިގައުމު އޮންނަން ވާނީ އެގޮތަށް." އިންޑިއާ އަށް ތުހުމަތުކުރަމުން އުމަރު ވިދާޅުވި އެެވެ.

އުމަރު އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އެއްޗެއް ވިދާޅުވާން ކެރިވަޑައިގެންނެވި އެއްވެސް ސިޔާސީ ބޭފުޅަކު ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެކަން ކުރައްވަން ކެރިވަޑައިގަންނަވާނެ ބޭފުޅަކު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ތެރޭގައި ނުހުންނަވާނެ ކަމުަގައި ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް