ads
ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ޖައިކާ އާއެކު ސޮއިކުރުން - ފޮޓޯ:އެންވަޔަރަންމަންޓް މިނިސްޓްރީ
ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ޖައިކާ އާއެކު ސޮއިކޮށްފި
ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއެކު ސޮއިކޮށްފިއެވެ.
Advertisement

ގްރީން ކުލައިމެޓް ފަންޑުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ. ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވްއެވެ.

މި މަޝްރޫއަށް ގްރީން ކުލައިމެޓް ފަންޑުން 25.1 މިލިއަން އެމެރިކާ ޑޮލަރު (387 މިލިއަން ރުފިޔާ)، ޖައިކާގެ ފަރާތުން 35.4 އެމެރިކާ ޑޮލަރު (545.8 މިލިއަން ރުފިޔާ) އަދި ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން އެމެރިކާ ޑޮލަރަށްވާ 84.8 މިލިއަން ރުފިޔާ ހޭދަކުުރުމަށް ވަނީ ނިންމާފައެވެ.

'ބިލްޑިން ކްލައިމެޓް ރެސިލިއަންޓް އެންޑް ސޭފަ އައިލެންޑްސް އިން ދި މޯލްޑިވްސް' ނަމުގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި މޫސުމީ ކާރިސާތަކުގެ އިންޒާރާއި މައުލޫމާތު ފޯރުކޮށްދޭ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އޮބްޒާވްކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން ރަށްރަށުގެ ގޮނޑުދޮށްތަކާއި ފަރުތަކާއި ލޭންޑްޔޫސް މޮނިޓާކުރާނެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދާ އިންޓަގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް (އައިސީޒެޑްއެމް) ހަރުދަނާ ކުރުމަށް، ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ހާލަތު މިހާރު ހުރިގޮތުގެ އިންވެންޓްރީ ސްޓަޑީއަކާއި ރިސްކް އެސެސްމަންޓެއް ތައްޔާރުކޮށް އައިސީޒެޑްއެމްއިން ތައްޔާރުކޮށްފައިވާ ޕްލޭންތަކާ އެކު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ލ. މާމެންދޫ، ފޮނަދޫ، ގަން، އިސްދޫގެ އިތުރުން އައްޑޫ ސިޓީ މީދޫގެ ކަނޑައެޅޭ ސަރަހައްދުތަކެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް، މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ހަ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް