މޯލްޑިވިއަނުން ބުނީ މި ހަފުތާގެ އާދިއްތަ ދުވަހު ރާއްޖެއަށް ގެނައި އޭޓީއާރު 42-600 މަރުކާގެ ބޯޓުގެ ފުރަތަމަ ދަތުރު މިއަދު ކުރާނެ ކަމަށެވެ. މިއަދު މެންދުރު 12:00 ޖަހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން 26 ފަސިންޖަރުންނާ އެކު އެ ބޯޓު ލ. ކައްދޫ އެއާޕޯޓަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަނުން އަލަށް ގެނައި އޭޓީއާރު ބޯޓުގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ "ސީއެންއެމް" އަށް ވިދާޅުވީ މޯލްޑިވިއަންގެ ބޯޓުތައް މިހާރު އުދުހެމުންދާ ހުރިހާ މަންޒިލްތަކަކަށް މި ބޯޓުންވެސް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެއާބަސްގެ ބަދަލުގައި އިންޑިއާގެ ކޮޗިންއަށް އޭޓީއާރު ބޯޓުތަކުން ދަތުރުތައް ކުރަމުންދާތީ އެ ފަދަ ދަތުރުތަކުގައި އޭޓީއާރު 42 މަރުކާގެ ބޯޓު ބޭނުންކުރާނެތޯ ކުރެވުނު ސުވާލަށް ޖެނިފާ ވިދާޅުވީ މި ބޯޓުގައި ކެޕޭސިޓީ ތަންކޮޅެއް މަދުވާނެ ކަމަށާއި އިންޑިއާއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރާނީ އޭޓީއާރު 72 މަރުކާގެ ދެ ބޯޓު ކަމަށެވެ. މި ބޯޓު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އެތެރޭގެ އުދުހުންތަކުގައި އެކަނި ކަމަށް ޖެނިފާ ވިދާޅުވިއެވެ.
މޯލްޑިވިއަން ހިންގަމުން އަންނަ އައިއޭއެސްގެ ފަރާތުން އޭޓީއާރު މަރުކާގެ ތިން ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އޭޓީއާރު 72 މަރުކާގެ ދެ ބޯޓާއި އޭޓީއާރު 42 މަރުކާގެ އެއް ބޯޓެވެ.
އެ ތިން ބޯޓުގެ ތެރެއިން އޭޓީއާރު 72 މަރުކާގެ ދެ ބޯޓު ރާއްޖެއަށް ގެނެސްފައިވަނީ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ ދެ ބޯޓުގެ ބޭނުން ކުރަން ފަށާފައިވާއިރު، ފުރަތަމަ ބޯޓުގެ ހިދުމަތް ފަށާފައިވަނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެެވެ. ދެ ވަނަ ބޯޓުގެ ހިދުމަތް ފަށާފައިވަނީ އެ މަހުގެ 22 ވަނަ ދުވަހުއެެވެ. އަލަށް ގެނައި އޭޓީއާރު 42 މަރުކާގެ ބޯޓުގެ ދަތުރުތައް މިއަދު ފެށުމާ އެކު، އޭޓީއާރު މަރުކާގެ ތިން ބޯޓުވެސް ހިދުމަތަށް ނެރެވުނީއެވެ.
މިދިޔަ އާދިއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖެނިފާ ވިދާޅުވެފައިވަނީ މޯލްޑިވިއަނުން ނިންމާފައިވަނީ ޑޭޝް މަރުކާގެ ބޯޓުތައް މިހާރު އުފައްދަމުން ނުދާތީ އާއި އެ ބޯޓުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް ލިބުން ދަތިކަމަކަށް ވާތީ ޑޭޝް އަށެއް މަރުކާގެ ހުރިހާ ބޯޓެއް ފޭސް އައުޓް ކުރުމަށް ކަމަށާއި އެކަމުގެ ޕްލޭނެއް އެ ކުންފުނިން ގެންގުޅެމުންދާ ކަަމަށެވެ.
ޖެނިފާ ވިދާޅުވި ގޮތުގައި އަލަށް ގެނައި ބޯޓާ އެކު އޭޓީއާރު މަރުކާގެ ތިން ބޯޓު ގެނެވުނީ ކަމަށާއި އަދި އިތުުރު ފަސް ބޯޓު މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
ޖެނިފާ ވިދާޅުވީ އޭޓީއާރު ބޯޓުތަކުގެ ސަބަބުން އެ ކުންފުނިން ވޭތުވެދިޔަ ތަނުގައި މެއިންޓަނަންސްއަށް ކުރަމުން ދިޔަ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. މިހާރު ބޭނުން ކުރަމުންދާ ބޯޓުތަކަކީ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޯޓުތަކެއް ކަމުން މެއިންޓަނަންސް ހަރަދުތައް ފުދޭވަރަކަށް ބޮޑު ކަމަށާއި އާ ބޯޓުތައް ގެނައުމުން އެ ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެކަން ޖެނިފާ ފާހަގަކުރެއްވިއެވެ.