ads
ސީއެމްޑީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: އިންވެސްޓްކުރަނީ ހުއްދަ އޮތް ފަންޑެއްގައިކަން ކަށަވަރުކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފައި - ފޮޓޯ:ސީއެމްޑީއޭ
އިންވެސްޓްކުރަނީ ހުއްދަ އޮތް ފަންޑެއްގައިކަން ކަށަވަރުކުރުމަށް ސީއެމްޑީއޭއިން އެދެފި
އިންވެސްޓްމެންޓް ފަންޑުތަކަށް އިންވެސްޓު ކުރުމަށް ލިބޭ ހުށަހެޅުންތަކުގައި ބައިވެރިވުމުގެ ކުރިން، އެއީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށް ސަމާލުވުމަށް އެ އޮތޯރިޓީން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.

ސީއެމްޑީއޭގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންވެސްޓްމަންޓް ފަންޑު ހިންގުމާއި އިންވެސްޓުކުރުމަށް ލަފާ ދިނުމުގެ ހިދުމަތް އަދި ފަންޑު މެނޭޖުކޮށްދިނުމުގެ ހިދުމަތް ދިނުމަކީ އެ އޮތޯރިޓީން ލައިސަންސް ނަގައިގެން ކުރަން ޖެހޭ ކަމެއް ކަމަށެެވެ.

ރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް އެކަމަށް ނަގަން ޖެހޭ ހުއްދަ ނުވަތަ ލައިސަންސް ނުނަގައި، އާންމުކޮށް ހުޅުވާލައިގެން އިންވެސްޓްމަންޓް ފަންޑު އުފައްދާ މެނޭޖުކޮށް ހިންގުމަކީ ނުވަތަ އެގޮތަށް ދޭހަވާފަދަ ގޮތަކަށް އިސްތިހާރުކޮށް ހެދުމަކީ މަނާކަމެއް ކަަމަށް އެ އޮތޯރިޓީން ބުނެއެވެ. ސީއެމްޑީއޭއިން ބުނި ގޮތުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެނޫން ގޮތަކަށްވެސް އިސްތިހާރުކޮށްގެން ފަންޑު ހޯދުމާއި އިންވެސްޓުކުރުމަށް ލަފާދިނުމާއި ލަފާދޭފަރާތެއް ގޮތަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން އެ އޮތޯރިޓީގެ ލައިސަންސް ނުނަގާ ހިދުމަތް ދިނުމަކީ، މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނުގެ ދަށުން މަނާ ކަމެއް ކަމުގައެވެ.

"އެކިއެކި ފަރާތްތަކުން އިންވެސްޓުކުރުމަށް ލިބޭ ހުށަހެޅުމުގައި ބައިވެރިވުމުގެ ކުރިން، މި އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށް ސަމާލުވުމަށް އިންވެސްޓަރުންނަށް ނަސޭހަތްތެރިވަމެވެ،" ސީއެމްޑީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މައުލޫމާތާއި އިންވެސްޓުކުރުމަށް ލަފާދޭ ފަރާތްތަކުގެ މައުލޫމާތު، އެ އޮތޯރިޓީގެ ވެބްސައިޓުގައި ފެންނަން ހުންނާނެކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

ސީއެމްޑީއޭގެ ބަޔާނުގައި ބުނީ ލައިސަންސް ނުނަގައި އެފަދަ ކަމެއް ހިންގާކަން އެނގޭނަމަ ވީހާވެސް އަވަހަކަށް އެ އޮތޯރިޓީގެ ސަމާލުކަމަށް ގެނެސްދިނުމަށް އީމެއިލް [email protected] މެދުވެރިކޮށް މައުލޫމާތު ހުށަހެޅުމަށް އެދޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް