ads
ހޯޑެއްދޫ——
ފެނަކަ އިން ހޯޑެއްްދޫ އަށް 20 ޓަނުގެ ބޯފެން ހަދިޔާކޮށްފި
ފެނަކަ ކޯޕޮރޭޝަން އިން ގދ.ހޯޑެއްދޫ އަށް 20 ޓަނުގެ ބޯފެން ހަދިޔާ ކޮށްފިއެވެ.

ފެނަކަ ކޯޕޮރޭޝަން އިން 20 ޓަނުގެ ބޯފެން ގދ.ހޯޑެއްދޫ އަށް ހަދިޔާ ކޮށްފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި އެވެ.

ހޯޑެއްދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުއާޒް މުހައްމަދު ވިދާޅުވީ، އިއްޔެ ހަވީރު އިރުއޮއްސުނު ވަގުތުން ފެށިގެން، ފެނަކަ ކޯޕޮރޭޝަން އިން ހަދިޔާ ކުރި ފެން ލިބެމުންދާ ކަމަށެވެ.

މިހާތަނަށް ހަދިޔާ ކުރި ހުރިހާ ފެނެއް ލިބިފައި ނުވިނަމަވެސް، ފެނަކަ ކޯޕޮރޭޝަން އިން ފެން ގެންނަމުންދާ ކަމަށާއި، 20 ޓަނުގެ ފެނުން، ހޯޑެއްދޫގެ ގޭތަކުގައި ރައްކާކުރެވެފައިވާ ތާންގީތަކުގައި ހުރި ފެނާއެކު، ގާތްގަނޑަކަށް ކުރިއަށް އޮތް 2 މަސްދުވަހު ހިފަހައްޓާލެވޭނެކަމަށް ލަފާކުރެއްވޭ ކަމަށެވެ.

މީގެ އިތުރުން މުއާޒް ވިދާޅުވީ، ފެނުގެ އެހީތެރިކަމަށް އެދި އާއްމުކޮށް ހުޅުވާލުމުން، އަމިއްލަ ފަރާތްތަކުގެ އެހީ ވަރަށް ބޮޑަށް ލިބެމުން އަންނަކަމަށާއި، މިހާތަނަށް 300 ކޭސް ބޯފެން އާއްމު ފަރާތަކުން ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި މާލެއިން ފުރާ މުދާ އުފުލާ ބޯޓުތައް އެރަށަށް ދާއިރު، އިތުރު ބޯފެން ހަދިޔާ ކުރާނެކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށާއި، އެހެންނަމަވެސް މިހާތަނަށް، ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް މިކަމާއި ގުޅިގެން ހޯޑެއްދޫއަށް ލިބިފައި ނުވާކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

"ފެނަކައިން މިވަނީ 20 ޓަނުގެ ބޯފެން ހަދިޔާ ކޮށްފަ. އިއްޔެ ހަވީރު އިރުއޮއްސުނު ވަގުތުން ފެށިގެން ފެނަކައިން ފެން ގެނެސްދެމުން އެބަދޭ. ލަފާކުރެވޭގޮތުން، މުހާރު ގޭތަކުގައި ރައްކާކުރެވިފައިހުރި ވާރޭ ފެނާއެކު، ކުރިއަށް އޮތް 2 މަސް ދުވަހު ހިފަހައްޓާލެވޭނެ." މުއާޒް މުހައްމަދު

އެ ރަށުގައި ބޯފެން އުފައްދާ ޕްލާންޓެއް ސަރުކާރުން ގާއިމްކޮށްފައިވާއިރު، 2021 ވަނަ އަހަރުން ފެށިގެން އެ ފެން ޕްލާންޓް ހުރީ ހަލާކުވެފައެވެ. 

ހޯޑެެއްދޫއަށް ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއް ވެފައިވުމުގެ ސަބަބުންނާއި، ރަށުގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓް ހަލާކުވެފައިވުމުގެ ސަބަބުން ބޯފެނަށް ޖެހި، އާއްމުންގެ އެހީތެރިކަމަށް އެދިފައިވާއިރު، މި އެޕްރީލް މަހަކީ، މިއަހަރު ރާއްޖެއަށް ކުރިމަތިވާނެ އެއްމެ ހޫނުގަދަ މަސް ކަމުގައި ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓްރުން ވަނީ ބުނެފައިކަން ފާހަގަކޮށްލެވެއެވެ.

:

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް