ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކޮތަޅު އަގު ކުޑަ ކުރުމުގެ މައްސަލަ ހުށަހެޅިފައެއް ނެތް: ރައީސް ނަޝީދު
ޕްލާސްޓިކް ކޮތަޅުގެ އަގު ކުޑަ ކުރުމާއި ގުޅޭ މައްސަލައެއް ސަރުކާރުން ހުށަހަޅާފައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުނި މެނޭޖް ކުރުމުގެ ގަނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް މަރުހަލާ ފެށުމުގެ ކުރިން ރައީސް ނަޝީދު ވަނީ އެ އިސްލާހާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. 

"ބައެއް އިއްޒަތްތެރި މެންބަރުންނަށް ހީވެލައްވާފައި އޮތީ ފުރަތަމަ ކިޔުމާއެކީ އަދި އެޖެންޑާ ކުރުމާއި އެކީގައި މީގައި މިވަނީ މިބިލުގެ 32 ވަނަ މާއްދާގައި އެބުނާ އަގާ ގުޅޭ މަސައްކަތެއް ކުރުމަށް، ފީއާއި ގުޅޭ މަސައްކަތެއް ކުރުމަށޭ. އެހެންނަމަވެސް މިއަދުގެ މިބިލު ހުށަހެޅިފަ މިއޮތީ އެމަސައްކަތް ކުރާކަށެއް ނޫން،" - ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ގާނޫނުގައި ބުނާ ރާއްޖެއަށް ކުރި އެތެރެކުރެވޭ މާއްދާ އުވާލުމަށްކަމަށާއި ކޮތަޅުން އަގު ނުވަތަ ފީ އާއި ގުޅޭ ނުކުތާ ފާހަގަކޮށްފައި ނުވާކަމަށެވެ. އަދި  ކުނި މެނޭޖް ކުރުމުގެ ބިލު ކޮމިޓީން ފާސް ކުރި އިރު 32 ވަނަ މާއްދާއިން އުނިކޮށްފައިވާ، 50 ނުވަތަ އެއަށްވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ފީ ނެގުން އިސްތިސްނާވާ މާއްދާވެސް މިއަދު ހުށަހެޅިި މައްސަލައިގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީން 32 ވަނަ މާއްދާއިން އެ ނުކުތާ އުނި ކުރި އިރު އެކަން ކުރި 15 ސަބަބެއް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ނުކުތާ އުނި ކުރީ ކޮމިޓީއަށް އެއްވެސް ކަމެއް އޮޅިގެން ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމިޓީން ބިލު ފައިނަލް ކުރުމުގެ ކުރިން އެންވަޔަރުމަންޓް މިނިސްޓްރީގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހަށް ކޮމެންޓް ހުށަހެޅުމަށާއި ނަމަވެސް އެކަމަށް ބަންޑާރަ ނައިބުވެސް އަދި މިނިސްޓްރީންވެސް އިސްލާހެއް ހުށަހަޅާފައި، އަދި ކޮމެންޓެއްވެސް ކޮށްފައި ނެތްކަމަށާއި އެހެންކަމުން އެގޮތަށް އެބިލު ފާސްކުރީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކޮތަޅު ބޮނޑިން އަގު ނަގާގޮތަށް ނިންމި ސަބަބު ބަޔާންކޮށް ބައެއް ނުކުތާތައް ރައީސް ނަޝީދު ވިދާޅުވެ ދެއްވިއެވެ.

ކޮތަޅު ބޮނޑިން ފީ ނެގުން އިސްތިސްނާވާ މާއްދާ އުނިކުރި ބައެއް ސަބަބުތައް:

  • ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާ މިންވަރު ކުޑަކޮށްވެސް މަދުވުމުގެ ބަދަލުގައި ކޮތަޅު ބޮނޑި ގަންނަ ފަރާތްތައް އިތުރުވެ ޕްލާސްޓިކް ކޮތަޅު އިންތިހާއަށް މުޖުތަމައުގައި އިތުރުވެގެން ހިނގައިދާނެތީ
  • އޭގެ ސަބަބުން ވިޔަފާރިވެރިންގެ ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ލިބޭ ލިބުން ކުޑަކޮށްވެސް ދަށް ނުވާނެތީއާއި ޕްލާސްޓިކް ކޮތަޅު މަދުކުރުމުގައި ވިޔަފާރިވެރިންގެ ޒިންމާ އެއްކޮށް ކެނޑިގެން ދާނެތީ
  • ޕްލާސްޓިކް ކޮތަޅުގެ ބްލެކް މާކެޓެއް އުފެދުމުގެ ފުރުސަތު އޮތުން
"ބައެއް އިއްޒަތްތެރި މެންބަރުން މި މައްސަލަ މަޖިލިސް ރިސެސްއަށް ދިޔުމުގެ ކުރިން ނިންމުމަށް ވަރަށް ހަރުއަޑުން ވިދާޅުވަމުންދާ އަޑު އަޅުގަނޑަށްވެސް އެބަ އިވޭ. އެހެންނަމަވެސް ފުރަތަމަ ކަމަކަށް ހުށަހެޅިފަކާވެސް ނެތް ތި ވިދާޅުވި މައްސަލައެއް. މިތަނަށް ހުށަހަޅާފައި ވަނީ މުޅިން އެހެން މައްސަލައެއް،" - ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަނޭޅޭ މައްސަލައަކާއި މެދު މަޖިލީހުން ގޮތެއް ނިންމުމަކީ މަޖިލީހުން އަމަލުކުރަމުން ގެންދާގޮތެއް ނޫންކަމަށެވެ.

ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ޕްލާސްޓިކް ކޮތަޅުގެ އެގު ބޮޑުވުމުން ފާޑުކިއުން އަމާޒުވެފައި ވަނިކޮށް އެންވަޔަރުމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮތަޅު އަގުބޮޑުވީ ހޯލްސޭލް ރޭޓުގައި ކޮތަޅު ގަތަސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ ދައްކަން ޖެހޭތީ ކަމަށެވެ. 

އެހެންކަމުން 100 ކޮތަޅުގެ ބޮނޑިއަކަށް 200 ރުފިޔާ ދައްކަން ޖެހޭކަމަށާއި ބިލު މަޖިލީހަށް ހުށަހެޅިއިރު 50 އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ފީނެގުން އިސްތިސްނާ ވާނެކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ނަމަވެސް މަޖިލީހުން ބިލު ފާސްކުރިއިރު އެ މާއްދާ އުވާލާފައިވާކަމަށާއި ސަރުކާރުން ނިންމީ ތަސްދީގުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ކުރި މައްސަލަތައް ހައްލު ހޯދައި ދިނުމަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށް ކަމަށްވެސް ބަޔާނުގައި ވެއެވެ.

އެހެންކަމުން 50 ކޮތަޅު ނުވަތަ އެއަށް ވުރެ އިތުރުވާ ބޮޑިއަށް ފީ ދައްކަން ނުޖެހޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވާކަމަށާއި އިސްލާހު ފާސްވުމުން ކޮތަޅުގެ އަގު ހެޔޮވާނެކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުނެއެވެ.

ވަކިން ކޮތަޅެއް ވިއްކި ނަމަވެސް ހޯލްސޭލްކޮށް ވިއްކި ނަމަވެސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާ ސަރުކާރަށް ނަގާތީ، ކޮތަޅު ހޯލްސޭލްކުރާ ފަރާތްތަކުން ވަނީ 100 ކޮތަޅުގެ ކޮންމެ ބޮނޑިއެއްގެ އަގަށް 200 ރުފިޔާ އިތުރުކޮށްފައެވެ.

އެހެންކަމުން ކުރިން 25 ރުފިޔާއަށް ވިއްކި 100 ކޮތަޅުގެ ކުދި ކޮތަޅު ބޮޑިއެއް މިހާރު ލިބެންހުރީ 225 ރުފިޔާއަށެވެ. މެދު ސައިޒްގެ ކޮތަޅު ބޮޑިއެއް މިހާތު 235 ރުފިޔާއަށް ލިބޭއިރު ކުރިން އެ ސައިޒްގެ ކޮތަޅު ބޮޑިއެއް ވިއްކަމުން ދިޔައީ 30 ރުފިޔާއަށެވެ. ކުރިން 48 ރުފިޔާއަށް ވިއްކި ކޮތަޅުބޮނޑި މިހާރު ބާޒާރުން ލިބެނީ 240 ރުފިޔާއަށެވެ.

ކުރިން 115 ރުފިޔާއަށް ހޯލްސޭލްކޮށް ގަންނަން ލިބުނު ޑަސްބިން ބޭގް ސައިޒްގެ ރަތް ކޮތަޅު ބޮޑިއެއް މިހާރު ބާޒާރުން ލިބެނީ 300 ރުފިޔާއާއި ގާތްކުރާ އަގަކަށެވެ. 225 ރުފިޔާއަށް ކުރިން ވިއްކި ޑަސްބިން ކަޅު ކޮތަޅު ބޮޑިއެއް މިހާރު ލިބެން ހުރީ 400 ރުފިޔާއިން މަތީގައެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް