ޖާބިރުގެ ނަން އިއްވާފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު މަޖިލީހުގެ އިދާރީ މޭޒު ކުރިމަތީގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުންނެވެ.
ޖަލްސާ ފެށި ވަގުތުވެސް ޖާބިރު ހުންނެވީ އިދާރީ މޭޒު ކައިރީގައި ހުއްޓިލައިގެންނެވެ. ޖަލްސާ ފެށިގެން އިރުކޮޅެއް ނުވަނީސް ޖާބިރު ވަނީ އަދުގަދަ ކުރައްވަން ފައްޓަވާފަ އެވެ.
ޖާބިރު އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ނަސޭހަތްތެރިވެފަ އެވެ. ނަމަވެސް ޖާބިރު ގެންދެވީ ހުއްޓާނުލާ އަޑުގަދަ ކުރައްވަމުންނެވެ.
ޖާބިރުގެ ނަން އިއްވާފައިވަނީ ދެ ފަހަރު މަތިިން ނަސޭހަތްތެރި ވުމަށްފަހު އެވެ. އަދި މަޖިލީހުގެ ޗެމްބަރު ދޫކުރައްވާ ވަޑައިގެންނެވުމަށް ރައީސް ނަޝީދު ވަނީ އަންގަވާފަ އެވެ.
މަޖިލީހުގެ ޗެމްބަރުން ޖާބިރު ނިކުމެވަޑައިގަންނަވަން ދެން މަޖިލީހުގެ ޖަލްސާ ވަނީ މެދު ކަނޑާލާފަ އެވެ. މަޖިލިސް ކުރިއަށް ގެންގޮސްފައި ވަނީ ޖާބިރު މަޖިލީހުން ނިކުމެވަޑައިގެންނެވުމުންނެވެ.