ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމްގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފައިވަނީ ޖަލްސާ ކުރިއަށް ދިޔަ ގަޑީ އަޑުގަދަކުރައްވާ ހަޅޭލައްވާ ހެދުމުންނެވެ.
ޝިޔާމް އަޑުގަދަ ކުރައްވަން ފައްޓަވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ކުޅިވަރާ ބެހޭ ގާނޫނުގެ އިސްލާހުގެ ބިލަށް ފަހު ބަސް ވިދާޅުވުމަށް ނިޔާޒަށް ދިން ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށެވެ.
ޝިޔާމްގެ އިތުރުން އިދިކޮޅު އެހެން މެންބަރުންވެސް ވަނީ އަޑުގަދަކުރައްވާފަ އެވެ. އެބޭފުޅުން ނުރުހުން ފާޅުކުރައްވަމުން ގެންދެވީ މޮރިޝަސްގެ މައްސަލައާއި ގުޅިގެންނެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ މެންބަރު ޝިޔާމަށް ދެ ފަހަރެއްގެ މަތިން ނަސޭހަތް ދެއްވާފަ އެވެ. ނަޝީދު ނަސޭހަތް ދެއްވި ވަގުތު ޝިޔާމް ވިދާޅުވީ ރާއްޖެއިން ބައެއް ވިއްކާލައިފި ކަމަށެވެ.
ދެ ފަހަރު ނަސޭހަތް ދެއްވުމުންވެސް ޝިޔާމް އަޑުގަދަ ކުރެއްވުން ހުއްޓާލައްވާފައި ނުވާތީ ރައީސް ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލިސް ހޯލް ދޫކުރައްވާ ވަޑައިގަންނަވަން އަންގަވާފަ އެވެ.
މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ މެންބަރު ޝިޔާމް މަޖިލީހުން ނިކުމެވަޑައިގަތުމުންނެވެ.