ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ބަދަލު ގެނައުމަށް ނިންމާފައިވަނީ ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއި އާބަންކޯ އާއެކު ކުރެވުނު މަޝްވަރާތަކަކަށް ފަހުގައެވެ.
ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކޮށްފައިވަނީ އެތަންތަނުގައި ދިރިއުޅެވޭވަރު ކުރުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުން ބޮޑު ހޭދައެއް ކޮށްފައިވުމުގެ އިތުރުން ތަން ހެދުމަށް ބައެއް ފަރާތްތަކުން ހަރަދު ކޮށްފައިވަނީ ދަރަންޏަށް ނުވަތަ ލޯނު ނަގައިގެން ކަމަށް ވާތީ އެކަމަށް ލުއި ދިނުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.
އުތުރު ހުޅުމާލޭގައި ހަދާފައިވާ 25 ބުރީގެ 16 ޓަވަރުގެ ފްލެޓުތަކުގެ ކުއްޔަކީ މަހަކަށް 7،500 ރުފިޔާއެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކާ 1،000 ރުފިޔާ އާއެކު ޖުމްލަ 8،500 ރުފިޔާ ފްލެޓުތަކުގައި އުޅޭ ފަރާތްތަކުން ކޮންމެ މަހަކު ކުލީގެ ގޮތުގައި ދަނީ ދައްކަމުންނެވެ.
ހިޔާގެ ކުލި ކުޑަކުރުމަށް ނިންމާފައިވަނީ، އެ ފްލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް މިހާރު ކަނޑައަޅާފައިވާ މުއްދަތަށް ހަތް އަހަރު އިތުރު ކޮށްގެންނެވެ. ފްލެޓުތަކަށް މިހާރު ފައިސާ ދައްކާ ހަލާސް ކުރަން ޖެހެނީ 25 އަހަރު ދުވަހުގެ ތެރޭގައި ކަމަށް ވީ ނަމަވެސް، މި ބަދަލާ އެކު ފައިސާ ދައްކާ ހަލާސް ކުރަން ޖެހޭ މުއްދަތު 32 އަހަރަށް ދިގު ދެމިގެންދާނެއެވެ. ފްލެޓުތަކުގެ ކުއްޔަށް ގެންނަ މި ބަދަލާ އެކު މިހާރު ދައްކަމުން އަންނަ ކުލިން 2،200 ރުފިޔާ އުނިވާނެއެވެ.