އާބަންކޯއިން ބުނީ އެ ކޯޕަރޭޝަނުން ހުޅުމާލެ އާބަން އަދި ޒަމާނީ ތަނެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނައިރު، އެންމެ ބޮޑު އެއް އިސްކަމެއްދޭ ކަމަކީ ހުޅުމާލޭގައި މުޖުތަމައުގެ ބަދަހިކަން އިތުރުކޮށް، އާންމުންނަށް ހިތްފަސޭހަ އަދި ހިތްގައިމު މާހައުލެއް ބިނާކުރުން ކަމަށެވެ.
މާލެ ސަރަހައްދަށް ބަލާއިރު، އާންމުންނަށް އެންމެ ޖާގަ ތަނަވަސް ދޮންވެލި ގޮނޑުދޮށެއް ލިބެން އޮތީ ހުޅުމާލެއިން ކަމަށްވާއިރު، ހުޅުމާލޭގެ އަތިރިމަތި ސަރަހައްދުގައި އެ ކޯޕަރޭޝަނުގެ ފަރާތުން ވަނީ އާންމުންގެ ހިތްހަމަޖެހުމަށް އަދި އާންމުން ބޭނުންވާ ފަދަ އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށްދީފައި ކަމަށް އާބަންކޯއިން ބުނެއެވެ.
އޭގެ ތެރޭގައި ކެފޭ، ޓޭކްއަވޭ ޝޮޕްސް، އަދި ވަކިން ހާއްސަކޮށް ވޯޓާ ސްޕޯޓްސް ވިޔަފާރިއަކީ ހުޅުމާލޭގެ ބީޗު ސަރަހައްދުގައި ހިންގަމުން އަންނަ ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ މިފަދަ ވިޔަފާރިތަކަށް އަތިރިމަތި ސަރަހައްދުން ޖާގަ ދީފައިވީ ނަމަވެސް، މިކަންކަމަށް ހުއްދަ ދީފައިވާނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށެވެ.
އާބަންކޯއިން ބުނި ގޮތުގައި އަތިރިމައްޗަކީ އާންމުން ބޭނުން ކުރާނެ ޖާގަ ތަނަވަސް އަދި އަތޮޅުތެރޭގެ ރަށްރަށުން ވެސް ލިބޭ ފަދަ ދޮންވެލި ސާފު ގޮނޑުދޮށެއްގެ ތަޖުރިބާ ލިބިދޭނެ ފަދަ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނައިރު، މިހާރު މި ކަމުގައި އެ ކޯޕަރޭޝަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަތިރިމަތި ސަރަހައްދުގައި ވިޔަފާރިތައް ހިންގަމުން އަންނަ ބައެއް ފަރާތްތަކުން މިކަމުގައި އޮންނަ އުސޫލުތަކާ ހިލާފުވުން ކަމުގައެވެ.
ވޯޓަ ސްޕޯޓްސް ވިޔަފާރިއަކީ އާންމުންގެ މުނިފޫހިފިލުވުމާއި އުފާވެރި މާހައުލެއް ގާއިމުކުރުމަށް އަތިރިމަތީގައި ހިންގާ ކަމަކަށްވާއިރު، އާންމުންނަށް ބޭނުންވާ ފެންފުޅި އަދި ލުއިކާނާ ފަދަ ތަކެތި ޓޭކްއަވޭގެ ގޮތުގައި އެ ތަންތަނުން ވިއްކަން ހުއްދަދީފައިވަނީ އާންމުންނަށް ފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ ވޯޓާ ސްޕޯޓްސް ވިޔަފާރި ކުރާ ފަރާތްތަކަށް އެ ހިދުމަތް ދިނުމުގެ ހުއްދަ އެ ކޯޕަރޭޝަނުގެ ފަރާތުން ދީފައިވީ ނަމަވެސް، އަތިރިމަތި ސަރަހައްދުގައި ގޮނޑި އަދި މޭޒު ޖަހައި ކެފޭ އުސޫލުން ހިދުމަތް ދިނުމަކީ މަނާކޮށްފައިވާ ކަމެއް ކަމަށެވެ.
އާބަންކޯއިން ބުނި ގޮތުގައި އަތިރިމަތީގައި ގޮނޑި އާއި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިދުމަތް ދިނުމަކީ އެކަމުގައި އާންމުންގެ ކަންބޮޑުވުން އޮތްކަމެއް ކަން އެ ކޯޕަރޭޝަނަށް ފާހަގަވެފައިވާ ކަމުގައެވެ. އެގޮތުން އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދަތިވުމާއި އަތިރިމަތީގެ މާހައުލު ގެއްލޭކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް އެކި ފަހަރުމަތިން ލިބިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނެފައިވަނީ އެ ކޯޕަރޭޝަނުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލެއަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކަމަށެވެ. އެ މަގުސަދުގައި އެ ކޯޕަރޭޝަނުގެ ފަރާތުން ހަދާފައިވާ މިފަދަ އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް އާބަންކޯއިން ބުނެއެވެ.