
ޗާލްސްގެ މަންމާފުޅު ރާނީ އެލިޒަބަތް ދެވަނަ އަވަހާރަވީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ޗާލްސްއަށް ރަސްކަން ލިބިވަޑައިގެންނެވި ނަމަވެސް ރަސްކަމުގެ ތަހުތުގައި ރަސްމީކޮށް ވެޑުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު އެވެ.
ވެސްޓްމިންސްޓާ އެބީގައި ޝާހީ އިއްޒަތުގައި ބޭއްވި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. އޭތެރެރޭގައި ގައުމުތަކުގެ ވެރިންވެސް ހިމެނިވަޑައިގަންނަވައެވެ.
ރަސްގެފާނު ޗާލްސަކީ ވެސްޓްމިންސްޓާ އެބީގައި ރަސްކަމުގެ ތަހުތައް ވެޑުވި 40 ވަނަ ރަސްގެފާނެވެ.
ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ރަސްގެފާން ޗާލްސްއާއި ރާނީ ކޮންސޯޓް ކެމީލާ ދަތުރު ކުރައްވާފައި ވަނީ 1760 ވަނަ އަހަރު ފަރުމާކޮށްފައިވާ ރަނުން ޖަރީކޮށްފައިވާ ޝާހީ ގާޑިޔަލުގައެވެ.
ރަސްގެފާނު ޗާލްސް މިއަދު ތުރުކުރެއްވި ތާޖުކޮޅަކީ ދެ ކިލޯއަށް ވުރެ ބަރު ރަނުން ޖަރީކޮށް ގިނަ އަދަދެއްގެ ޖަވާހިރުން ޖަރީކޮށްފައިވާ ތާޖުކޮޅެކެވެ. ތާޖްކޮޅުގައި 2,868 އަށް ވުރެ ގިނަ އަލިމަސްވެސް ހިމެނެއެވެ.