އާބަންކޯއިން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް، ފްލެޓްތަކުގެ ފިނިޝިންއަށް ލޯނާއި އެހެނިހެން ގޮތްގޮތުން ބޮޑު ހޭދައެއް ކުރަން ޖެހިފައި އޮތުމާއި އެ ލޯނުތައް އަދާކުރަމުން ހިޔާގެ ކުލީގެ ގޮތުގައި 7،500 ރުފިޔާ ދެއްކުމަކީ ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށް މާލީގޮތުން އުފުލަން ޖެހިފައިވާ ބޮޑު ބުރައެއް ކަމުގައި ވާތީ، އެ ބުރަ ލުއިކޮށްދެވޭނެ ގޮތްތައް ބެލުމަށް ސަރުކާރުން ގެންދިޔައީ އެ ކޯޕަރޭޝަނާއި ކަމާ ގުޅޭ އެހެން އިދާރާތަކާ އެކު މަޝްވަރާތައް ކުރަމުން ކަމަށެވެ.
އާބަންކޯއިން ބުނެފައިވަނީ އެންމެ ފުރަތަމަ 2021 ވަނަ އަހަރު ހިޔާ ފްލެޓުގެ ކުލި ކަނޑައެޅުމުގައި މަޝްރޫއުގެ އެންމެހައި ހަރަދުތައް ހިމެނުމަށް ފަހު ހިސާބު ހެދުމުން ކުލީގެ ގޮތުގައި 10،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް މަހަކު ދައްކަން ޖެހޭނެ ކަމަށް އަންދާޒާކުރެވުނު ކަމަށެވެ. އެއީ އިމާރާތުގެ ކޮންސްޓްރަކްޝަން ހަރަދާއި ބިމުގެ ހަރަދާއި ޕްރޮޖެކްޓް މެނޭޖްމަންޓާއި ހަރަދު ސަޕްލިމެންޓަރީގެ އިތުރުން އިދާރީ ހަރަދުތައް ހިމަނައިގެން ހިސާބު ހެދުމުން ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނި ގޮތުގައި އެ އަދަދަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަދަދެއް ކަމުގައި ވާތީ ސަރުކާރުން ވަނީ މުޅި ހިޔާ މަޝްރޫއުގެ 3.7 ބިލިއަން ރުފިޔާ ސަބްސިޑައިޒްކޮށް، ހިޔާގެ ކޮންމެ ފްލެޓެއްގެ ޖުމްލަ ކުލިން 550،000 ރުފިޔާއަކީ ސަރުކާރުން ދޭ ސަބްސިޑީއެއްގެ ގޮތުގައި ހަމަޖައްސައި، ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 7،500 ރުފިޔާ ކަމުގައި ކަނޑައަޅާފައި ކަމުގައެވެ. ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިންމުމަށާއި ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ދިން ލުއިތަކުގެ ތެރެއިން ހިޔާ ފްލެޓުތަކަށް ކުލި ދައްކަން ފެށުން ހަ މަސް ދުވަހަށް ފަސްކޮށްދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އާބަންކޯއިން ބުނީ ހިޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތަކުން އުފުލަން ޖެހޭ މާލީ ބުރަތަކާ ގުޅޭގޮތުން އެ ކޯޕަރޭޝަނުން ކޮށްފައިވާ ދިރާސާތަކުން ހާމަވެފައިވަނީ އެވްރެޖް ގޮތެއްގައި ހިޔާ ފްލެޓުގެ ފިިނިޝިން ނިންމުމަށް 130،000 ރުފިޔާ ފްލެޓް ލިބުނު ފަރާތްތަކުން ހަރަދުކޮށްފައިވާ ކަމަށެވެ. ގިނަ ފަރާތްތަކަކުން މި ހަރަދުކޮށްފައިވަނީ ބޭންކުން ލޯނު ނަގައިގެން ކަމަށްވާތީ، ބޭންކް ލޯނު އަނބުރާ ދެއްކުމަށް އެ ފަރާތްތަކުން އެވްރެޖްކޮށް މަހަކު 2،200 ރުފިޔާ ދައްކަން ޖެހޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނެފައިވަނީ މާލީ ގޮތުން ގިނަ ރައްޔިތުންތަކަކަށް ދިމާވަމުން އައި މި ދަތިތައް ހިޔާ ޔޫނިއަންގެ ފަރާތުން މި އަހަރުގެ އެފްރީލް މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ހިއްސާކޮށްފައިވާ ކަމަށެވެ. ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ހޯދައިދެވޭނެ ލުއިތަކާ ގުޅޭގޮތުން ރައީސް ސޯލިހު ވަނީ އާބަންކޯ އާއި ސަރުކާރުގެ ކަމާ ގުޅޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފައި ކަމަށް އާބަންކޯއިން ބުނެއެވެ.
އެ މަޝްވަރާތަކުގެ އަލީގައި ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުން ފިނިޝިންގެ މަސައްކަތްތަކަށް ކޮށްފައިވާ ނުވަތަ ކުރަން ނަގާފައިވާ ދަރަނި ހަލާސްކުރެވެންދެން ކުރިއަށް އޮތް ހަތް އަހަރު ދުވަހު މިހާރު ހިޔާ ފްލެޓަކަށް ނަގަމުން އަންނަ މަހު ކުލި ކަމުގައިވާ 7،500 ރުފިޔާއިން 2،200 ރުފިޔާ އުނިކޮށް، 5،300 ރުފިޔާ ދައްކާގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނި ގޮތުގައި މި ބަދަލު ގެނައިއިރު، ހިޔާ ފްލެޓުގެ މުޅި ލޯނުގެ މުއްދަތު 25 އަހަރުން 27 އަހަރަށް އިތުރުކޮށްފައިވީ ނަމަވެސް އިތުރުވި ދެ އަހަރުގައި ލޯނަށް އެއްވެސް އިންޓަރެސްޓެއް ނުނަގާނެ ކަމުގައެވެ. އެހެންކަމުން މި ގެނެވުނު ބަދަލުގެ ސަބަބުން ހިޔާގެ އެއްވެސް ފްލެޓެއްގެ ޖުމްލަ އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނީ މިއަދު ގެނެވުނު ބަދަލާ އެކު ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ހިޔާގެ ފްލެޓްތަކަށް ވަންނަންކޮށްފައިވާ ނުވަތަ ކުރަމުންދާ ނުވަތަ ކުރަން ރާވާފައިވާ ހަރަދުތައް ކުރުމުގައި ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.