އައްޑޫ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހިތަދޫ މާކޯޅި ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގެ ސަބަބުން އެގޭގައި ދިރިއުޅޭ ފަރާތްތައް ވަގުތީ ހިޔަލަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ. އަދި މި ހާދިސާގައި ހާލު ދެރަވެފައިވާ ފަރާތްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އެ މީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެސް އެ ކައުންސިލުން މައުލޫމާތުދެ އެވެ.
ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ތިން ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ނަގާފައި ކަމަށް އެ ކައުންސިލުން މައުލޫމާތުދެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އަންނަނީ ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ގުޅިގެން އެ ގެއަށާއި މުދަލަށް ލިބުނު ގެއްލުންތައް ބަލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
އައްޑޫ ސިޓީ ކައުންސިލުގެ މެންބަރު އިބްރާހިމް ޝިނާޒް ވިދާޅުވީ ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވަނީ ހަތަރު މީހަކަށް ކަމަށެވެ. އަދި އޭގެ ތެރޭގައި މަންމަ އަކާއި އޭނާގެ އަށް މަހުގެ ދަރިފުޅުވެސް ހިމެނޭ ކަމަށް ޝިނާޒް ވިދާޅުވި އެވެ. އެ ދެ މީހުން އެގޭގައި އެއް ގަޑި އިރު ވަންދެން ތާށިވެފައި ތިބި ކަމުގެ މައުލޫމާތު ލިބުނު ކަމަށްވެސް ޝިނާޒް ވިދާޅުވި އެވެ.