ޖެނުއަރީ މަހު ފަހުކޮޅު ފިލިޕީންގެ އަންހެނަކު މަރާލާ އަންދާލާފައި އޮއްވާ ފެނުނީ ކުވައިތުގެ މީހުން ނޫޅޭ ސަރަހައްދަކުން ނެވެ.
ޕޯސްޓްމޯޓަމް ރިޕޯޓުން ދެއްކިގޮތުގައި އޭނާ މަރާލިއިރު ބަނޑުބޮޑެވެ. އަންހެންމީހާ އަކީ، ކުވައިރުގައި މެއިޑެއްގެ ގޮތުގައި ގެންގުޅުނު އަންހެނެކެވެ.
ހަމަ އެދުވަހު މިމައްސަލައިގެ ތުހުމަތުގައި ކުވައިތު ފުލުހުން ވަނީ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ކުރަނީ އަންހެން މީހާ ރޭޕްކުރިކަމާއި އޭނާ މަރާލިކަމުގެ ތުހުމަތެވެ.
އެމައްސަލާގައި ހަފްތާއެއްތެރޭ ފިލިޕީންސްގެ އެތައް ސަތޭކަ މެއިޑުންނެއްވަނީ ކުވައިތު ދޫކޮށް ގޮސްފައެވެ. އަދި ފެބްރުއަރީ މަހު ޕިލިޕީންސުން ވަނީ މެއިޑުންގެ ގޮތުގައި ކުވައިތަށް ޕިލިޕީންސް މީހުން ފޮނުވުން މެދުކަނޑާލާފައެވެ.
އެއާއެކު އުފެދުނު ހިތްހަމަ ނުޖެހުމުގައި މިދިޔަ ހަފްތާގައި ކުވައިތުން ވަނީ ފިލިޕީންސާ ދެކޮޅަށް ބޮޑު ފިޔަވަޅެއް އަޅާފައެވެ. ކުވައިތުން މިހާރުވަނީ ފިލިޕީންސްގެ އެއްވެސް ރައްޔިތަކަށް ކުވައިތުން އެއްވެސް ބާވަތެއްގެ ވިސާ ނުދިނުމަށް ނިންމާފައެވެ. ކުވައިތުން ބުނީ އެފިޔަވަޅަކީ ދެގައުމުގެ ދެމެދުގައި އޮތް އެއްބަސްވުމާ ފިލިޕީންސުން ހިލާފުވުމުން އަދި ކުވައިތުގެ ދާހިލީ މިނިވަންކަން ކަށަވަރު ކުރުމަށް އެޅި ފިޔަވަޅެއްކަމުގައެވެ.
ކުވައިތުގެ މި ފިޔަވަޅާއެކު ފިލިޕީންސުން ހިތްހަމަ ނުޖެހި މިހާރުވަނީ މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރުމަށް އެދިފައެވެ. ނަމަވެސް ކުވައިތުން އަދި އެކަމަށް އިޖާބައެއް ނުދެއެވެ.