ads
'ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023' ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު - ފޮޓޯ:ކުޑަފަރީ ކައުންސިލް
ދަ ލިޓްލް ބިގް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 25 ގެ ނިޔަލަށް
'ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023' ގައި ބައިވެރިވުމުގެ ފުރުސަތު ނ. ކުޑަފަރީ ކައުންސިލުން ހުޅުވާލައިފިއެވެ.

ކުޑަފަރީ ކައުންސިލުން ބުނީ ދަ ލިޓްލް ބިގް ފެސްޓިވަލް 2023 އަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ކަނޑުތަކުގެ ދުވަހާ ގުޅިގެން ކުޑަފަރީގެ ތޮބީއީ، ސަގާފީ އަދި މާހައުލީ ސިފަ އާ ދިރިއުޅުން ފާހަގަކުރުމަށް އެ ރަށުގެ ޖަމާއަތުން ބާއްވާ ހަރަކާތެއް ކަމަށެވެ.

މިއީ އިންޑިއާ ކަނޑުގެ މެދުގައިވާ މި ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތެރޭގައި ކުޑަފަރީ ހިމެނިގެން އެކި ޒަމާންތަކަށް ދެމިގެން އައިސްފައިވާ އަތޮޅުގެ ދިރިއުޅުން ބައްޓަންވަމުން އައިސްފައިވާ ގަދީމީ އަދި ދެމެހެއްޓެނިވި ގޮތްތައް ދިރުވާ ގިނަ ފަރާތްތަކާ އެކު ހިއްސާކުރުމަށް ބާއްވާ ފެސްޓިވަލެއް ކަމަށް އެ ކައުންސިލުން ބުނެއެވެ.

ކުޑަފަރީ ކައުންސިލުން ބުނެފައިވަނީ މި ފެސްޓިވަަލަކީ ރަށުގައި ހައްދާ ދަމަހައްޓާ ގަސްގަހާގެއްސާއި ބިމާއި ފަރުން ގޮވާން ކުރުމާއި ކެއިން ބުއިމާއި އެކި ފާޑުގެ މަސައްކަތްތެރިކަމާއި ގެދޮރު ވަޑާން ކުރުމުގެ ވައްޓަފާޅި ހުރި ގޮތް ދެނެގަނެ ރަށުގެ ތާރީހީ ސިފައެއްކަމުގައިވާ ބޮޑުބެރާއި ބެރުން ރަށުގެ ޖަމާއަތުގެ ރޫހު އާލާކުރުމުގެ ހަރަކާތްތައް ހިންގާ ގޮތްތައް ދިރުވާ ތަޖުރިބާ ކުރުމަށް ބާއްވާ ފެސްޓިވަލެއް ކަމަށެވެ. މި ފެސްޓިވަލުގެ އެންމެ ހާއްސަ ހަރަކާތަކީ ދުވަހުގެ މެންދުރަށް ރަށުގެ ޖަމާއަތުން އެކުގައި ތައްޔާރު ކުރާ ބޮޑު މާލޫދު އާލާ ކެއުން ކަމަށް ކުޑަފަރީ ކައުންސިލުން ބުނެއެވެ.

ކުޑަފަރީ ކައުންސިލުން ބުނި ގޮތުގައި އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލުގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ތަބީއީ ސިފައިގައި ރާއްޖޭގެ ރަށްތައް ކުރިއަރާ ދިއުމަށްޓަކައި ޖަމާއަތުގެ ރޫހު އާލާކޮށް، ހަމަހަމަ އިންސާފުވެރި އުސޫލުން ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރަށާއި އަތޮޅުގެ އިގުތިސޯދު ހިންގުމުގައި ކުޑަފަރީގެ ޖަމާއަތާ ގުޅިގެން މަސައްކަތް ކުރާ އެހެން ރަށްރަށާއި އަތޮޅުގެ ޖަމިއްޔާތަކާއި މަސައްކަތްތެރިންނާއި ވިޔަފާރިތައް އެކުގައި ބައްދަލުވެ ތަޖުރިބާތައް ހިއްސާކޮށް އެކަން ފާހަގަކުރުން ކަމުގައެވެ.

ޒަމާނުއްސުރެ ރާއްޖޭގެ އެކި ހިސާބުތަކުގައި ރައްޔިތުން އެކުގައި އެއްވެ ހިންގަމުން އައިސްފައިވާ މުހިންމު ޖަމާއަތުގެ ހަރަކާތްތައް ކަމުގައިވާ ލަވަ އާއި ބެރާ، ރަށަށް ހާއްސަ ރައިވަރާއި ކޭންބުއިމާއި އެކަކު އަނެކަކަށް ހަދިޔާ ކުރުމާއި ދިވެހި ބިމާއި އުޑާއި ކަނޑުން ޒަމާނުއްސުރެ އުފައްދަމުން އައިސްފައިވާ ބޭސްވެރިކަމާއި ފަންނުވެރިކަމާއި ނެވިކަމާއި ރޫހާނީ އިލްމު އަލުން ބަލާ ހޯދައި އެކަންކަން އާލާކޮށްގެން ރަށުގެ ތަރައްގީ ގެނުވާނެ ގޮތްތައް ހޯދުމަކީ ވެސް މި ފެސްޓިވަލް ބޭއްވުމުގެ މަގުސަދެއް ކަމަށް އެ ކައުންސިލުން ބުނެއެވެ.

ކުޑަފަރީ ކައުންސިލުގެ ރައީސް އަލީ ޝަމީމް މުހައްމަދު "ސީއެންއެމް" އަށް ވިދާޅުވީ ދަ ލިޓްލް ބިގް ފެސްޓިވަލުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ 02:00 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

މި ފެސްޓިވަލުގައި ރާއްޖޭގައި ހަރަކާތްތެރިވާ ކަމާ ގުޅޭ ދާއިރާތަކުގެ ޖަމިއްޔާ ޖަމާއަތްތަކާއި މައި ސަރުކާރުގެ ވުޒާރާތަކާއި އަތޮޅުގެ ރަށްރަށުން ބައިވެރިވާނެ ކަމަށް ކުޑަފަރީ ކައުންސިލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް