ads
ފާރިޝް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި
އީސީގެ ނިންމުން ބަދަލު ނުކޮށްފި ނަމަ އެމްއާރުއެމުން ކޯޓަށް ދަނީ
މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މުރާޖައާކޮށްދިމަށް އެދޭކަމަށާއި އެ ނިންމުން ބަދަލު ނުކޮށްފިނަމަ އެކަމުގައި ކޯޓަށް ވަޑައިގެންނެވުމަކީވެސް އޮތް ފުރުސަތެއްކަމަށް އެޕާޓީގެ ރައީސް އަހުމަދު ފާރިޝް މައުމޫނު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އިސްކޮށް ހުންނަވާ އުފައްދާފައިވާ އެމްއާއުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ މިއަދު އެވެ.

ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު  އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ވަނީ ނިންމާފައެވެ. އިލެކްޝަންސްއިން ހާމަކުރި މައުލޫމާތުގައިވާގޮތުން ފެބުރުއަރީއާ ހަމައަށް އެޕާޓީގެ މެމްބަރުންގެ އަދަދަކީ 2،981 އެވެ. މަދުވަނީ 21 މެންބަރުންނެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިޝް ވިދާޅުވީ އެޕާޓީން މެމްބަރުން ވަކިކުރަމުން ގެންދާގޮތް ބަލަން ޖެހޭކަމަށާއި އެކަމުގައި ކަން ހިނގާފައިވާ ގޮތް އީސީގެ ރައީސް ފުއާދު ގާސިމް ބެއްލެވުމަށް ވެސް އެދޭކަމަށެވެ.

އީސީގެ ތެރެއަށް ކޮންމެ ވެސް ބައެއްގެ ސިޔާސީ ނުފޫޒު ވަދެފައިވާކަން ގަބޫލު ކުރެއްވޭ މޭރުމަކުން ވާހަކަ ފައްދަވަމުން ފާރިޝް ވިދާޅުވީ އެޕާޓީއަށް މެމްބަރުން ވައްދާގޮތާއި ފޯމްތައް ހުށަހަޅާގޮތާއި އަދި ޕްރޮސެސް ކުރާގޮތުގެ އިތުރުން ޕާޓީން މެމްބަރުން ވަކިކުރަމުން ގެންދާ ގޮތް ބަލަން ބޭނުންވާ ކަމަށެވެ. 

ފާރިޝް ވިދާޅުވީ ޕާޓީ އުވާލުން ހުއްޓުވުމުގެ އަމުރެއް ހޯދުމަށް އެއީ އޮތް ފުރުސަތެއްކަމަށްވެސް ބަލާކަމަށާއި ނަމަވެސް ފުރަތަމަ އޮޕްޝަނަކީ އީސީން މިމައްސަލަ އަލުން މުރާޖައާކޮށް ދިނުން ކަމަށެވެ.

"އަމުރެއް ނެރެވޭނީ ކޯޓަކުން ދެއްތޯ، އެންހެންވީމަ ކޯޓަށް ދިއުންވެސް، ދެން އަޅުގަނޑުމެން އެންމެ އެދޭ ގޮތަކީ އަލުން އިލެކްޝަންސް ކޮމިޝަނުން މި މައްސަލަ މުރާޖައާ ކޮށްދިނުން، އެހެންވީމަ އިލެކްޝަންސް ކޮމިޝަނުން އަލުން ބައްލަވާދެއްވާފަ އެބޭފުޅުންގެ ނިންމެވުމާ ބެހޭގޮތުން އެހެން ގޮތެއް ނިންމެވުން އަޅުގަނޑުމެން އެދޭ ގޮތަކީ، އެއީ ފުރަތަމަ އޮތް ޝަނަކީ" - ފާރިޝް

ފާރިޝް ވިދާޅުވީ މިމައްސަލާގައި ދާން ޖެހޭ ކޯޓަކަށް ދިއުމަކީވެސް އޮތް އޮޕަޝަނެއް ކަމަށެވެ.

ފާރިޝް ވިދާޅުވީ އެމްއާރުއެމުން ކެނޑުމަށް އެދިފައިވާކަމަށް ބުނެ މިއަދު ކަނޑާލި ބައެއް މީހުނަކީވެސް ސިޓީގައި ވާގޮތުން 2017 ވަނަ އަހަރު އެޕާޓީން ކެނޑުމަށް ހުށަހެޅި ސިޓީ ކަމަށެވެ. ނަމަވެްސ 2017 ވަނަ އަހަރު އެމްއާރުއެމް ވުޖޫދުގައިވެސް ނެތްކަމަށް ފާރިޝް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް