ads
އެމްޑަބްލިއުއެސްސީގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމް - ފޮޓޯ:އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި
މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެންވޭރު ދަނޑުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި އެސްއޯއީތަކުގެ އިސްވެރިންގެ އިތުރުން އެމްޑަބްލިއުއެސްސީގެ ބޯޑް މެންބަރުންނާއި މެނޭޖްމަންޓުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ 1995 ވަނަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހު އެ ކުންފުނި ވުޖޫދަށް އައިސްފައިވަނީ މާލޭގެ އިތުރުވަމުން ދިޔަ އާބާދީއަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ މަގެއް ތަނަވަސްކޮށްދިނުމަށް ކަމަށެވެ. އެ ކުންފުންޏަށް 28 އަހަރު ފުރިގެން ދިޔައިރު އެ ކުންފުންޏަކީ ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ އިތުރުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޖިނިއަރިންގް އަދި މެނުފެކްޗަރިންގްގެ މަސައްކަތް ކުރަމުންދާ އެއް ކުންފުނި ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި އެ ކުންފުނިން މާލެ ސަރަހައްދުގެ އިތުރުން ހދ. ކުޅުދުއްފުށި، ރ. ދުވާފަރު އަދި ކ. މާފުށީގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން އަންނައިރު، ދުވާފަރުގައި ކަރަންޓާއި ކުނި މެނޭޖުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމުގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި ގިނަ ގޮންޖެހުންތަކާ އެކު ވެސް ތާރީހީ ކުރިއެރުންތަކެއް ހާސިލުކުރެވި ފޮނި ނަތީޖާތަކެއް ނެރެވިފައިވާ ކަމަށެވެ.

އެ ގޮތުން އެ ކުންފުނީގެ ހުރިހާ އޮޕަރޭޝަން ސެންޓަރުތަކުން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތް އިތުރަށް ތަރައްގީކޮށް، ހިދުމަތުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުކުރެވިފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

your imageއެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު ވާހަކަފުޅުދައްކަވަނީ - ފޮޓޯ:އެމްޑަބްލިއުއެސްސީ

ޝާހު ވިދާޅުވެފައިވަނީ ރާއްޖޭގެ 32 ރަށެއްގައި ފެނާއި ނަރުދަމާ މަސައްކަތް ކުރަމުން އަންނައިރު މިހާރު ބައެއް ރަށްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ޝާހުގެ ވާހަކަފުޅުގައި ވަނީ ވޭތުވެދިޔަ އަހަރު އެ ކުންފުނިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ ތެރެއިން ކޮންމެ އަހަރަކުވެސް، އެ އަހަރެއްގެ އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހާއްސަ އެވޯޑްތަކެއް ރޭގެ ހަފުލާގައި ދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޑަބްލިއުއެސްސީން ބުނީ އެ ހަފުލާގައި އެ ކުންފުނިން ދެވޭ އެންމެ ހާއްސަ އެވޯޑް، ޗެއާމަންސް އެވޯޑް ފޮ އެކްސެލެންސް ދީފައި ކަމަށެވެ. މި އެވޯޑަކީ އެ ކުންފުނީގެ ކުރިއެރުމަށާއި ތަރައްގީއަށް ފާހަގަކުރެވޭ އަގުހުރި، އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވަރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކޮށްދީފައިވާ ފަރާތަކަށް ދީފައިވާ އެވޯޑެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާ އެކު ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް