
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގައި ރޭ އެ ޔުނިވަސިޓީގެ ދަސްވެނިވުމުގެ ހަފުލާ 2023ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިސްލާމް ދީނުގެ ސައްހް އަގީދާގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޔުނިވަސިޓީން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ހަރުކަށި ފިކުރާ ދެކޮޅަށް، ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރާ އެކުވެސް އިސްލާމީ ޔުނިވަސިޓީން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
އަދި ޒަމާނީ އިލްމު ފުޅާކޮށް، ތައުލީމުގެ ފުރުސަތު ފަހިކޮށްދީ މުޅި ރާއްޖެ ތަރައްގީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ބަޖެޓުގެ 10.9 އިންސައްތަ ނުވަތަ 4.6 ބިލިއަން ރުފިޔާ ހާއްސަކޮށްފައި ވާނީ ތައުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާފައެވެ.
އޭގެ ތެރެއިން 857 މިލިއަން ރުފިޔާ ހާއްސަ ކޮށްފައި ވަނީ މަތީ ތައުލީމުގެ ދާއިރާތަކަށް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.