ads
އަންނާރުމާގެ: ނައީމާ މޫސާ ދިރިއުޅުނު ގެ – ފޮޓޯ:ސީއެންއެމް
ނައީމާ މަރާލިކަމަށް އެއްބަސްވީ ޑްރަގާއެކު ހައްޔަރުކުރި މީހެއް
ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަން ހާމަވެއްޖެއެވެ.

ނައީމާގެ މަރަށް 50 ދުވަސްވީއިރު، މަރުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ދެ މީހަކު ގެނެސްފައިވާ ކަން ހާމަކޮށްފައިވަނީ އިއްޔެގެ އިރުއޮއްސުނު ފަހުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައެވެ.

މަނަދުއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަހުޒަމް އަބްދުއްޝަކޫރު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ މީގެ ހަތަރު ދުވަސް ކުރިން މިދިޔަ އަންގާރަ ދުވަހުއެވެ. އަހުޒަމް ހައްޔަރުކުރިއިރުވެސް އޭނާ އަކީ ނައީމާގެ މަރުގެ މައްސަލައިގައި ފުލުހުންގެ ފަރާތުން ފާހަގަކޮށް، ބަލަމުން އައި މީހުންގެ ތެރެއިން މީހެއް ކަމަށް އެނގިފައިވެއެވެ.

އަހުޒަމް ހައްޔަރުކޮށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް މަނަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރިއެވެ. އެ ހައްޔަރުގެ މުއްދަތު ހަމަވުމުން، އިއްޔެ އަނެއްކާވެސް ވަނީ އޭނާ އިތުރު 14 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އެ އަމުރުކޮށްފައިވަނީ އަހުޒަމަކީ ނައީމާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއް ކަމަށް ފުލުހުންގެ ފަރާތުން ބުނުމާ ގުޅިގެންނެވެ. 

ފުލުހުން ފާހަގަކޮށްފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި ހެކި ބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ފެންނަ ކަމަށެވެ. ފުލުުހުންގެ ކުރި ތުހުމަތުތަކާ ގުޅިގެން ގާޒީ ސުވާލުކުރެއްވުމުން އަހުޒަމް ވަނީ ފުލުހުން ބުނެފައިވަނީ ތެދެއް ކަމަށް ބުނެފައެވެ. އޭނާ ވަނީ ބައެއް ތަފުސީލުތައްވެސް ކިޔައިދީފައެވެ.

މަނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި އަހުޒަމް މިފަހަރު ހައްޔަރުކޮށްފައިވަނީ އޭނާގެ ކޮޓަރިން ފެނުނު 50.1 ގްރާމް މަސްތުވާތަކެއްޗާ އެކުގައެވެ. އޭނާ އާ ދެކޮޅަށް ހޯދާފައިވާ ހެކިތަކާއި އެއްކޮށްފައިވާ މައުލޫމާތުތަކާ އެކު ފުލުހުން މިހާރު ވަނީ ހައްޔަރުގެ އަމުރެއްވެސް ހޯދާފައެވެ.

އަހުޒަމް ހައްޔަރުކޮށް އޭނާ ދިން މައުލޫމާތަށް ބަލައި މި މައްސަލައިގައި ފުލުހުން ވަނީ އުމުރުން 20 އަހަރުގެ އިތުރު މީހަކުވެސް ހައްޔަރުކޮށްފައެެވެ. އޭނާ ހައްޔަރު ކުރުމާ އެކު، ފުލުހުންގެ ފަރާތުން ވަނީ ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރާއި ހަމަލާދިން ވަގުތު އެ މީހުން ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާ ތަން ކޮނެ، އެތަކެތި ނަގާފައިވާ ކަމަށް ބުނެފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެ ކަން ހާމަކުރެއްވިއިރު، ފުލުހުންގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އެރަށު "ނާމަގު" ކިޔާ ސަރަހައްދަކާއި އެ ސަރަހައްދުގެ ގޮނޑުދޮށުގެ ހިސާބެއްގައި ކަމަށް މަނަދޫން "ސީއެންއެމް" އަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާ މަރާލި ރޭ މި ދެ މީހުން ވަނީ ރަތް ކުލައިގެ ކާރެއްގައި ރަށުތެރޭގައި އުޅެފައެވެ. ރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް އެ ކާރު ގެނެސްފައިވާއިރު، އޭގައި އެ މީހުން އެ ރޭ ރަށުތެރޭގައި އުޅުނު ގޮތް ކުޅުވާފައިވާ ކަމަށް ވެއެވެ. އެ ކާރުގެ ވެރި ފަރާތަކީ ރަށުން ބޭރުގައި ދިރިއުޅެމުން އަންނަ ފަރާތެކެވެ.

އަހުޒަމްގެ ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރުން އެނގޭ ގޮތުގައި ފުރަތަމަ ހައްޔަރުކުރުމުން އޭނާ ވަނީ މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާ އެކުގައި ކަމަށް ބުނެފައެވެ. އެހެންކަމުން އެކަން ހަަމަޖެއްސުމަށް ތިން ދުވަހުގެ މުއްދަތެއް އޭނާއަށް ދީފައިވެއެވެ. އިއްޔެގައި އޭނާ ކޯޓަށް ހާޒިރުކޮށްފައިވަނީ ދިފާއީ ވަކީލަކާ އެކުގައެވެ. އަހުޒަމުގެ ދިފާއުގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ތަނަކީ (އޭނާ ދިރިއުޅޭ ކޮޓަރި) އެހެން މީހުންނަށް ވަދެ ނިކުމެވޭ ގޮތަށް ހުރި ކޮޓަރިއެއް ކަމަށާއި އެ ކޮޓަރީގެ ފެންލައިޓުން މީގެކުރިންވެސް މީހުން ވަދެ ވައްކަން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ އެދިފައިވަނީ ބަންދާ މެދު ލުއި ގޮތެއް ހަދައިދިނުމަށެވެ.

އަހުޒަމުގެ ފަރާތުން އެގޮތަށް އެދިފައިވީ ނަަމަވެސް ހުށަހަޅާފައިވާ މައްސަލައަކީ މަސްތުވާތަކެތީގެ ބޮޑު މައްސަލައަކަށް ވުމާ އެކު ގާޒީ ނިންމެވީ އޭނާ ބަންދުގައި ބެހެއްޓުމަށެވެ. ފުލުހުންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ މި މައްސަލަ އާ ގުޅިގެން ހެކިބަސް ނަގަން ޖެހޭ މީހުންގެ ތެރޭގައި އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން އެއްބަނޑު އެއްބަފާ މީހުން ތިބި ކަމަށެވެ.

ވައްކަން ކުރުމާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި އަހުޒަމް މިދިޔަ އަހަރުވެސް ހައްޔަރުކުރިއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު އަހުޒަމް ހައްޔަރުކޮށް ހަތް ދުވަހުގެ މުއްދަތެއް ޖަހާފައިވެއެވެ. އެ ފަހަރު އޭނާ ކޯޓުގައި ބުނެފައިވަނީ ވައްކަން ކުރުމާއި މުދަލަށް ގެއްލުން ދިނުމުގެ އަމަލު ހިންގާފައިވަނީ އެ ރެއަކީ މަގުމަތީގައި މީހުން ނޫޅޭ، އަމާން ރެއެއް ކަމަށްވާތީއެވެ. އޭނާ އަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

އެކަނި ދިިރިއުޅެމުން އައި 62 އަހަރުގެ ނައީމާ މަރާލާފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅެމުން އައި ގޭގެ ކޮޓަރި ތެރެއިން މިދިޔަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު އިރުއޮއްސުނުތާ ކުޑައިރުކޮޅެއްގެ ފަހުންނެވެ. ނައީމާގެ މަރުގެ މައްސަލައިގައި ބަޔަކު ހައްޔަރު ކުރެވި، ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަން ފުލުހުން އިއްޔެ ހާމަކުރިއިރު، ތަހުގީގާ ގުޅިގެން ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވެ، ގާތްގަނޑަކަށް 600 އަށް ވުރެ ގިނަ މީހުން ފޮރެންސިކް ސާމްޕަލް ނަގާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް