ads
އަންނާރުމާގެ: ނައީމާ މޫސާ ދިރިއުޅުނު ގެ – ފޮޓޯ:ސީއެންއެމް
ނައީމާގެ މަރު: ހައްޔަރުކުރި ދެވަނަ މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި
ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ދެވަނަ މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އުމުރުން 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ހައްޔަރުކޮށްފައެވެ. އެ ދެ މީހުންގެ ތެރެއިން ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އުމުރުން 23 އަހަރުގެ މީހާއެވެ.

އޭނާ ހައްޔަރުކޮށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް މަނަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރިއެވެ. އެ ހައްޔަރުގެ މުއްދަތު ހަމަވުމުން، ހުކުރު ދުވަހު އަނެއްކާވެސް ވަނީ އޭނާ އިތުރު 14 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ދެވަނައަށް ހައްޔަރުކުރި 20 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހުގެ މުއްދަތެއް އިތުރުކޮށް، ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އޭނާއަށް ވަނީ ދީފައެވެ.

މި މައްސަލައިގައި ފުރަތަމަ ހައްޔަރު ކުރި މީހާ ދިން މައުލޫމާތަށް ބަލައި ފުލުހުން ދެވަނަ މީހެއް ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއާ އެކު ފުލުހުންގެ ފަރާތުން ވަނީ ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރާއި ހަމަލާދިން ވަގުތު އެ މީހުން ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާ ތަން ކޮނެ، އެތަކެތި ނަގާފައިވާ ކަމަށް ބުނެފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެ ކަން ހާމަކުރެއްވިއިރު، ފުލުހުންގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އެރަށު "ނާމަގު" ކިޔާ ސަރަހައްދަކާއި އެ ސަރަހައްދުގެ ގޮނޑުދޮށުގެ ހިސާބެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާ މަރާލި ރޭ މި ދެ މީހުން ވަނީ ރަތް ކުލައިގެ ކާރެއްގައި ރަށުތެރޭގައި އުޅެފައެވެ. ހުކުރުދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް އެ ކާރު ގެނެސްފައިވާއިރު، އޭގައި އެ މީހުން އެ ރޭ ރަށުތެރޭގައި އުޅުނު ގޮތް ކުޅުވާފައިވާ ކަމަށް ވެއެވެ.

އެކަނި ދިިރިއުޅެމުން އައި 62 އަހަރުގެ ނައީމާ މަރާލާފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅެމުން އައި ގޭގެ ކޮޓަރި ތެރެއިން މިދިޔަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު އިރުއޮއްސުނުތާ ކުޑައިރުކޮޅެއްގެ ފަހުންނެވެ. ނައީމާގެ މަރުގެ މައްސަލައިގައި ބަޔަކު ހައްޔަރު ކުރެވި، ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަން ފުލުހުން ހުކުރު ދުވަހު ހާމަކުރިއިރު، ތަހުގީގާ ގުޅިގެން ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވެ، ކުށުގެ ވެށިން ގިނަ އަދަދެއްގެ ސާމްޕަލް ނަގާފައިވެއެވެ. އެ ސާމްޕަލްތަކުގެ ތެރޭގައި ކުށްކުރި ކަމަށް ބެލެވޭ މީހާގެ ޑީއެންއޭ އާއި އިތުރު ފޮރެންސިކް ސާމްޕަލްތައް ހިމެނޭއިރު، އެ ރަށުން ގާތްގަނޑަކަށް 600 އަށް ވުރެ ގިނަ މީހުންގެ ފޮރެންސިކް ސާމްޕަލްވެސް ނަގާފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް