ads
އަންނާރުމާގެ: ނައީމާ މޫސާ ދިރިއުޅުނު ގެ – ފޮޓޯ:ސީއެންއެމް
ނައީމާގެ މަރު: ހައްޔަރުކުރި ތިންވަނަ މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި
ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ތިނަވަނަ މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މިމައްސަލާގައި ފުލުހުން މީގެ ކުރިންވަނީ 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ހައްޔަރު ކޮށްފައެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި ހައްޔަރުކުރި ތިންވަނަ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އެ ކޯޓުން 30 ދުވަހުގެ މުއްދަތެއް މިއަދު ދީފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ހައްޔަރު ކުރީ 21 އަހަރުގެ ހަސަން ފަވާޒް ނަމަކަށް ކިޔާ މީހެކެވެ. 

ނައީމާގެ ގާތިލުން އެ ރޭ ދުއްވި ކަމަށް ބުނާ ކާރަކީ މަނަދޫއަށް ނިސްބަތްވާ ހަސްނ ފަވާޒުގެ ކާރެކެވެ.

މި މައްސަލައިގައި ފުރަތަމަ ހައްޔަރު ކުރި މީހާ ދިން މައުލޫމާތަށް ބަލައި ފުލުހުން ދެވަނަ މީހެއް ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއާ އެކު ފުލުހުންގެ ފަރާތުން ވަނީ ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރާއި ހަމަލާދިން ވަގުތު އެ މީހުން ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާ ތަން ކޮނެ، އެތަކެތި ނަގާފައިވާ ކަމަށް ބުނެފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެ ކަން ހާމަކުރެއްވިއިރު، ފުލުހުންގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އެރަށު "ނާމަގު" ކިޔާ ސަރަހައްދަކާއި އެ ސަރަހައްދުގެ ގޮނޑުދޮށުގެ ހިސާބެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާ މަރާލި ރޭ ކުރިން ހައްޔަރު ކުރެވުނު ދެ މީހުން ވަނީ ރަތް ކުލައިގެ ކާރެއްގައި ރަށުތެރޭގައި އުޅެފައެވެ. ހުކުރުދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް އެ ކާރު ގެނެސްފައިވާއިރު، އޭގައި އެ މީހުން އެ ރޭ ރަށުތެރޭގައި އުޅުނު ގޮތް ކުޅުވާފައިވާ ކަމަށް ވެއެވެ.

އެކަނި ދިިރިއުޅެމުން އައި 62 އަހަރުގެ ނައީމާ މަރާލާފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅެމުން އައި ގޭގެ ކޮޓަރި ތެރެއިން މިދިޔަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު އިރުއޮއްސުނުތާ ކުޑައިރުކޮޅެއްގެ ފަހުންނެވެ. ނައީމާގެ މަރުގެ މައްސަލައިގައި ބަޔަކު ހައްޔަރު ކުރެވި، ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަން ފުލުހުން ހުކުރު ދުވަހު ހާމަކުރިއިރު، ތަހުގީގާ ގުޅިގެން ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވެ، ކުށުގެ ވެށިން ގިނަ އަދަދެއްގެ ސާމްޕަލް ނަގާފައިވެއެވެ. އެ ސާމްޕަލްތަކުގެ ތެރޭގައި ކުށްކުރި ކަމަށް ބެލެވޭ މީހާގެ ޑީއެންއޭ އާއި އިތުރު ފޮރެންސިކް ސާމްޕަލްތައް ހިމެނޭއިރު، އެ ރަށުން ގާތްގަނޑަކަށް 600 އަށް ވުރެ ގިނަ މީހުންގެ ފޮރެންސިކް ސާމްޕަލްވެސް ނަގާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް