އޮންލައިންކޮށް ޓީޗިން ކޯސްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެމްކިއުއޭއިން އިން އާއްމުކުރި "އީ-ލާނިން ގައިޑްލައިން"އަށް އަމަލު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކުރީ މިދިޔަ އޭޕްރީލް މަހުއެވެ.
ހައިކޯޓުން އެ ގޮތަށް އަމުރުކުރީ، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ހަޔަ އެޑިއުކޭޝަނުން ހަދައި ގެޒެޓް ކޮށްފައިވާ ގަވާއިދު އީލާނިންގް ގައިޑްލައިންގެ 11 ވަނަ މާއްދާއަކީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށް ބުނެ، މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ހައިކޯޓަށް ހުށާހެޅި ދުސްތޫރީ މައްސަލައާ ގުޅިގެންނެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ބަންޑާރަ ނާއިބުގެ ފަރާތުން ހުށަހަޅާފައިވަނީ މޭ މަހުގެ 28 ވަނަ ދުވަހު ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކައެވެ. މި މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
އީލާނިން ގައިޑްލައިނަށް އަމަލު ކުރުން ފަސްކުރުމަށް އަމުރުކުރީ ހައިކޯޓުގައި މައްސަލަ ބަލާ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ. ބަންޑާރަ ނާއިބަށް ރައްދުވާ ގޮތަށް މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އީލާނިން ގައިޑްލައިންގެ މާއްދާގެ ދަށުން ޢަމަލުކޮށްފިނަމަ، ކުރިއަށް އޮތް އަހަރު ކޮލެޖަށް ޓީޗާ ޓްރެއިނިންއަށް ދަރިވަރުން އެންރޯލް ކުރުމަށް އިޢުލާންކޮށް އެކަން ހިންގޭނެ ގޮތެއް ނޯންނާނެކަމަށެވެ.
ޓީޗާ ޓްރެއިނިންގެ ޑިގްރީ އަދި މާސްޓަރސް ލެވެލް ތަކުގައި ކިޔަވާ ވަރަށް ގިނަ ދަރިވަރުންނަކީ މިހާރުވެސް ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންކަމުންނާއި އެއީ އެ މީހުންގެ ރަށް ދޫކޮށް އެހެން ރަށެއްގައި ކިޔެވޭނެ ގޮތެއް ނެތް ދަރިވަރުންކަމުން، އެ ދަރިވަރުންގެ އުނގެނުމަށް ބޮޑު ހުރަހެއް އެޅި، ހުއްޓުމަކަށް އަންނާނެ- މާލޭ ހައި ޕްރައިވެޓް ލިމިޓެޑް
މި އަމުރުގައި ހައިކޯޓުގެ ފަނޑީޔާރުން ފާހަގަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތާއި ދައުލަތުގެ މަސްލަހަތަށް ވުރެ ބޮޑަށް މި މައްސަލައިގައި އޮތީ ކިޔެވުމަށް އެންރޯލްވާ ދަރިވަރުންގެ މަސްލަހަތެވެ. މައްސަލައާއި ގުޅިގެން މިއަދު އަމުރެއް ނެރުނު ނަމަވެސް މައްސަލަ އަދި ހައިކޯޓުން ނުނިމެއެވެ.
ކޮލިފިކޭޝަން އޮތޯރިޓީން މިދިޔަ އަހަރު ގެޒެޓުކުރި ގައިޑްލައިންގައި ވަނީ އީ-ލާނިން ނުވަތަ އޮންލައިންކޮށް ކިޔަވައިދިނުމަށް ޝަރުތުހަމަވާ ކޯސްތަކާއި އެ ގޮތަށް ކިޔަވައިނުދެވޭނެ ކޯސްތައް ވަކިން ފާހަގަކޮށްފަ އެވެ. އީ-ލާނިން ކަމަށް ބުނެފައިވަނީ ބްލެންޑެޑް މޯޑު (ކޮންޓެންޓުގެ 30-80 ޕަސެންޓް އޮންލައިން ގެންދާ) އަދި ހުރިހާ ފިލާވަޅެއް އޮންލައިންކޮށް ނަގައިދޭ މެތަޑަށެވެ.