ads
އަލުން ބަލުން ރީސޭލް މާކެޓް ނ. އަތޮޅުގެ ހަ ރަށެއްގައި އެއްފަހަރާ ވަނީ ބާއްވާފައި - ފޮޓޯ:އަލުން ބަލުން ރީސޭލް މާކެޓް
އަލުން ބަލުން ރީސޭލް މާކެޓް ނ. އަތޮޅުގެ ހަ ރަށެއްގައި ބާއްވައިފި
ސޮނެވާ ނަމޫނާ އާއި ނ. އަތޮޅުގެ ހަ ރަށެއްގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ގުޅިގެން އެ އަތޮޅުގެ ހަ ރަށެއްގައި އަލުން ބަލުން ރީސޭލް މާކެޓް ބާއްވައިފިއެވެ.

ނ. އަތޮޅުގައި ފުރަތަމަ ފަހަރަށް ބޭއްވުނު އަލުން ބަލުން މާކެޓުގައި ބައިވެރިވި ހަ ރަށް ކަމުގައިވާ މަގޫދޫ، ޅޮހި، ކުޑަފަރި، މާފަރު، ލަންދޫ އަދި ހޮޅުދޫގައި އެއްފަހަރާ އެ މާކެޓް ބާއްވާފައިވަނީ އިއްޔެ ހަވީރުއެވެ.

އަލުން ބަލުން ރީސޭލް މާކެޓަކީ ސޮނެވާ ނަމޫނާ އާއި ބ. އަތޮޅުގެ ހަތް ރަށެއްގެ ބައިވެރިވުމާ އެކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެށުނު މާކެޓެކެވެ.

އަލުން ބަލުން ރީސޭލް މާކެޓުގެ މައިގަނޑު އަމާޒަކީ ރަށްރަށުގައި ތަކެތި އަލުން ބޭނުން ކުރާ މިންވަރު އިތުރު ކުރުމާއި ރީޔުސް ކުރުން ނުވަތަ އަލުން ބޭނުން ކުރުމުގެ ސަގާފަތެއް ގާއިމުކުރުމުގެ އިތުރުން ތިމާވެށި ރައްކާތެރި ކުރުމުގައި މުހިންމު ރޯލެއް ކުޅޭ ބައެއްގެ ގޮތުގައި އަންހެނުން ބާރުވެރި ކުރުމެވެ. މި މަސައްކަތުގެ ދަށުން، އުކާލަން ހަމަޖެހިފައިވާ ތަކެތީގެ ތެރެއިން އަލުން ބޭނުން ކުރެވޭ ޒާތުގެ މުދާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ހޯދައި، އެތަކެތި ސާފުކުރަން ޖެހިއްޖެ ނަމަ ސާފުކޮށް މަރާމާތުކޮށް، މި ޕްރޮގްރާމުގައި ބައިވެރިވާ އަވަށްޓެރި ރަށްރަށަށް ވިއްކަން ފޮނުވައެވެ.

އެއް ރަށެއްގައި އެއްކުރެވޭ ތަކެތި އެހެން ރަށަކަށް ވިއްކުމަށް ފޮނުވުމުން ކުދި ކުދި ރަށްތަކުގައި ކުރިން ބޭނުން ކުރެވިފައިވާ ތަކެތި ވިއްކުމަށް ހުންނަ ގޮންޖެހުންތަކުން އަރައިގަނެވޭނެއެވެ. އަލުން ބަލުން މާކެޓުން މިހާތަނަށް ވަނީ 20,000 ރުފިޔާ ސާފު ފައިދާ ގޮތުގައި ހޯދާ، 500 އައިޓަމް އަލުން ބޭނުންކޮށް ކުނީގެ ގޮތުގައި އުކާލުމުން ސަލާމަތްކޮށްފައެވެ.

your imageއަލުން ބަލުން ރީސޭލް މާކެޓް ނ. އަތޮޅުގެ ހަ ރަށެއްގައި ބޭއްވުން - ފޮޓޯ:އަލުން ބަލުން ރީސޭލް މާކެޓް

މި މާކެޓުގައި ބައިވެރިވާ ރަށްތަކަށް ލިބިގެންދާ ފައިދާތަކުގެ ތެރޭގައި،

  • އަލުން ތަކެތި ބޭނުން ކުރުމުގެ ސަބަބުން ރަށްރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް އުކާލަން ނުވަތަ އަންދާލަން ގެންދާ ކުނީގެ އަދަދު މަދުވެގެން ދިއުން 
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބޭނުންވާ އެކި ލީޑަޝިޕް ހުނަރުތައް ލިބި ބާރުވެރިވުން
  • ރަށްރަށުގައި ތަކެތި އަލުން ބޭނުން ކުރުމާއި ބޭނުން ކުރާ މިންވަރު މަދު ކުރުމާ މެދު ހޭލުންތެރިކަން އިތުރުވުން

ނ. އަތޮޅުގެ އަލުން ބަލުން ރީސޭލް މާކެޓަކީ ބ. އަތޮޅުން ހޯދި ރަނގަޅު ނަތީޖާތައް ނަކަލުކޮށް، ތިމާވެއްޓާ ރައްޓެހި އާދަތައް އަށަގެނުވުމާ އެކު މުދާ އަލުން ބޭނުން ކުރުމުގެ ސަގާފަތެއް އުފެއްދުމަށް ހިންގޭ މާކެޓެކެވެ. މި މާކެޓް އިންތިޒާމު ކުރެވިގެން ދަނީ ނ. އަތޮޅު ކައުންސިލުގެ އިތުރުން އަތޮޅުގެ ހަ ރަށުގެ ރަށު ކައުންސިލްތަކުގެ އެއްބާރުލުމާ އެކުގައެވެ.

"ނ. އަތޮޅަށް އަލުން ބަލުން ރީސޭލް މާކެޓް ގެނެވިގެން ދާތީ އަޅުގަނޑުމެން އުފާކުރަން. އަޅުގަނޑުމެންގެ އަމާޒަކީ މި އަތޮޅުގެ ތެރޭގައި ތަކެތި އަލުން ބޭނުން ކުރުމާ މެދު އާންމުންގެ ވިސްނުން މުޅިން އެއްކޮށް ބަދަލުކޮށްލުން. އަދި މި މާކެޓުގެ ސަބަބުން މި ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ގުޅާލެވި ކޮމިޓީތަކުގެ މެދުގައި ބަދަހި ގުޅުމެއް އުފެދިއްޖެ،" ކުޑަފަރީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް މިލްހާނާ އިބްރާހީމް ވިދާޅުވިއެވެ.

އަލުން ބަލުން ރީސޭލް މާކެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވެފައިވަނީ މި މާކެޓަކީ ނ. އަތޮޅުގައި ދެމެހެއްޓެނެވި ގޮތެއްގައި ބޭއްވިގެންދާ އިވެންޓަކަށް ހެދުމަށް ސޮނެވާ ނަމޫނާ އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި އިވެންޓް ކައުންސިލް މެންބަރުންނާއި ކޮމިޓީގެ މެންބަރުން ބަދަލުވި ކަމުގައިވީ ނަމަވެސް ކުރިއަށް ދިއުމަކީ އުންމީދެއް ކަމަށް ބަޝީރު ވިދާޅުވިއެވެ. ބަޝީރު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމާ އެކު ކުނި މެނޭޖުކުރުމަށް ދާއިމީ ކުރިއެރުމެއް ލިބި ވަށާ ޖެހޭ އިގުތިސޯދެއް ބިނާ ކުރުމަށް އެހީތެރިވެދޭނެ ކަމުގައެވެ.

"އަލުން ބަލުން ރީސޭލް މާކެޓް ނ. އަތޮޅަށް ފުޅާވެގެން ދިއުމުން އަޅުގަނޑުމެން އުފާކުރަން. މި އާއެކު އަލުން ތަކެތި ބޭނުން ކުރުމުގެ ސަގާފަތެއް ގާއިމުކުރެވި ކުނި ގޮނޑުތަކަށް އުކާލާ ކުނި މަދުކުރެވޭނެ. މި މާކެޓް ހަގީގަތަކަށް ހެދުމަށް މި ހަ ރަށުގެ ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ނ. އަތޮޅު ކައުންސިލުން ކުރަމުން ގެންދާ ބުރަ މަސައްކަތް އަޅުގަނޑުމެން ފާހަގަކުރަން. ކުނި މެނޭޖުކުރުމާއި ދެމެހެއްޓެނިވި ވެއްޓެއް ގާއިމުކުރުމުގެ މަސައްކަތަށް ރަނގަޅު ބަދަލެއް ގެނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން،" ސޮނެވާ ނަމުނާގެ ފަރާތުން ހަދީޖާ ހާމިދު ވިދާޅުވިއެވެ.

your imageއަލުން ބަލުން ރީސޭލް މާކެޓް ނ. އަތޮޅުގެ ހަ ރަށެއްގައި ބޭއްވުން - ފޮޓޯ:އަލުން ބަލުން ރީސޭލް މާކެޓް

އަލުން ބަލުން ރީސޭލް މާކެޓަކީ ސޮނެވާ ނަމޫނާ އާއި ރާއްޖޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ ތަކެތި އަލުން ބޭނުން ކުރުމާއި އިގުތިސޯދު ކުރުމުގެ ސަގާފަތެއް ގާއިމުކޮށް ތިމާވެށި ރައްކާ ކުރާ ބައެއްގެ ގޮތުގައި އަންހެނުން ބާރުވެރި ކުރުމެވެ. މި ޕްރޮގްރާމް ފުރަތަމަ ފެށިގެން ދިޔައީ ބ. މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކުޑަރިކިލު، ކަމަދޫ އަދި ކެންދޫގެ ބައިވެރިވުމާ އެކު ބ. އަތޮޅުގައެވެ.

ސޮނެވާ ނަމުނާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރާ ބާރުވެރި މުޖުތަމައުތަކެއް ރާއްޖޭގައި އުފެއްދުމަށް ރަށު ފެންވަރުގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެކެވެ. ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖުކުރުމުގެ އެކި ޕްރޮގްރާމުތައް ބ. އަތޮޅުގައި ޕައިލެޓް ކުރުމަށް ފަހު ސޮނެވާ ނަމޫނާއިން މިހާރު ދަނީ ނ. އަތޮޅުގެ ކައުންސިލާ ގުޅިގެން އެ އަތޮޅުގައި ސޮނެވާ ސަސްޓެއިނަބަލް ވޭސްޓް މެނޭޖްމެންޓް މޮޑެލް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް