އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫ ރަސްމީކޮށް ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދެމެހެއްޓެނިވިކޮށް ޝަންގްރިއްލާ ރިސޯޓް ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ އެ ރިސޯޓް ހިންގަން އަލުން ފެށުމަށް އޮތް ހުރަހަކަށް ނުހައްދަވާނެ ކަމަށެވެ.
ހިއްސާ ބަދަލުކޮށް ނިމުމުން އެ ކުންފުންނިން ބޭނުންވާ ބަދަލު ގެނެވި ޝަންގްރިއްލާ ހުޅުވާ ހިންގަން ފެށޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ސަރުކާރުން މީގެ ކުރިން ބުނީ ޝަންގްރިއްލާ ހުޅުވުން ލަސްވެފައިވަނީ އައްޑޫ އިންވެސްޓްމެންޓްގައި އޮތް ސަރުކާރުގެ 30 އިންސައްތަ ހިއްސާ ވިއްކާލުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ލަސްވުމުން ކަމަށެވެ. އަދި މީގެ އިތުރުން އެ ރިސޯޓު ތަރައްގީ ކުރުމަށް ނަގާފައިވާ ލޯނަށް ސަރުކާރުން ދައްކަން ޖެހޭ އަދަދު ބޮޑުވާ ކަމަށްވެސް އޭރު ސަރުކާރުން ބުނެފައިވެ އެވެ.
ޝަންގްރިއްލާ ހިންގާ ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ ވިއްކާލުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު މިހާރުވަނީ ގެނެސްފަ އެވެ.
ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ވިއްކާލުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ މަންޓާ އެއާ އާއި ދ. ކުޑަހުވަދޫ އެއާޕޯޓް ހިންގަމުންދާ ރިއޯލޯ މޯލްޑިވްސް ކުންފުންޏަށެވެ.
ޝަންގްރިއްލާ ރިސޯޓު ބަންދުކޮށްފައިވަނީ ކޮވިޑްގެ ތެރޭގަ އެވެ.