ads
އިބްރާހީމް އިސްމާއީލް (އިބްރާ)
މަޖިލީސް ރައީސްގެ އިތުބާރުގެ މައްސަލަ ފެނުނީ ސަރުކާރާ ދެކޮޅުވުމުން: އިބްރާ
57 މެންބަރުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖިލީހަށް ވެއްދުމަކީ ހުތުރު ކަމެއް ކަމަށާއި، މިއަދާ ހަމައަށްވެސް މަޖިލީސް ހިނގަމުން އައީ މުޅީންހެން މަޖިލީހުގެ ގަވާއިދުން ބޭރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރުކަންވެސް ކުރެއްވި އިބްރާ ވިދާޅުވީ 2020 ވަނައަހރުން ފެށިގެން މަޖިލީސްތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށާއި އޭރުވެސް މަޖިލިސް ހިނގަމުން އައީ ގަވާއިދާ ހިލާފަށް ކަމަށެވެ.

"2020 ހިސާބުން ފެށިގެން ޓެންޝަންތަކެއް އެބަހުރި މަޖިލީސްތެރޭ. ރައީސް ނަޝީދުވެސް ވިދާޅުވި ސަރުވާރު ޖަވާބުދާރީ ކުރުވުމޭ މަޖިލީހުން ކުރަން ޖެހޭ ކަމަކީ. އޭރުވެސް އަޅުގަނޑު ދެންނެވިން ސަރުކާރު ޖަވާބުދާރީ ކުރުވުމޭ މަޖިލީހުން ކުރަން ޖެހޭ ކަމަކީ . ދެން އެހެންނަމަވެސް މިހާރު މަޖިލީހުން އެކުރަނީ ޖަވާބުދާރީ ކުރުވުމުގެ ނަމުގަ އެހެން ކަމެކޭ. ޖަވާބުދާރީއެއް އަސްލު ނުކުރެއޭ" - އިބްރާ

އިބްރާ ވިދާޅުވީ އެކަން އެހެން އޮތް ނަމަވެސް އެއްވެސް މީހަކު ވެސް އަދި މަޖިލީހުގެ އެއްވެސް މެންބަރަކުވެސް މިއަދާ ހަމައަށް އައިއިރުވެސް އެކަންކަމާ އެއްޗެއް ނުބުނާ ކަމަށާއި، އަދި ކަން އެހެން އޮވެ، މިއަދާ ހަމައަށް އައިސް ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ހިޔާލުތަފާތިވެ، ޕާޓީ ބައިބައިވެ، ޕާޓީތެރެއިން އާ ޕާޓީއެއް އުފެދި ، ހިނގި އެއް ހާދިސާއަކާ ގުޅިގެން މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމަށް ނިންމުމުން އެވާހަކަ ދެކޮޅު ނުޖެހޭ ކަމަށެވެ.

އިބްރާ ވިދާޅުވީ އިއްޔެ މަޖިލީހުގައި ކަން ހިނގާ ދިޔަގޮތުން ރައީސް ނަޝީދުގެ ދިފާއުގައި އެއްޗެއް ބުނަނީ ނޫން ކަމަށާއި، އިއްޔެ މަޖިލީސް ހިނގި ގޮތްވެސް ކަމުނުދާ ކަމަށެވެ. ފޯޅަވަހީގެ މައްސަލާގައި ބަންޑާރަ ނައިބު ޖަވާބުދާރީ ނުކުރެވޭނެ ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

ސަބަބަކީ ބަންޑާރަ ނައިބެއް ނޫން އޭގެ ޑިސިޝަން ނަންގަވަނީ. ރައީސުލް ޖުމްހޫރިއްޔާ ނުވަތަ ގައުމުން ނަގާ ޑިސިޝަންގެ ގާނޫނީ ބައި ދިފާއު ކުރައްވަން އިޓްލޮސްއަށް ބަންޑާރަނައިބު ވަޑައިގަތީ. އެއީކީ ބަންޑާރަ ނައިބުގެ ޑިސިޝަނެއް ނޫން- އިބްރާ

އިބްރާ ވިދާޅުވީ ދެން ބަލަން ޖެހޭ ކަމަކީ އޭޖީގެ ވަކާލާތު ކުރުން ހުރީ ސަރުކާރުން ނެގި ޕޮޒިޝަނަށް ގެއްލުން ލިބޭ ގޮތަށް ހުރިތޯ ކަމަށެވެ.

އެހެންވެ، އިބްރާ ވިދާޅުވީ މި މައްސަލާގައި ގާނޫނާ ހިލާފަށް ދައުލަތުން ކަންކަން ކޮށްފައި ހުރި ކަމަށް ވާނަމަ އަދި އޭގެ ހެކިތައް ފެންނަން ހުރި ކަމަށްވާނަމަ މަޖިލީހަށް ހާޒިރު ކުރަން ޖެހޭނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ.

އިބްރާ ވިދާޅުވީ މިހެން މިވާހަކަ ދެއްކާފައި ނިންމާލުމުން ރައީސް ނަޝީދާއި، އޭޖީ ރިފްއަތުވެސް ދިފާއު ކުރައްވަނީ ކަމަށް ބައެއްމީހުން ބުނެފާނެ ކަމަށާއި، އެކަން އޮތީ އެހެން ނޫން ކަމަށޭވެ.

"އެހެނެއްވެސް ނޫން މިބުނަނީ. މި ބުނާ އެއްޗަކީ މަޖިލީސް ހިންގި ހިންގުން، މަޖިލީހުން ކުރަންޖެހި ނުކޮށްހުރި ކަންތަކާ މި ހުރިހާ ކަމަކަށް ބެލީމާ މިއަދަކު ނޫނޭ މަޖިލީސް ހިނގާ ގޮތާ މެދު މެންބަރުން ކަންބޮޑުވެގެން ވާހަކަ ދައްކަން ޖެހޭނީ. ގައުމުގެ ވާހަކަ ދައްކަން ޖެހޭނީ. އަސްލު ދައްކަންވީ ވަގުތު މިހާރު ފާއިތުވެ ހިނގައްޖެ" - އިބްރާ

އެމްޑީޕީގެ ފުރައްތަމަ ރައީސްކަންވެސް ކުރެއްވި އިބްރާ ގެންދަވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ސިޔާސީ ކަންކަމާ ބެހޭ ގޮތުން ހިޔާލު ފާޅުކުރައްވަމުންނެވެ.

0%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް