އެކި ޖަމިއްޔާތަކާއި ޕާޓްނަރުންނާއި ކުޑަފަރީގެ މުޅި މުޖުތަމައު ގުޅިގެން އެ ރަށުގެ ކައުންސިލުން މާދަމާ ބާއްވާ މި ފެސްޓިވަލަކީ ދުނިޔޭގެ ތިމާވެށި ދުވަހާއި ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ވަރަށް ކުލަގަދަ އިވެންޓެކެވެ.
މި ފެސްޓިވަލުގައި އެކި މަދަނީ ޖަމިއްޔާތަކާއި ވިޔަފާރިތައް އަދި ރަށުގެ ރައްޔިތުންގެ ތަފާތު މަސައްކަތްތައް ދައްކާލާ އެފަރާތްތަކުގެ ވާހަކަތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމަށް އެހީތެރިވާ ފަދަ ދެމެހެއްޓެނިވި އުސޫލުތަކާއި ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކާއި އެކި ސަގާފީ ކަންތައްތައް 'ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023' ގައި ދައްކާލާނެއެވެ.
އޭގެ ތެރޭގައި ދިވެހި ބޭސްވެރިކަމާއި މިއުޒިކާއި ކާބޯތަކެތީގެ އިތުރުން ދިވެހި ފަންނުވެރިކަންވެސް ފެނިގެންދާނެއެވެ.
ދިރާގުން ބުނީ މި ފެސްޓިވަލުގައި އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު، ޒޫނާ ނަސީމް (ޒޫންޓި) ވެސް ބައިވެރިވެ، ގައިޑެޑް ސްނޯކްލިންގް އަދި ޑައިވިންގް ފުރަތަމަ ފަހަރަށް ތަޖުރިބާކޮށްލުމުގެ ހާއްސަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދިރާގުގެ މެނޭޖަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި ދުނިޔޭގެ ތިމާވެށި ދުވަސް އަދި ކަނޑުތަކުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ބާއްވާ 'ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023' އަށް ކުޑަފަރީ ކައުންސިލަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.
ދިރާގުން ބުނެފައިވަނީ ތިމާވެށި ހިމާޔަތްކޮށް، ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުމާއި މުޖުތަމައު ބާރުވެރިކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގައި ހާއްސަ އަހައްމިޔަތުކަމެއްދޭ ދާއިރާއެއް ކަމަށެވެ.