ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު: ވިދާޅުވީ ދުނިޔޭގެ އެންމެ ބިޒީ ބަނދަރުތަކާއި ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް ގުޅާލަން އެމްއެސްއެސްއިން ތައްޔާރުވަމުންދާ ކަމަށް - ފޮޓޯ:އެސްޓީއޯ
ދުނިޔޭގެ އެންމެ ބިޒީ ބަނދަރުތަކާއި ސަރަހައްދީ ބަނދަރުތައް ގުޅާލަނީ
ދުނިޔޭގެ އެންމެ ބިޒީ ބަނދަރުތަކާއި ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް ގުޅާލަން ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނެފިއެވެ.

އެސްޓީއޯއިން އުފައްދާފައިވާ ގައުމީ ޝިޕިން ލައިން، އެމްއެސްއެސްގެ އޮޕަރޭޝަންތަކާ ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އެމްއެސްއެސްއިން ތައްޔާރުވަމުން ދަނީ ދުނިޔޭގެ ކޮންޓެއިނާ އޮޕަރޭޝަންގެ އެންމެ ބިޒީ ބަނދަރުތަކާއި ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް ގުޅާލުމަށް ކަމަށެވެ.

ސައީދު ވިދާޅުވީ އެމްއެސްއެސްއިން މަސައްކަތް ކުރަމުން އަންނަނީ އެއް ޒަމާނެއްގައި ރާއްޖޭގެ އިގުތިސޯދުގެ ތަނބެއްގެ ގޮތުގައި ދުށް ޝިޕިންގެ ސިނާއަތް އަލުން ދިރުވަން ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ، އަޅުގަނޑުމެންގެ ސަރަހައްދީ ބަނދަރުތަކާއި ދުނިޔޭގެ އެންމެ ބިޒީ ކަނޑުގެ ބަނދަރުތަކާ ދެމެދު އެއްވެސް ދަތިކަމެއް ނެތި ގުޅުން ގާއިމުކުރުން،" - އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު

ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކަށް ކޮންޓެއިނަރު އުފުލަން ފެށުމުގެ ގޮތުން މި އަންނަ މަހު އެމްއެސްއެސްއަށް އާ ބޯޓެއް ގެނައުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

އެމްއެސްއެސްއަށް ގެނައުމަށް ނިންމާފައިވާ ބޯޓާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނާޒިމް ވިދާޅުވެފައިވަނީ 15،000 މެޓްރިކް ޓަނުގެ މުދާ އުފުލޭ ޖާގައިގެ އެ ބޯޓު އަންނަ ޖުލައި މަހުގެ މެދެއްހާ ހިސާބުގައި ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

އެ ބޯޓުގައި ސަތޭކަ ވަރަކަށް ކޮންޓެއިނަރު އުފުލޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. ބޯޓުގެ ދަތުރުތައް ކުރާނީ މާލެ އާއި ކޫއްޑޫ އަދި އައްޑޫ އާ ދެމެދު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖެއަށް އަންނަ ކޮންޓެއިނަރުތައް އާންމުކޮށް ޓްރާންސިޓް ވަނީ ސްރީލަންކާ އާއި ދުބާއީގެ ބަނދަރުތަކުގައެވެ.

އެމްއެސްއެސްގެ ފްލީޓުގައި އަމިއްލަ ތިން ބޯޓެއް އޮންނައިރު، އޭގެ ތެރެއިން ދެ ބޯޓަކީ ކޮންޓެއިނަރު އުފުލުމަށް ހާއްސަ ދެ ބޯޓެވެ. އެމްއެސްއެސް ގަލޭނާ އަދި އެމްއެސްއެސް ގްރެފީންއަކީ އެއް ޔާޑެއްގެ އެއް ސައިޒެއްގެ އެއްގޮތަކަށް ބަނދެފައިވާ ދެ ބޯޓަށްވާއިރު، އެއިން ކޮންމެ ބޯޓަކަށް ވެސް 680 ކޮންޓެއިނަރު އެރުވެއެވެ. އެމްއެސްއެސްއިން އެ ދެ ބޯޓުގެ ބޭނުން ކުރަމުން ދަނީ ކޮލަމްބޯ އާއި މާލެ އާ ދެމެދުގެ ދަތުރުތަކަށެވެ.

އެމްއެސްއެސްގެ އެމްއެސްއެސް ކްރޯމް އަކީ ބަލްކް ކެރިއާ އެއް ނުވަތަ ވަތަށް ކާގޯ ފައްތައިގެން ގެންނަ ބޯޓެކެވެ. ދިގުމިނުގައި 190 މީޓަރު ހުންނަ އެ ބޯޓުން 43،000 ޓަނުގެ މުދާ އުފުލޭއިރު، އެ ބޯޓު ދަތުރު ކުރަމުން ދަނީ ޔޫއޭއީ އާއި ރާއްޖެ އާ ދެމެދުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް