ads
ރިނިއުވަބަލް އެނާޖީ އިންވެސްޓާ ކޮންފަރެންސް 2023 ގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ:އެންވަޔަރަންމަންޓް މިނިސްޓްރީ
އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓުން ރާއްޖެއަށް ފައިދާ ނެގިދާނެ: އަމީރު
އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުވަމުން އަންނައިރު އެކަމުން ރާއްޖެއަށް ފައިދާ ނެގިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
Advertisement

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ހާއްސަކޮށްގެން އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ވޯލްޑް ބޭންކް ގުޅިގެން ބޭއްވި ރިނިއުވަބަލް އެނާޖީ އިންވެސްޓާ ކޮންފަރެންސް 2023 ގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ރަޝިޔާ - ޔޫކްރެއިން ހަނގުރާމަ އާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރި ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން ތެލަށާއި ކަރަންޓު ސަބްސިޑީއަށް 3.2 ބިލިޔަން ރުފިޔާ ހަރަދު ކުރި ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވެފައިވަނީ ރާއްޖޭން ތެލަށް ކުރާ ހަރަދު ކުޑަކޮށް އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު 2030 ވަނަ އަހަރާ ހަމައަށް ދާއިރު އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. 

އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ އާ ހަވާލާދެއްވާ ދުނިޔޭގައި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓް ކުރާ އަދަދު ތެލަށް ކުރާ އިންވެސްޓްމަންޓަތަކަށް ވުރެ ފުރަތަމަ ފަހަރަށް މި އަހަރުގެ ތެރޭގައި އިތުރުވެގެންދާނެކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ މިއީ އެކަމުން ރާއްޖެއަށް ފައިދާ ނެގިދާނެ ދަނޑިވަޅެއް ކަމަށެވެ.

އަމީރު ވިދާޅުވި ގޮތުގައި އިއާދަކުރަނިވި ހަކަތައަށް މަގުފަހިކުރުމަށް ސަރުކާރުން ކުރާ މަސައްކަތާ އެކު ތިމާވެއްޓަށް ލިބޭ ފައިދާތަކުގެ އިތުރުން ކަރަންޓުގެ އަގު ހެޔޮކުރެވި، އިގުތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނަ ކަމުގައެވެ. އަދި ވަޒީފާތައް އުފެދި، އެހެނިހެން ސިނާއަތްތަކަށް ކުރިއެރުން ލިބޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރިނިއުވަބަލް އެނާޖީ އިންވެސްޓާ ކޮންފަރެންސަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގުމަށް ރާވާފައިވާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫތަކަށް ޕްރައިވެޓް އިންވެސްޓްމަންޓްތައް ހޯދުމަށް ބޭއްވި ކޮންފަރެންސެކެވެ.

އެ ކޮންފަރެންސްގައި ބައިވެރިވި އިންވެސްޓަރުންނަށް ރާއްޖޭން ނެޓްޒީރޯ އެމިޝަން ގައުމަކަށްވުމަށް ގެންގުޅޭ ތަސައްވުރާއި ހަކަތައިގެ ދާއިރާ ތަރައްގީކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އެ ދާއިރާއިން ކުރުމަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ބަނޑޮސް މޯލްޑިވްސްގައި ބޭއްވި މި ކޮންފަރެންސްގައި 141 އިންވެސްޓަރުން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެތެރެއިން 67 އިންވެސްޓަރުން ކޮންފަރެންސްގައި ބައިވެރިވެފައިވަނީ ވާޗުއަލްކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް