ads
މާލެ ސިޓީ
މުސާރަތައް ކުޑަ ކުރާއިރު، ކުލިތައް ކުޑަނުވާނަމަ ދިރިއުޅޭނީ ކިހިނެއް؟
މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ލަފާކުރެވިފައި ވާއިރު، މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް އެތައް އަސަރުތަކެއް ކުރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ކޮވިޑް-19 ރާއްޖޭއިން ފެނި، ރާއްޖޭގައި އެބަލި ފެތުރިގެން ދިއުމުގެ ބިރު މިހާރު، އޮތް އިރު، ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ފަތުރުވެރިކަމުގެ ސިނާއަތަށް މީގެ ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވާ އެންމެންނަކީ ވެސް ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއި އެކު ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ އިރު، ރިސޯޓްތަކުންވެސް ވައިރަހުން ރައްކާތެރި ވުމަށް ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.

ރިސޯޓްތަކުން ވައިރަސް ފެނުމާއި އެކު ސަރުކާރުން އެ ރިސޯޓްތައް ލޮކްޑައުން އަށް ގެންނަ އިރު، ބައެއް ރިސޯޓްތަކުގެ މުއައްޒަފުން ދަނީ، މި ވައިރަހުގެ ސަބަބުން އެ މީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތްކަން ފާހަގަ ކުރަމުންނެވެ.

ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށުމާއި އެކު ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެއަށް ބައެއް ގައުމުތަކުން މީހުން އައުން ވަނީ މަނާކޮށްފައެވެ. އެގޮތުން ސަރުކާރުން މަނާ ކުރި ގައުމު ތަކުގެ ތެރޭގައި ރާއްޖޭގެ  ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓް، ޗައިނާގެ ފަތުރުވެރިން ރާއްޖެ ގެނައުން މިވަނީ މަޑު ޖައްސާލާފައެވެ. މީގެ އިތުރުން އިޓަލީ، އިރާން އަދި އަވަށްޓެރި ބަންގްލަދޭސްއިންވެސް މީހުން އައުން ސަރުކާރުން މަނާ ކޮށްފައި ވާއިރު، ދެކުނު ކޮރިއާގެ ދެ ޕްރޮވިންސަކުންވެސް މީހުން ރާއްޖެ އައުން ސަރުކާރުން ވަނީ މަނާ ކޮށްފައެވެ.  

މިކަމުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ދަށަށްވެ ފަތުރުވެރިކަމުން ސަރުކާރަށް ލިބޭ އާމްދަނީ ދަށަށްދާނެއެވެ. ފަތުރުވެރިކަމަށް ބަރާސާވާ ރާއްޖެއިން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ ކުރޫޒް ޝިޕްތައް ވެސް ރާއްޖެއައުން މަނާ ކޮށްފައެވެ.

މިއަހަރު ފެށުނު އިރު ފަތުރުވެރިކަން އަށް އިންސަތައިން އިތުރުވާނެ ކަމަށް ލަފާކޮށްފައި ވީނަމަވެސް، ކޮވިޑް-19 ގެ ސަބަބުން، ފަތުރުވެރިކަން ދަށަށް ދާނެ ކަމަށް ލަފާކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއިން މިހާރު އެއް ލައްކަ އަށް ވުރެ ގިނަ ބުކިން ކެންސަލްވެފައި ވާއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި މި ގެއްލުން ހަތް މަސް ދުވަހަށް ދެމިގެންދާނެ ކަމަށް ކަމާ ބެހޭ މާހިރުން ލަފާކުރެ އެވެ. އަދި މި ގެއްލުމުގެ އަދަދު 600 މިލިއަން ޑޮލަރަށް އަރާނެ ކަމަށްވެސް އިގުތިސާދީ ތަޖުރިބާކާރުން ލަފާކުރެ އެވެ.

ކަން މިހެން ހުރުމާއި އެކު، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް މުއައްޒަފެއްގެ މުސާރަ ކުޑަ ނުކުރާނެކަމަށް ރައީސް ސޯލިހް ވިދާޅުވި ނަމަވެސް، މި ޔަގީންކަން އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ ރައްޔިތުންނަކަށް ނެތެވެ.

ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. އެ ފަރާތްތައް މަސައްކަތްކުރާ ކުންފުނިތަކަށް، ފަތުރުވެރިން ރާއްޖެ އާންނަމަ އާމްދަނީ އެއް ނުލިބޭނެއެވެ. އަދި މުއައްޒަފުން ވަޒީފާއިން ވަކި ނުކުރުމަށް މުވައްޒަފުންގެ މުސާރަ ކުންފުނިތަކުން ކުޑަ ކުރިނަމަވެސް، ހުރިހާ ކުންފުންޏަކަށް މިގޮތަށް އަމަލު ކުރުމުގެ ގާބިލްކަން ނުލިބިދާނެއެވެ. މިހެން ވެއްޖެ ނަމަ އެ ކުންފުނިތަކުގެ މުއައްޒަފުންގެ ވަޒީފާ ގެއްލުން އެކަށީގެން ވެއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް، ވެރިކަން ކުރާ، މާލޭ ސިޓީގައި ދިރިއުޅޭއިރު، ގިނަ މީހުންނަކީ މިހާރުވެސް ލިބޭ އެއްޗަކުން، ދެކޮޅު ނުޖެހި އުޅޭ މީހުންނެވެ. އާންމުންގެ އަތުން އެންމެ  ބޮޑު ހަރަދެއް ހިނގަނީ ދިރިއުޅޭ ތަނުގެ ކުލި ދައްކާށެވެ. ލިބޭ މުސާރައިގެ ބޮޑު ބައެއް ކުއްޔަށް ހަރަދުވާއިރު، ބިލުތައް ދެއްކުމަށްފަހު އެހެނިހެން ހަރަދުތައް ކުރެވޭވަރަށް ގިނަ ފަހަރަށް އަތުގައި ފައިސާ ނުހުރެ އެވެ.

ކަން މިހެން ހުރިއިރު، މިހާރުވެސް އަތް ނުފޯރާ ފަށުގައި ހުރި ކުލިތައް، މުސާރަތައް ކުޑަ ކުރުމުން ދައްކާނީ ކިހިނެއް ބާއްވަ އެވެ. ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ލުއިފަސޭހަ ގޮތްތައް ހޯދައިދޭން ގިނަ ވިޔަފާރަވެރިން މަސައްކަތް ކުރަމުން ދާނެ ކަމަށް ބުނަމުން އަންނަ އިރު، ކުލި ނަގާ ފަރާތްތަކުން މިފަދަ އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ..

މި މަހުން ފެށިގެން އަމިއްލަ ބައެއް ކުންފުނިތަކުން މުސާރަ ކުޑަ ކުރަން ނިންމާފައި ވާއިރު، ކުލި ދައްކައިގެން ދިރިއުޅޭ ބޮޑު އާބާދީއަށް މާ ނުރައްކާތެރި ވައިރަހެއް ޖެހޭނެ އެވެ. އެއީ މިހާރު ވެސް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ދިރިއުޅުން ހާސްކަމެއްގެ ތެރެއަށް ވެއްޓިގެންދިއުމެވެ، ކުލި ކުޑަ ކުރާ ވާހަކަ އެތައް ފަހަރެއްގެ މަތިން ދެއްކި ނަމަވެސް މީގެ އަމަލީ ފިޔަވަޅެއް އަދި އެޅިފައެއް ނެތެވެ. ކޮވިޑް-19 ގެ ނުރައްކަލުގެ އިތުރުން، އާދައިގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގައި ތިބުމުގެ ބިރު ބޮޑުވެ އިތުރު ހާސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
78%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް