ads
ހަސަން އަފީފް މަޖިލީހުގެ ރިޔާސަތުގައި
މެމްބަރުން އަޑުގަދަ ކުރެއްވުމުން ނިޒާމުގެއްލި މަޖިލީހުގެ ޖަލްސާ ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް މެންބަރުން އަޑުގަދަކުރައްވާ ފުރުސަތު ނުދެއްވާކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމާލައްވައިފި އެވެ.
Advertisement

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ޖަލްސާ ނިންމާލައްވާފައިވަނީ ޖަލްސާއަށް ހުށަހެޅުނު ކުއްލި މައްސަލައެއް ކުރިއަށް ގެންދިއުމަށް މެންބަރުން ފުރުސަތު ނުދެއްވާ އަޑުގަދަ ކުރައްވަން ފެއްޓެވުމުންނެވެ. 

ބަދަލުގެ ގޮތުގައި މި ސަރުކާރުން އެކި ކުންފުނިތަކަށް ދިން 1.7 ބިލިއަން ރުފިޔާއާއި ގުޅިގެން މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ. 

ކުއްލި މައްސަލަ ހުށަހެޅުމަށް އާދަމް ޝަރީފަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ މިއީ މި މައްސަލަ ހުށަހަޅަން އެންމެ ރަނގަޅު ވަގުތު ކަމުގައި ނުދެކޭ ކަމަށާއި ނަމަވެސް ރިޔާސަތުން ފުރުސަތު ދެއްވުމުން މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީ މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން މައްސަލަ ހުށަހެޅޭގޮތް ވަނީ ނުވެފައެވެ.

އާދަމް ޝަރީފް ކުއްލި މައްސަލަ ހުށަހަޅުއްވަން ފެއްޓެވުމުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ އާދަމް ޝަރީފްގެ ކުރިމައްޗަށް އަރާ އަޑުގަދަ ކުރަން ފަށާފަ އެވެ. 

ޝަރީފް އަދި ޝީފާއު އެދެމުން ދިޔައީ ނިޒާމީ މައްސަލައެއް ނެގުމުގެ ފުރުސަތަކަށެވެ. ނަމަވެސް އަފީފް ވިދާޅުވީ ކުއްލި މައްސަލަ ހުށަހަޅާ ނިމެންދެން ނިޒާމީ މައްސަލައެއް ނުނެގޭނެ ކަމަށެވެ. 

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ޓްރާންސްޕޯޓް މިނިސްޓަރާއި ސުވާލު ކުރުންވެސް ކުރިއަށް ނުގެންދެވި މިނިސްޓަރު ފޮނުވާލާފައިވަނީ ސުވާލު ކުރުމަށް ހަމަޖެހިފައިވާ ތިނަދޫ އިތުރު ދާއިރާގެ މެންބަރު އަބްދުﷲ މުގުނީ ސުވާލު ކުރުމަށް ދެކޮޅު ހެއްދެވުމުންނެވެ. 

މެމްބަރުން މިއަދުގެ ޖަލްސާގައި އިހްތިޖާޖު ކުރައްވާ އަޑުގަދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށްގެންނެވެ. މެމްބަރުން ވިދާޅުވަމުން ގެންދެވީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ދެން މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް