އެމްޑީޕީގެ ޕީޖީން މަޖިލީހުގެ އަމީން އާންމާއި ބައްދަލު ކުރަމުން ގެންދަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައިވާތީ އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާގެ މައްސަލަ އެޖެންޑާ ކުރުމަށް ހަމަޖެހިފައި އޮތީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށެވެ.
އީވާގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެއް ނުވެ އެވެ. މިއަދުގެ ޖަލްސާގައި އެމްޑީޕީ މެންބަރުން ވަނީ އީވާގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އެހެން މައްސަލަތައް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާފަ އެވެ.
މިއަދުގެ ޖަލްސާއަށް އީވާގެ މައްސަލަ އެޖެންޑާ ނުކުރުމަށް އަމީން އާންމު ނިންމީ އެ ޖަލްސާގެ އިންތިޒާމު ކަނޑައަޅަންޖެހޭ އާންމު ކޮމިޓީ ފުރިހަމަ ނުވާކަމަށް ބުނެ އެވެ.
މަޖިލީހުގެ އަމީން އާންމު ނިއުޝާއާއި ބައްދަލު ކުރައްވަމުން ދަނީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އެވެ. ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން މަސައްކަތްތައް ފެށޭނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރާނެ އެވެ.
މިއަދު ބޭއްވި މަޖިލިސް ޖަލްސާ ނިންމާލާފައިވަނީ ޖަލްސާ ކުރިއަށް ގެންދިއުމަށް މެންބަރުން ހުރަސް އަޅާކަމަށް ބުނެ އެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވުމަށް މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އުޒުރުވެރިވުމުން ރިޔާސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ.