މި މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިދެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
ކުއްލި މައްސަލަ ހުށަހެޅުމަށް އާދަމް ޝަރީފަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ މިއީ މި މައްސަލަ ހުށަހަޅަން އެންމެ ރަނގަޅު ވަގުތު ކަމުގައި ނުދެކޭ ކަމަށާއި ނަމަވެސް ރިޔާސަތުން ފުރުސަތު ދެއްވުމުން މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ބަދަލުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ރާއްޖޭގެ ނޫހަކުން ޝާއިރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފައިސާ ދޫކުރި ކުންފުނިތަކުގެ ތަފްސީލް ސަރުކާރުން ހާމަކޮށްފައިވާ ނުވާކަން ޝަރީފް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ސަރުކާރުން ވަނީ ބަދަލު ދިން ކުންފުނިތަކުގެ މައުލޫމާތު ހާމަކުރަން ސަރުކާރުން ދެކޮޅުހަދާފައިވާކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ސަރުކާރުން ބަދަލުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޫކުރި ހުރިހާ ކުންފުނިތަކާއި ވަކިވަކި ފަރުދުންނަށް ފައިސާ ދޫކުރި އަދަދާއި ފައިސާ ދޫކުރަން ޖެހުނު ސަބަބު ރައްޔިތުންނަށް އެނގެން ޖެހޭކަމަށް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ކުއްލި މައްސަލަ ހުށަހަޅުއްވަން ފެއްޓެވުމުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ އާދަމް ޝަރީފްގެ ކުރިމައްޗަށް އަރާ އަޑުގަދަ ކުރަން ފަށާފަ އެވެ.
އިބްރާހިމް ޝަރީފް އަދި ޝީފާއު އެދެމުން ދިޔައީ ނިޒާމީ މައްސަލައެއް ނެގުމުގެ ފުރުސަތަކަށެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ކުއްލި މައްސަލަ ހުށަހަޅާ ނިމެންދެން ނިޒާމީ މައްސަލައެއް ނުނެގޭނެ ކަމަށެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ޓްރާންސްޕޯޓް މިނިސްޓަރާއި ސުވާލު ކުރުންވެސް ކުރިއަށް ނުގެންދެވި މިނިސްޓަރު ފޮނުވާލާފައިވަނީ ސުވާލު ކުރުމަށް ހަމަޖެހިފައިވާ ތިނަދޫ އިތުރު ދާއިރާގެ މެންބަރު އަބްދުﷲ މުގުނީ ސުވާލު ކުރުމަށް ދެކޮޅު ހެއްދެވުމުންނެވެ.
މެމްބަރުން މިއަދުގެ ޖަލްސާގައި އިހްތިޖާޖު ކުރައްވާ އަޑުގަދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށްގެންނެވެ. މެމްބަރުން ވިދާޅުވަމުން ގެންދެވީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ދެން މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ހަސަން އަފީފް މިއަދުގެ ޖަލްސާ ނިންމާލާފައިވަނީ ޖަލްސާ ކުރިއަށް ގެންދިއުމަށް މެންބަރުން ހުރަސް އަޅާކަމަށް ވިދާޅުވެ އެވެ.