އެމްއޭސީއެލުން ބުނީ މި ޕްރޮގްރާމް އިފްތިތާހުކުރުމަށް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ އާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު އަބްދުލް ރަހްމާން ކަމަށެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް އެކުލަވާލައި، އެ ގަވާއިދުތައް ތަންފީޒުކުރުމުގައި ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަން ސެކްޝަނުން ދަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެމްއޭސީއެލުން ބުނެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ގިނަ ފަރާތްތަކަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގައި އެ ކުންފުންޏާ އެކުވެސް ވަނީ ހާއްސަ މަސައްކަތްތަކެއް ކުރުމަށް ފެށިފައި ކަމަށެވެ.
އެމްއޭސީއެލްގެ ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓުން ވަނީ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުޅި އަހަރަށް ބަހާލައިގެން ބިނާރުގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށާފައި ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްއޭސީއެލުން ބުނީ މި ކެމްޕެއިންގެ ހަރަކާތެއްގެ ގޮތުން އިފްތިތާހުކުރި ރޯޑް ސޭފްޓީ އެވެއާނަސް ޕްރޮގްރާމްގެ ދަށުން ކުންފުނީގެ ސީނިއާ މެނޭޖްމަންޓާއި އާންމު މުވައްޒަފުންނާއި ޑްރައިވަރުންނަށް ހާއްސަ ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ތޯހާ ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމާއި ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލާފައި ކަމަށް އެ ކުންފުނިން ބުނެއެވެ. ހިނގާފައިވާ ގިނަ އެކްސިޑެންޓްތަކަކީ ބަލަންވާވަރަށް ނުބަލާ ދުއްވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކެއްކަން ފާހަގަކުރައްވާ ތޯހާ ވަނީ އެއާޕޯޓުގެ މަގުތަކުގައި ހިނގާފައިދާއިރު ބޮޑެތި ބަސްތަކާއި އުޅަނދުތައް ގިނައިން ދަތުރުކުރާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައި ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް، އަހުމަދު އަބްދުލް ރަހްމާންގެ ވާހަކަފުޅުގައި މުވައްޒަފުންގެ ކިބައިން އެދިވަޑައިގަތީ ފަރުދުންނަށް ނުރައްކާވެދާނެ ސަބަބުތައް ދެނެގަތުމުގައި ބޮޑު އަހައްމިއްޔަތެއް ދެއްވުމަށް ކަމުގައެވެ. އޭގެއިތުރުން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފަދަ ކަންތައްތައް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އެދިވަޑައިގެންނެވި ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލުން ބުނެފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށްފަހު އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.