މުބާރާތުގައި ނޭޕާލް ފުރަތަމަ ވާދަކުރީ ބޫޓާނާއެވެ. އިއްޔެ ހަވީރު ކުޅުނު މި މެޗުން ބޫޓާން މޮޅުވީ 61-55 ޕޮއިންޓުންނެވެ. އެހެންކަމުން މިއަދުގެ މެޗު ކާމިޔާބުކުރުން ނޭޕާލަށް ވަނީ ވަރަށް މުހިންމު ވެފައެވެ.
މިއަދު ހަވީރު ޕާކިސްތާނާއި ބައްދަލުކުރި މެޗު ނޭޕާލުން ކާމިޔާބުކުރީ 66-62 ންނެވެ. މެޗުގެ ފުރަތަމަ ކުއާޓާ ނިމުނީ 11-15 ން ޕާކިސްތާނު ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓާ ނިމުނު އިރުވެސް ފަސް ޕޮއިންޓުގެ ލީޑަކާއެކު ޕާކިސްތާނު އޮތީ ކުރީގައެވެ. ފުރަތަމަ ހާފު ނިމުނީ 28-33 ން ޕާކިސްތާނު ކުރީގައި އޮވެގެންނެވެ.
ނަމަވެސް ދެވަނަ ހާފުގައި ނޭޕާލުން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން ތިންވަނަ ކުއާޓާ ނިމުނުއިރު ނޭޕާލުން ވަނީ ހަތަރު ޕޮއިންޓުގެ ފަރަގަކާއެކު 49-45 ން ލީޑު ނަގާފައެވެ. ނޭޕާލުން މެޗު ކާމިޔާބުކުރީ ފަހު ކުއާޓާ ނިމުނުއިރު 66-62 ން މޮޅުވެގެންނެވެ.
ފަސް ގައުމުން ވާދަކުރާ މި މުބާރާތުގައި ފުރަތަމަ ކުޅޭނީ ލީގު ބުރެކެވެ. އެއަށްފަހު ސެމީ ފައިނަލުގައި ވާދަކުރާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެކެވެ.
މުބާރާތުގައި މިރޭ އޮންނާނީ ރާއްޖެއާ ބޫޓާ ބައްދަލުކުރާ މެޗެވެ. މި މެޗު ފަށާނީ މިރޭ 08:30 ގައެވެ.