ޝާހިދާއި ބްލިންކެންގެ މި ބައްދަލުވުމުގައި ޝާހިދުވަނީ ވިސާ މާފުކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ދަރިވަރުންނަށް ސްކޮލަޝިޕާއި އެކްސްޗޭންޖް ޕްރޮގްރާމްތަކުން ފުރުސަތު ދިނުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އެ ވާހަކަތަކާ ގުޅިގެން ބްލިންކެންވަނީ ވިސާ ދިނުމުގެ އުސޫލުތައް ދިވެހީން އެދޭ ގޮތަށް ބަދަލުކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން މަޝްވަރާކުރުމަށްފަހު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުންތަކުގެ އިތުރުން ޝާހިދުވަނީ އެމެރިކާގެ ޑެޕިއުޓީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ފައިނާއާ ބައްދަލުކުރައްވައި ބައެއް މަޝްވަރާތައް ވެސް ކުރައްވައިފައެވެ.
އެގޮތުން ދެ ގައުމުގެ މަސްލަހަތާ ގުޅިފައިވާ ސަލާމަތީ ނުރައްކާތަކާއި، ދެ ގައުމުގެ ދެމެދުގައި އޮތް ސްޓްރެޓެޖިކް ޕާޓްނާޝިޕް ވަރުގަދަކުރުމަށްޓަކައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ރޮނގުން އިތުރު އެއްބާރުލުން ދީ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކޮށްފައިވާކަމަށް ފޮރިންމިނިސްޓްރީން ބުނެއެވެ.
އެމެރިކާގެ ވޮޝިންޓަނުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ޓަކައި ޝާހިދު އެ ގައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ޝާހިދުވަނީ ޔުނިއިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސް އެއިޑް)ގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާއާ ވެސް ބައްދަލުކުރައްވާފައެވެ.