ads
ހަސަން އަފީފް
ނަޝީދުގެ މައްސަލަ ޕާކުކުރުން: ގަދަކަމުން ބަހުސްކުރުވަން އުޅޭކަމުގެ ތުހުމަތު!
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ލައްވައި ގަދަކަމުން ބަހުސްކުރުވަން މަސައްކަތް ކުރާކަމުގެ ތުހުމަތު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހަސަން އަފީފްއަށް ބައެއް މެންބަރުން ކުރައްވައިފިއެވެ.

އެމެންބަރުން މިގޮތަށް ތުހުމަތުކުރެއްވީ ރައީސް ނަޝީދު ރައްޔިތުންގެ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ބުނެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލީހުގެ ބްރޭކަށްފަހު "ޕާކު" ކޮށް، އިންތިހާބުތަކާ ބެހޭ ބިލަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަަކަށް ބަހުސްކުރަން ރިޔާސަތުން ހުޅުވާލުމުންނެވެ. 

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެ މަނިކުފާނު ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވާކަން އަންގަވާފައެވެ. މިހެންކަމުން މަޖިލީހުގެ ރިޔާސަތު މިވަގުތު ބަލަހައްޓަވަމުން ގެންދަވަނީ މަޖިލީހުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަހު މަޖިލީހުުގެ މެންބަރުކަން ކުރެއްވި މެންބަރު ހަސަން އަފީފެވެ. 

މިއަދު މަޖިލީހުގައި 10:30 ގައި ނެގި ބްރޭކަށްފަހު ރައީސް ނަޝީދާއި ދެކޮޅަށް ހުށަހެޅިފައިވާ އިމްތިޔާޒުގެ މައްސަލަ މަޑުޖައްސާލުމާއެކު އެ މައްސަލަ ހުށަހެޅި އެމްޑީޕީ މެންބަރުންގެ ވަނީ ކަންބޮޑުވުން ފާޅުކޮށް ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. 

މިގޮތުން އެންމެ ފުރަތަމަ ނިޒާމީ ނުކުތާ ނެންގެވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ "އިމްތިޔާޒުގެ މައްސަލައެއް ނުނިންމެނީސް އެހެން މައްސަލައަކަށް ނުދިއުމަށް ރިޔާސަތުން ނިންމަވާފައިވާ،" ކަމަށެވެ. 

އެ މައްސަލަ އަށް ޖަވާބު ދެއްވަމުން އަފީފް ވިދާޅުވީ "އިމްތިޔާޒުގެ މައްސަލައަކަށް ބަހުސްކުރަން އެދިފައިވާ ހުރިހާ މެންބަރުންނަށް އެ ފުުރުސަތު ދޭން މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ" ކަމަށެވެ. 

އަފީފުގެ އެ ޖަވާބާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވީ މަޖިލީހުގެ މެންބަރުން ލައްވައި ގަދަަކަމުން ވާހަކަ ދައްކަން ސިފައިންނާ ފުލުުން ގެނެސްގެން މެންބަރުން މަޖިލީހަށް ހާޒިރު ކުރެވޭނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. 

އެ މައްސަލައިގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހަންމަދު ޝިފާއު ވެސް ވިދާޅުވީ "މަޖިލީހުގައި މެންބަރުން ލައްވައި ގަދަކަމުން ވާހަކަދެއްކިދާނެކަމަށް" ގަބޫލު ނުކުރައްވާކަމަށެވެ. އަދި މަޖިލީހުގައި މިހާތަނަށް އަމަލުކުރަމުން ގެންދިޔަ އުސޫލަކީ ޖަލްސާއަށް ހާޒިރުނުވާ މެންބަރުންނަށް ފުރުސަތު ގެއްލޭ އުސޫލުކަމަށެވެ.

މެންބަރުން ނިޒާމީ ނުކުތާ ނެންގެވި ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވިދާޅުވީ، އޭނާ އަމަލު ކުރައްވަމުން ގެންދަވަނީ "މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް" ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް