އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން އަންގައިގެން ފޮނުވި ގޭންގަކުން އިހުތިޖާޖުގެ ތެރެއަށް ފުޅި އުކާފައިވާ ކަމަށާއި ސަރުކާރުގެ އެންގުމަށް ފުލުހުންވެސް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ.
އިދިކޮޅުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އިހުތިޖާޖުގެ ބައިވެރިންގެ ތެރެއަށް ފުލުހުން ޕެޕަ ސްޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި މިހުރިހާ ކަމެއް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އިދިކޮޅުން ބުންޏެވެ.
ރޭ ބޭއްވި އިހުތިޖާޖުގައި ޕީޕީއެމް ސެނެޓުގެ މެންބަރު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފްގެ މޫނަށާއި އަނގަޔަށް އަމާޒުކޮށް ޕެޕަ ސްޕްރޭ ޖެހުމުން ނޭވާއަށް އުނދަގޫވެ ހާސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފާވެ އެވެ.
މީގެ އިތުރުން ޕީޕީއެމް ސެނެޓުގެ އެހެން މީހެއްގެ ލޮލަށް ޕެޕަ ސްޕްރޭ ޖެހުމުން އޭނާގެ ލޮލަށް ނުފެންނަ ވަރަށް ލޯ ދުޅަވެފައިވާ ކަމަށާއި މީޑިއާ ފާސް އަޅައިގެން އުޅުނު ނޫސްވެރިންނަށް އަމާޒުކޮށް ޕެޕަ ސްޕްރޭ ޖަހާ ނޫސްވެރިން ގެންގުޅުނު އަގުބޮޑު ސާމާނައްވެސް ފުލުހުން ގެއްލުން ދީފައިވާކަމަށް އިދިކޮޅުން ބުނެ އެވެ.
އިދިކޮޅުން ބުނީ މިފަދަ އަމަލުތައް ހައްދު ފަހަނައަޅާފައި މިވަނީ މިފަދަ އަމަލުތައް ހުއްޓުވުމުގެ ގާނޫނީ ޒިންމާ ދީފައިވާ މުއައްސަސާތަކުން އެ ޒިންމާތައް އަދާ ކުރުމަށް ފަސް ޖެހޭތީ ކަމަށެވެ.
އެފަދަ އަމަލުތައް ހުއްޓުވުމުގެ ގާނޫނީ ޒިންމާ ހަވާލުކުރެވިފައިވާ މުއައްސަސާތަކުން މިކަންކަމަށް ސަމާލުކަންދީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސް ނުޖެހުމަށް އިދިކޮޅުން ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި ރޭގެ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.