ads
ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަމުން ދަނީ: މި ފަދަ މަޝްރޫއުތަކަށް ހޭދަކުރަނީ ގްރީން ފަންޑުން - ފޮޓޯ:އެމްޓީސީސީ
ފުރަތަމަ ފަސް މަހު ގުރީން ފަންޑުން މަޝްރޫއުތަކަށް 261 މިލިއަން ރުފިޔާ ހޭދަކޮށްފި
މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ގްރީން ފަންޑުން 261.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ގްރީން ފަންޑުން ރާއްޖޭގެ އެކި ރަށްރަށުގައި ތިމާވެއްޓާ ގުޅުންހުރި ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކާއި ކުނި މެނޭޖުކުރުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ގްރީން ފަންޑުން ވޭތުވެދިޔަ ފަސް މަހު ހަރަދުކޮށްފައިވެއެވެ.

އަަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ގްރީން ފަންޑުން ކޮށްފައިވާ ހޭދަ

  • ޖެނުއަރީ - 74.5 މިލިއަން ރުފިޔާ
  • ފެބްރުއަރީ - 66 މިލިއަން ރުފިޔާ
  • މާޗު - 77.4 މިލިއަން ރުފިޔާ
  • އެޕްރީލް - 35.8 މިލިއަން ރުފިޔާ
  • މެއި - 7.4 މިލިއަން ރުފިޔާ

ގްރީން ފަންޑުން މެއި މަހު 27 މަޝްރޫއަކަށް ހޭދަކޮށްފައިވާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މާލެ ސަރަހައްދުގެ އެންވަޔަރަންމަންޓް އިންޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއަށެވެ. އެ މަޝްރޫއަށް 3.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރަށްރަށުގައި ފެން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތަކަށެވެ. އެގޮތުން ހަތަރު ރަށެއްގައި ފެން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތަކަށް 2.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މެއި މަހު ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ:

  • މާލެ ސަރަހައްދުގެ އެންވަޔަރަންމަންޓް އިންޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއަށް - 3.2 މިލިއަން ރުފިޔާ
  • ހަތަރު ރަށެއްގައި ފެން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތަކަށް - 2.5 މިލިއަން ރުފިޔާ
  • ހަތަރު ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތަކަށް - 7 ލައްކަ ރުފިޔާ

ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމުގެ ގޮތުން ނަގާ މި ޓެކުހަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. ގްރީން ޓެކްސް ރިސޯޓުތަކާއި ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތަކުގެ އިތުރުން ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަން ޖެހެއެވެ.

ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި 83 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ރިސޯޓުތަކުންނާއި ހޮޓާތަކުން އަދި ގެސްޓް ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ 80.5 މިލިއަން ރުފިޔާ އާއި ސަފާރީތަކުން 2.5 މިލިއަން ރުފިޔާ އަދި ހޯމްސްޓޭތަކުން ލިބުނު 1،287 ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ގްރީން ޓެކްސް ރިޕޯޓުގައި ވާ ގޮތުން މެއި މަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކ. އަތޮޅުން 29.7 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެއީ އެ އަތޮޅުގެ ރިސޯޓުތަކުން ލިބުނު 26.9 މިލިއަން ރުފިޔާ އާއި ގެސްޓްހައުސްތަކުން ލިބިފައިވާ 2.7 މިލިއަން ރުފިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް