އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހާރު ތައްޔާރުވަމުން ދަނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށެވެ. އެ ބަޔާނުގައި ވަނީ އަންނަ އޮގަސްޓު މަހުގައި މަސައްކަތް ފަށާ 2028 ގެ ކުރީކޮޅު މަޝްރޫއު ނިމޭނެ ކަމަށެވެ.
ފުރަތަމަ އެއްބަސްވުމުގެ ދަށުން އެޅުމަށް ހަމަޖެހުނީ 5،000 އެއްހާ ހައުސިން ޔުނިޓު ކަމަށާއި ނަމަވެސް ލިބުނު ތަރުހީބު ބޮޑުކަމުން އެ އަދަދަށް ހައުސިން ޔުނިޓު އެޅުމަށް އޮތް ޕްލޭނަށް ބަދަލު ގެންނަން ޖެހުނީ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އާ ޕްލޭންގެ ދަށުން ހައުސިން ޔުނިޓުގެ އަދަދަށް އައި ބަދަލާއި ގަންނަން އެދުނު މީހުންގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
އެ ބަޔާނުގައިވާ ގޮތުގައި ޑަޗް ޑޮކްލޭންޑްސް ކުންފުނިން އަޅާ ފްލޯޓިން ސިޓީގެ ޔުނިޓުތަކުގެ ފެށޭ އަގުތައް ސަރުކާރުގެ އެދުމުގެ މަތިން މިހާރު ވަނީ އެއްލައްކަ ޑޮލަރަށް (1.5 މިލިއަން ރުފިޔާ) އަށް ދަށްކުރެވިފައި ކަމުގައެވެ.
ސަރުކާރާއި ޑަޗް ޑޮކްލޭންޑްސް އާ ދެމެދު 2010 ވަނަ އަހަރުގެ ތެރޭގައި ސޮއިކުރި މި މަޝްރޫއު ފެށޭނެ ތާރީހެއް ކަމުގައި އެކި ތާރީހުތައް މީގެ ކުރިން ދީފައިވެއެވެ. އެ މަޝްރޫއުގެ ދަށުން ހަދާ ހައުސިން ޔުނިޓުތަކުގެ މޮކަޕް މީޑިއާތަކަށް ދައްކާލުމަށް މީގެކުރިން ތިން ތާރީހެއް ދީފައިވެއެވެ. އެހެންނަމަވެސް މޮކަޕް ޔުނިޓު އަދި ދައްކާފައެއް ނުވެއެވެ.
ޑަޗް ޑޮކްލޭންޑްސްގެ ފަރާތުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ފްލޯޓިން ސިޓީ މަޝްރޫއު ނުނިމި ދިގުލައިގެން ދިޔަ މައިގަނޑު ސަބަބަކީ ސަރުކާރުގެ އެދުމަށް މާސްޓާ ޕްލޭން ބަދަލުކުރަން ޖެހުން ކަމަށެވެ.