ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު...
ޕާޓީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭތީ ވަކިވުން، ކިހާވަރަކުން ދާނެބާ؟
ފުރަތަމަ ހަނދާނަށް އަންނަނީ 2012 ފެބްރުއަރީ 7 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމަށް ލިއުއްވި ސިޓީގެ އިބާރާތެވެ.
Advertisement
"އަޅުގަނޑަށް މިއަދު ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސް ކަމުގައި ހުރެއްޖެ ނަމަ ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް އެތައް ގިނަ ގުނަ ގެއްލުންތަކެއް ވެދާނެ ކަމަށް އަޅުގަނޑަށް ފެންނާތީވެ، އަޅުގަނޑު މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފިން،"


މިއީ މީގެ 11 އަހަރާ 4 މަހާ 16 ދުވަސް ކުރީން، ރާއްޖޭގެ ސިޔާސީ މަސްރަޙް ވަރަށް ހަލަބޮލިކޮށްލި ތާރީހީ ވާހަކަފުޅެކެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނުވަތަ ރައީސް ނަޝީދު އިސްތިއުފާ ދެއްވަމުން ވިދާޅުވި ބަސްފުޅެވެ. މަޝްހޫރު ހަތެއް ފެބްރުއަރީގެ ފެށުމެވެ. އޭގެ އެއް ދުވަސް ފަހުން، މުޅި ރާއްޖެ ހަލަބޮލިވެގެން ދިޔަ ގޮތާ، ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖަހައި، ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ދިޔަގޮތް މިއަދު ވެސް ގިނަ ބަޔަކު ހަމަ ޔަގީނުން ވެސް ހަނދާނުން ނުފިލާނެ އެވެ.

ތާރީހުގެ ފަތްފުށްތައް ހާވާލާއިރު، މިވަގުތާ އެންމެ ގުޅޭ އެއް ވާހަކައަކީ ކުރީން މިދެންނެވި ހަތެއް ފެބްރުއަރީގެ ވާހަކަކަން ޔަގީނެވެ. އެހެނީ، ހަމަ ކުރިން އެމަނިކުފާނު ރައީސްކަމުން އިސްތިއުފާދެއްވި އިރު އެވިދާޅުވި މޭރުމުން، ރައީސް ނަޝީދު އޭރު ވިދާޅުވި ބަސްފުޅު މިއަދު މިވަނީ ދާދި އެއް ގޮތަކަށް ތަކުރާރު ކުރައްވާފައި އެވެ.

"ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުން ދާގޮތަށް ބަލާ، އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭކަމުން، އަޅުގަނޑު ތިޔަ ޕާޓީއިން ވަކިވި ވާހަކަ ދެންނެވީމެވެ." މިއީ މީގެ ބަރާބަރު 18 އަހަރު ކުރީން ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ ވުޖޫދަށް ގެނައުމުގެ މޭސްތިރިޔާ، އެ ޕާޓީން އިސްތިއުފާ ދެއްވި ސިޓީގައި ވިދާޅުވި ބަސްފުޅެވެ. މިވަގުތު އެމްޑީޕީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ، އެޕާޓީގެ އެންމެ ހަރަކާތްތެރި، އެންމެ ދުވަސްވީ އަދި ބުނެވޭގޮތުގައި އެޕާޓީގެ އެންމެ ގިނަބައެއްގެ ލޯބި އަދިވެސް އޮތް ރައީސް ނަޝީދު މިވަނީ، "އެ އޮޑީގެ އުމުރުން 18 އަހަރު ނުވަނީސް"، 17 އަހަރާ 11 މަހާ 30 ދުވަސް ހޭދަކުރެއްވުމަށް ފަހު، އެޕާޓީން ވަކިވެފައި އެވެ.

ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ކަމުން އިސްތިއުފާ ދެއްވި ހާލަތާ މިހާރުގެ ހާލަތު، އެމަނިކުފާނުގެ ނަޒަރިއްޔާތުން މިނެކިރާލާ ނަމަ، ދާދި އެއްގޮތް އޭރު ގައުމެވެ. މިފަހަރު ލޯބިވާ ޕާޓީ އެވެ.

މި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވެގެން ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި، ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސްގެ ގޮތުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި މުޙައްމަދު ނަޝީދަކީ ސިޔާސީ ވަރަށް ގިނަ ކަންކަމުން ވަރަށް ހާއްސަ ބޭފުޅެކެވެ. 

އެތަކެއް ހާސްބައެއްގެ ލޯތްބާއި އިހްތިރާމް މިއަދުވެސް ލިބިވަޑައިގެން ހުންނެވި ރައީސް ނަޝީދު އޭރު ރައީސުލްޖުމްހޫރިއްޔާ ކަމުން އިސްތިއުފާ ދެއްވުމަށްފަހު، އޭގެ އެއްދުވަސް ފަހުން، އެމަނިކުފާނަށް ތާއީދު ކުރާ އެތަކެއް ހާސް ސަޕޯޓަރުންނާއެކު، މަގުތަކަށް ނުކުމެ ވިދާޅުވަމުން ގެންދެވީ، އެމަނިކުފާނު އިސްތިއުފާ ނުދެއްވާ ކަމަށެވެ. އަދި ބޮލުގައި ބަޑި ޖައްސާފައި، ގަދަކަމުން އިސްތިއުފާދެއްވަން މަޖުބޫރުކުރުވީ ކަމަށެވެ.

މިއަދުވެސް އެމްޑީޕީންވެސް، އަދި އެޕާޓީގެ ސަޕޯޓަރުން ވެސް ގަބޫލުކުރާ ގޮތުގައި، އޭރު ރައީސް ނަޝީދު އިސްތިއުފާ ދެއްވީއެއް ނޫނެވެ. އެފަރާތްތަކުން މިއަދުވެސް ގަބޫލުކުރާ ގޮތުގައި ހަތެއް ފެބްރުއަރީ 2012 ހިނގި ހާދިސާއަކީ، ފުލުހުންނާއި، ސިފައިން އިސްވެ ބަގާވާތުން ވެރިކަން ފުރޮޅާލުމެވެ.

އޭރު ދެއްވި އިސްތިއުފާއަށް ފަހު، އެންމެ ގަދައަށް އިވެމުން ދިޔަ އެއް އަޑަކީ"

"މިއޮޑިއެއް ނުފެތޭނެ، މިއޮޑި ދާނީ އަބަދުވެސް ބާރަށް ކުރިއަށް"

ރައީސް ނަޝީދު އޭރު ވިދާޅުވަމުން ގެންދެވި މިފަދަ ބަސްފުޅުތަކެވެ. ކޮންމެއަކަސް، އެފަދަ ހިތްވަރުގަދަ މާލިމީއަކާއެކު، ކަނޑަށް ނުކުތް އޮޑި، 2018 ވަނަ އަހަރު ބަނދަރުކުރީ، އަނެއްކާވެސް ރާއްޖޭގެ ސިޔާސީ މަސްރަހު އެކުއެކީ އަނބުރާލުމަށް ފަހު އެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައި ކުރެއްވި ސިޔާސީ ވަރުގަދަ ހަނގުރާމައަށް ފަހު، އަނެއްކާވެސް އެމްޑީޕީއަށް ގައުމުގެ ހުންގާނު 2018 ވަނަ އަހަރު ލިބިގެންދިޔައ އެވެ. މިފަހަރު، ވެރިކަމަށް އައީކީ ރައީސް ނަޝީދެއް ނޫން. އެހެނަސް، އެމަނިކުފާނުގެ އެންމެ ގާތް މިތުރު، އަދި އޭރު އެމްޑީޕީ ހަރަކާތްތަކުގައިވެސް އެންމެ އިސްކޮށް އުޅުއްވި، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙު އެވެ. 

އެއީ ސީދާ ރައީސް ނަޝީދުގެ ހޮއްވެވުމެކެވެ، ނަޝީދުގެ ސިޔާސީ އުފެއްދުމެކެވެ. ބުނެވޭ ގޮތުގައި ރައީސް ނަޝީދު ރައީސް ސޯލިހް ވެރިކަމަށް ގެންނެވީ،"ޑީލެއް"ގެ ދަށުންނެވެ. ރައީސް ނަޝީދަށް އަލުން އަނބުރާ ވެރިކަމަށް އާދެވޭނޭ މަގު ކޮށްޓަވާފައި އެވެ. އެހެނަސް، އެ ބޭފުޅުންގެ ޑީލާ އެއްގޮތަށް ކަންކަން ނުދިޔުމާއި، އަދި ހާއްސަކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް ގެއްލުނު ހިސާބުން، މިތުރުން ހަތުރުންނަށްވެ، އެއްކަލަ ނުފެތޭނެއޭ ބުނި އޮޑީގެ މާލިމީއާ މިސްރާބު ވެސް މިއަދު އެއްކޮށް މިވަނީ ބަދަލުވެފައި އެވެ.

your imageރައީސް ނަޝީދުގެ އެމްޑީޕީގެ އެއްވުމެއްގައި ބައިވެރިވެވަޑައި ގަންނަވަނީ

އެއީ މާޒީ އެވެ. މިއަދު ގޮވަނީ، "މިއޮޑިއެއް ނުފެތޭނެ"އެކޭ ނޫންނެވެ. މިއަދު ގޮވަނީ "މިއީ ހިތާ ހިތުގެ ގުޅުމެކޭ" ވެސް ނުމެނޫން މެއެވެ. މިއަދު ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ގޮވަނީ މިއީ "ފިކުރެއްގެ ދިރުން" ކަމަށެވެ. އެމްޑީޕީގައި މިއަދު ވަނީ، ރައީސް ނަޝީދުގެ ފިކުރު ނޫންކަމަށެވެ. ސަރުކާރު ވަނީ، ކޮރަޕްޝަނާ ފަސާދައިން ފުރި، ވަގުންގެ ހާއްޔަކަށް ވެފައި ކަމަށެވެ. 

އަދި ހަމަ އެއާއެކު، ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" މިއަދު މިވަނީ، ސިޔާސީ އާ ޕާޓީއެއް އުފައްދައި، ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަރުޙަލާގައި އެވެ. "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އަލަށް އުފައްދާ ޕާޓީ، ތަފާތު ސަބަބުތަކާހުރެ އަދިވެސް ރަޖިސްޓްރީއެއް ނުކުރެވޭ. ރައީސް ނަޝީދުގެ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި، ޕާޓީ ރަޖިސްޓްރީ ނުވެ މިދަނީ، ސީދާ ރައީސް ސޯލިހުގެ އަމުރުފުޅަށް، އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ކުރާ ޖެއްސުމުން ނެވެ. އެންމެ ފަހުން، މި ގަދަ ތޫފާނުގެ ތެރޭގައި، ރައީސް ނަޝީދު މިވަނީ، ނުތެފޭނޭ ކަމަށް ވިދާޅުވި އޮޑި ދޫކޮށް، އާ އޮޑި ހޯދުމަށް، އާ މަންޒިލެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައި އެވެ.

ރާއްޖޭގެ ސިޔާސީ ވެއްޓަކީ، މީހަކު ހީވެސް ނުކުރާނޭ ފަދަ ގޮތަކަށް އެނބުރިގެން ހިނގައިދާނޭ އެއްޗެއްކަން، މިއަދު ދިވެހީންނަށް ވަރަށް ރަނގަޅަށް މިދަނީ، ތަޖްރިބާކުރެވެމުންނެވެ. އެމްޑީޕީން އިސްވެ އުފެއްދި އިއްތިހާދަށް ރައްޔިތުން ގައުމު ހިންގުން ހަވާލުކުރީ ފޮނި އުންމީދުތަކަކާއެކުއެވެ. މިއިން ޒަމާނެއްގައިވެސް ސިޔާސީގޮތުން އެއްބަޔަކަށް ނުދޭހާ ބާރާއެކު އެވެ. އެހެނަސް، ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް އޮވެމެ، ރައީސް ސޯލިހަށް ބޭނުންފުޅުވާގޮތަށް، އެމަނިކުފާނުގެ ރިޔާސީ ވައުދު ފުޅުތަކާ އެއްގޮތަށް، ކަންކަން އެންމެ ފުރިހަމައަށް ނުގެންދެވުމުގެ ޒިންމާ އެމަނިކުފާނާއި އެމަނިކުފާނުގެ ސަޕޯޓަރުން އަޅުވަނީ، ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އެވެ. ސީދާ ރައްޔިތުންނާ ގުޅޭ މުހިއްމު ގާނޫނުތަކެއް ފާސްނުކުރެވި، އަދި މުހިއްމު ބިލްތަކެއް ކުރިއަށް ގެންދިއުމަށް ރައީސް ނަޝީދު މަޖިލީހުގެ ރައީސަކަށް ހުންނަވައިގެން ހުރަސް އަޅުއްވާކަމަށެވެ. 

މަޖަލަކަށް ނަމަވެސް މިއަދު، އެމްޑީޕީ މެންބަރުންގެ ދުލުން ރައީސް ނަޝީދާ މުހާތަބުކޮށް، "އިސްތިއުފާ ދެއްވި ރައީސް" އޭ ބުނާ އަޑުއިވެން ފަށައިފި އެވެ. "ފިކުރެއްގެ ދިރުން" އެއީ "ފަކުރެއްގެ ދިރުން" ގޮތަށްވެސް ސިފަކުރާން ފަށައިފި އެވެ. ހަމަ އެހެންމެ، ރައީސް ސޯލިހުގެ "ޒީރޯ ޓޮލަރެންސް ސިޔާސަތަށް" ރައީސް ނަޝީދުގެ ސަޕޯޓަރުން ހަޖޫ ޖަހާ އަޑު ގަދަވެއްޖެ އެވެ. ހަމަ އެހެންމެ، ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރީން ރައީސް ސޯލިހް މުހާތަބުކޮށް ގޮވަމުން ދިޔަ ބަސްތައް މިއަދު ޑިމޮކްރެޓުންގެ ދުލުން މިވަނީ ގިނަވެފައި އެވެ. 

ކޮންމެއަކަސް، ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް އެމްޑީޕީގެ މުށުތެރެއަށް ލިބި، ފަސް އަހަރުގެ ދައުރެއް ނިމޭއިރު، ރައްޔިތުން ތިބީކީ އުފަލަކުންނޭ ނުދެންނެވޭނެ އެވެ. ކަންކަން ނުކުރެވެނީ، "އިދިކޮޅުގެ އުނދަގުލާ ހެދި"އެކޭވެސް މިފަހަރު ބުނެވޭކަށް ނެތެވެ. މިއަދު ސަރުކާރު ކޮޅުގެ މެޖޯރިޓީވެސް، އަދި އިދިކޮޅުގެ މެޖޯރިޓީވެސް އޮތީ "އެމްޑީޕީ ފިކުރު"ގެ އަތްމަތީގައި އެވެ. ދެކޮޅަކީވެސް އެމްޑީޕީ ފިކުރު އެވެ.

ރައީސް ނަޝީދު މިވަނީ އަނެއްކާވެސް އަމިއްލަ އަތުން ސިޓީ އެއް ލިއުއްވާ އިސްތިއުފާ ދެއްވާފައި އެވެ. މިފަހަރު އިސްތިއުފާ ދެއްވާފައި މިވަނީ، އެމަނިކުފާނު އެންމެ ލޯބިފުޅުވާ ޕާޓީންނެވެ. އަދި އެ ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމުގެ ކުރީން، ޕާޓީގެ އެތެރޭގެ އިންތިހާބު "ވަގަށް ނެގި" ކަމުގެ ތުހުމަތާއި، ޕާޓީ ތެރޭގައި ތިބީ ހުސް ވަގުންނާއި ކޮރަޕްޓް ފަރާތްތައް ކަމަށްވެސް އެމަނިކުފާނުގެ ފިކުރުގެ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ގޮވަމުނެވެ.

ސުވާލަކީ މިފަހަރު މިކަން ކިހާވަރަކުން ދާނޭބާއެވެ؟ މިފަހަރު މިއީ "ޕާޓީ ތެރޭގެ ބަގާވާތެއް" ކަމަށް ވިދާޅުވެ، އޭރު ނުކުންނެވި ގޮތަށް މަގުމައްޗަށް ނުނުކުންނާނޭ ބާވައެވެ؟ ނޫނީ، ދެން ކަންކަން ވެގެންދާނީ ކިހިނެތްބާވައެވެ؟ "ޕާޓީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭތީ" ވަކިވުން ކިހާވަރަކުން ދާނެބާއެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް