ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑީޕީއަށް ގުޅުމަށް ސްޓެލްކޯގައި ބޭއްވި ހަފްލާގައި މިއަދު ވާހަކަ ދައްކަވަމުން އިކޮމޮމިކް މިިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވީ ދިވެހިރާއްޖޭގައި އެކަށީގެންވާ އިދިކޮޅު ޕާޓީއެއް މިހާތަނަށް ނެތްކަމަށާއި، އިދިކޮޅު އުފެދުނީ ވެސް އެމްޑީޕީގެ އެތެރެއިން ކަމަށެވެ.
އެމްޑީޕީގެ ރައީސް މަގާމުގައި ހުންނެވި ރައީސް ނަޝީދު އެ ޕާޓީން ވަކިވުމާ ގުޅިގެން ފައްޔާޒު ވިދާޅުވީ އެއީ ހިތާމަވެރިކަމެއް ނަމަވެސް އެމްޑީޕީއަށް ލިބުނު ހީނަރުކަމެއް ނޫންކަމަށެވެ.
ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށްފަހު އެމްޑީޕީގެ އެތެރޭގައި އޮތް ހަަމަނުޖެހުންތައް ތިލަވަމުން ގޮސް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ 13 މެންބަރުން އެ ޕާޓީ ދޫކޮށް 'ދަ ޑިމޮކްރޭޓްސް' ނަމުގައި ޕާޓީއެއް އުފައްދުމުގެ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ދަ ޑިމޮކްރޭޓްސް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ނުދޭ މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. މިއަދު އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަސް ޕާޓީއަކުން ބުނީ އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުން އަންނަގޮތުން ރިޔާސީ އިންތިހާބު އިންސާފުވެރިވެދާނެ ކަމާމެދު ސުވާލު އުފެދޭކަމަށެވެ.
އިދިކޮޅުން ތުހުމަތު ކުރަނީ އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެންބަރުން "ސަރުކާރާ ގުޅިގެން މަސައްކަތް ކުރާ" ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު އާދިއްތަ ދުވަހު ސީއެންމްގެ އިތުރުކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ "އީސީ ގެ މެންބަރުން ސްކޫލު ދަރިވަރިންގޮތަށް ބޮޑާހާކަމުން އަންނަ" ކަމަށެވެ.
'ދަ ޑިމޮކްރޭޓްސް' ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ އަދިވެސް ލިބިފައިނުވަނީ، އީސީގެ ދެ މެންބަރަކު ސޮއި ނުކުރެއްވުމުންކަމަށް އެ ކޮމިޝަނުގެ ރައީސް ވިދާޅުވެއެވެ.