ads
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްްދީން ފޮޓޯ: ރާއްޖެ.އެމްވީ
ގޯތި ލިސްޓުން ބިދޭސީ ދިވެހި ތިން މީހެއްގެ ނަން ފާހަގަ ވެއްޖެ: އަކްރަމް
މާލޭ ސަރަހައްދުން ގޯތި ލިބޭނެކަމަށް ޝަރުތުހަމަވާ މީހުންގެ ލިސްޓުން، ފަހުން ދިވެހި ރައްޔިތުންނަށް ވެފައިވާ ބިދޭސީ ތިން މީހެއްގެ ނަން މިހާތަނަށް ފާހަގަ ވެފައިވާކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރަށްވެހިންނަށް ވެފައިވާ އިންޑިއާގެ ދެމީހަކަށް ގޯތިލިސްޓުން ޝަރުތުހަމަވާކަމަށް ދެއްކުމުން އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އަކްރަމް މިއަދު ވިދާޅުވީ މިހާތަނަށް އެގޮތަށް ތިބި ތިން މީހެއްގެ ނަން ހައުސިން މިނިސްޓްރީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އެފަދަ އެއްވެސް މީހަަކަށް ގޯތި ނުދޭނެކަމަށާއި ގޯތި ފައިނަލް ލިސްޓް އާއްމުވެގެން ދާއިރު އެގޮތަށް ތިބި މީހުންގެ ނަންތައް އުނިކުރެވޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް އަކްރަމް މިއަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް ތިން މީހެއްގެ ނަން ފާހަގަވެއްޖެ، އެ ނަންތައް އަޅުގަނޑުމެން އެކްސްކްލޫޑް ކުރާނަން، އެމީހުނަށް ދިނުމަށް ވުރެ ރަނގަޅުވާނެ ރާއްޖޭގެ އެހެން ރައްޔިތުންނަށް ދިނުންވެސް މާލެއިން ގޯތި، މާލޭ މީހުނަށް އެކަނި ހާއްސަކުރީވެސް އެވަރަށް ގޯތި ދެވެން ނެތިގެން، މާލޭ މީހުނަށް ދީ ބާކީވެއްޖެ ނަމަ އެހެން ރައްރަށުގެ ރައްޔިތުންނަށް ދިނުން މާ އަލުލާކަންބޮޑު މާފަހު ރާއްޖޭގެ ރައްވެހިކަން ހޯދާފައިވާ ބިދޭސީންނަށް ދިނުމަށްވުރެ، އަޅުގަނޑު ޔަގީންކަން އަރުވަން އެ ނަންތައް ފައިނަލް ލިސްޓުން އެކްސްކުލޫޑް ކުރެވޭނެކަން" - އަކްރަމް

މާލޭން ގޯތިލިބޭކަމަށް ޝަރުތުހަމަވާ ލިސްޓްގައި ފަހުން ދިވެއްސަކަށްވީ އިންޑިއާ މީހެއްގެ ނަން ހިމެނިފައިވާކަން އިއްޔެ ސަމާލުކަމަށް އައުމުން އަކްރަމް އިއްޔެ ވިދާޅުވީ އެއީ ޑީއެންއާރުގެ ޑާޓާބޭސްގައި އެ މައުލޫމާތު ނެތުމުން އެރި އޮޅުމެއްކަމަށެވެ.

ދާދިފަހުން ދިވެހި ރައްޔިތަކަށްވީ އިންޑިއާ މީހެއްގެ ނަން މާލެއިން ގޯތިލިބޭކަމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓްުގައި އޮތީ އޮޅުމަކުންކަމަށް ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

މާލެއިން ގޯތި ލިބޭކަމަށް ޝަރުތުހަމަވާ މީހުންގެ ލިސްޓްގައި އޮތީ މއ. މަލިކުވިއު، ހަބީބު ރަހިމާން މުހައްމަދު ހަނީފާ އެވެ. އޭނާއަކީ ރާއްޖޭގައި ވިޔަފާރި ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ އަދި ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ އިންޑިއާ މީހެކެވެ.

އޭނާއަށް ދިވެހި ރައްޔިތުކަން ލިބިފައިވަނީ މީގެ ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރު ކުރިންކަމަށް މައުލޫމާތު ލިބެއެވެ.

އަކްރަމް އިއްޔެ ސީއެންއެމްއަށް ވިދާޅުވީ ގޯތިލިބޭ ލިސްޓްގައި އޮން އިންޑިއާ މީހާއަކީ މިހާރު ދިވެހި ރައްޔިތެއް ނަމަވެސް އޭނާއަކީ މާލެއިން ގޯތި ދިނުމަށް ޝަރުތުހަމަވާ މީހެއް ނޫންކަމަށެވެ. އަދި ދާއިމީ ލިސްޓް ނެރޭއިރު އެކަން އިސްލާހު ކުރާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

"މާލެއިން ގޯތި ލިބޭ މީހުންގެ ޝަރުތުގެ ތެރޭގައި ހިމެނޭނެ އެއްވެސް އިރެއްގައި އެހެން ރަށެއްގައި ރަޖިސްޓްރީ ވެފައިވާ މީހަކަށް ނުވުން، އޭނާއަކީ މިހާރު ދިވެހި ރައްޔިތެއް ނަމަވެސް ކުރިން އިންޑިއާ މީހަކަށް ވީމަ ޝަރުތު ހަމައެއް ނުވޭ، ތި މައްސަލަ އެކަންޏެއް ނޫން، އެހެން ބައެއް މައްސަލަތައްވެސް އެބަހުރި، ވަގުތީ ލިސްޓެއް ނެރުމުގެ ބޭނުމަކީވެސް އެހެންހުރި މައްސަލަތައް ހައްލުކުރުން، ދާއިމީ ލިސްޓް ނެރޭއިރު ތިހެންހުރި ހުރިހާ މައްސަލަތަކެއް ހައްލު ވާނެ" - އަކްރަމް

އަކްރަމް ވިދާޅުވީ މާލޭ ރަށްވެއްސެއްތޯއާއި އެއްވެސް އިރެއްގައި އެހެން ތަނެއްގައި ރެޖިސްޓްރީ ވެފައިވޭތޯ ބަލަނީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑާޓާބޭސްއިން ކަމަށެވެ. ނަމަވެސް މިހާރު ދިވެއްސަކަށް ވެފައިވާ މީހާއަކީ ކުރިން އިންޑިއާ މީހެއްކަން ޑާޓާބޭސްއިން އެނގެން ނެތްކަމަށް އަކްރަމް ވިދާޅުވިއެވެ.

މާލެއިން ގޯތި ލިބޭނެކަމަސް ޝަރުތުހަމަވާ މީހުންގެ ލިސްޓްގައި އޭނާގެ ނަން އޮތީ، ޑީއެންއާރުގެ ޑާޓާބޭސްއިން އޭނާގެ ކުރީގެ ރަށްވެހިކަން އެނގެން ނެތުމުން އެރި އޮޅުމަކުންކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް