މަސްތުވާތަކެތި ހޯދަން ފުލުހުން ހަފުތާއެއްހާ ދުވަހު ފިލިތެޔޮ ކައިރިން ކަނޑުގެ ސަރަހައްދެއް ބެލި އެވެ.
މީގެ ކުރިން ވެސް މޫދަށް ފައްތާފައި ހުއްޓާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ. އަދި ފަޅު ރަށްރަށުގައި ވަޅުލާފައި ހުއްޓާ ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވެ އެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ގިނަ އަދަދެއްގެ ޑްރަގް އެގޮތަށް ފޮރުވާފައި ބަހައްޓަނީ، ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭނުންކޮށްގެން އެހެން ގައުމުތަކަށް ޑްރަގް ފޮނުވުމަށެވެ.
ފިލިތެޔޮ ކައިރިން މޫދަށް މަސްތުވާތަކެތި ފައްތާފައި ހުއްޓާ އެ ހިސާބުގެ މަސް ދޯންޏަކަށް ފެނިގެން މެއި 18، ގައި އެކަން ފުލުހުންނަށް ރިޕޯޓުކުރުމުން ފުލުހުން ހިންގި އޮޕަރޭޝަނުގައި އަތުލައިގަތީ 45 ކިލޯގެ ހެރޮއިން އެވެ.